Support Us

އަލަށް ފެނުނު ޑްވާފް ޕްލެނެޓުކަމަށް ބެލެވޭ އެތީގެ ހިޔާލީ ކުރެހުމެއް

ޕްލޫޓޯގެ ބިއްދޮށުން އާ ޑްވޯފް ޕްލެނެޓެއް ކަހަލަ އެއްޗެއް ފެނިއްޖެ

ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމް ނުވަތަ އިރުގެ ނިޒާމުގެ އެންމެ ބޭރުގައި ހިމެނޭ ޑްވޯފް ޕްލެނެޓް ޕްލޫޓޯގެ ބޭރުން އާ ޑްވޯފް ޕެލެނެޓެއް ކަހަލަ އެއްޗެއް ފެނިއްޖެއެވެ.

ފަލަކީ މާހިރުން ބުނީ މި ދިޔަ މަހު ފެނުނު "2026 އީޑީ138″ގެ ނަން ދީފައިވައި މި ޑްވާފް ޕްލެނެޓް ކަހަލަ އެތި، ދުނިޔެ ހިމެނޭ އިރުގެ ނިޒާމުގައިވާ އެންމެ ބޮޑު އެއް ޑްވޯފް ޕްލެނެޓްކަމުގައިވެދާނެކަމަށެވެ.

އާންމު ޕްލެނެޓަކަށްވުމުގެ ޝަރުތުތަކަކީ އިރު ވަށައިގެން ދައުރުވުމާއި ގާތްގަނޑަކަށް ވައް ބައްޓަމަށް އަމިއްލައަށް ބަދަލުވުމަށް ބޭނުންވާވަރުގެ ދަމާބާރު ހުރުމާއި އަދި އެ އެއްޗެއްގެ ދައުރުކުރާ އޯބިޓުގައި ހުރި އެހެން އެއްޗެހި އެ އެ އޯބިޓުން ދުރުކޮށްލެވުމެވެ. ޑްވޯފް ޕްލެނެޓެއްގައި ފުރަތަމަ ދެ ޝަރުތު ފުރިހަމަވި ނަމަވެސް އެ އެއްޗެއް ދައުރުކުރާ ސަރަހައްދު ސާފެއް އެ އެއްޗަކަށް ނުކުރެވެއެވެ.

އަލަށް މި ފެނުނު ޑްވޯފް ޕްލެނެޓް ކަހަލަ އެތި ފެނުނީ ޗިލީގައި ހުންނަ އެން.އެސް.އެފް-ޑީ.އޯ.އީ ވޭރާ ސީ. ރޫބިން އޮބްޒަވޭޓަރީއަށެވެ. ސައިންސްވެރިން މި ހޯދުން އިއުލާންކުރީ މި ދިޔަ މަހު 27 ގައެވެ. އެ މީހުން ލަފާކުރާ ގޮތުގައި މީގެ ހުރަސް މިނުގައި ހުރީ 600 ކިލޯމީޓަރު (372 މޭލު) އާއި 1،500 ކިލޯމީޓަރު (932 މޭލު)އާ ދޭތެރޭގެ ބޮޑު މިނެކެވެ. މި ޑްވޯފް ޕްލެނެޓް ކަހަލަ އެތި ހުރީ އިރާ ގާތްގަނޑަކަށް 4.3 ބިލިއަން މޭލު ދުރުގައެވެ.

މި ޑްވޯފް ޕްލެނެޓް ކަހަލަ އެތި ދެނެގަތީ ދުނިޔޭގެ އެންމެ ބޮޑު އެއް ފަލަކީ އިލްމް ދިރާސާކުރާ ތަންކަމަށްވާ އެމެރިކާގެ ސެންޓާ ފޯ އެސްޓްރޯފިޒިކްސް/ހާވަޑް އެންޑް ސްމިތްސޯނިއަންގެ ފަލަކީ މާހިރު މެތިއު ހޯލްމަނެވެ.

"އަހަރެންގެ ފުރަތަމަ އިހުސާސަކީ އުފަލުން ގޮސް ގަބޫލުކުރަން ދަތިވުން. މި ފަދަ އެއްޗެއްސަކީ ވަރަށް ނާދިރު އެއްޗެހި. އެހެންވެ އަހަރެންނަށް ނުވަތަ ކޯޑަށް ނަމަވެސް ނުބައިކޮށް ކަމެއް ކުރެވިފައިވޭތޯ އަހަރެން ވަގުތުން ޗެކްކުރަން ފެށިން،" އޭނާ ބުންޏެވެ.

ޕްލޫޓޯ އަދިވެސް ބެލެވިފައިވަނީ ޑްވޯފް ޕެލެނެޓެއްގެ ގޮތުގައެވެ. ފަލަކީ އިލްމާ ބެހޭ ކަންތައްތައް ބަލަހައްޓާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމާއަތް، އިންޓަނޭޝަނަލް އެސްޓްރޯނޮމިކަލް ޔޫނިއަނުން 2006 ގައިވަނީ ޕްލޫޓޯއަކީ ދުނިޔޭގެ އިރުގެ ނިޒާމުގެ ނުވަވަނަ އާއްމު ޕްލެނެޓްގެ ގޮތުގައި އޮތް އޮތުން ޑްވޯފް ޕެލެނެޓެއްގެ މަގާމަށް ހަމަޖައްސައިފައެވެ.

އީޑީ138 ގެ ބޮޑު މިނާއި ދަރަޖަ ކަށަވަރުކުރުމަށްޓަކައި ސައިންސްވެރިން އިތުރަށް ހޯދުންތައް ހޯދަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް