ނޭޕާލް-ޗައިނާ ބޯޑަރަށް މި ދިޔަ މަހު 26 ގައި ކުރިމަތިވި ކުއްލި ފެންބޮޑުވުމުގައި ނޭޕާލުން 8،000 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވީކަމަށް ބެލެވެން ފަށައިފިއެވެ.
އާދީއްތަ ދުވަހާ ހަމައަށް ނޭޕާލް ފުލުހުންވަނީ 1،451 މީހުން މަރުވިކަން ކަށަވަރުކޮށްދީފައެވެ. އަދި ބުނީ ގާތްގަނޑަކަށް 6،000 މީހުންވަނީ ގެއްލިފައިކަމަށެވެ.
"މިއީ 2015 ގައި ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދާ ގާތްކުރާ އަދަދެއް،" ހަފުތާބަންދުގައި އިންޑިއާގައި އޮތް ސެމިނާރެއްގައި ނޭޕާލްގެ މާލީ ވަޒީރު ސްވަރްނިމް ވާގްލޭ ވިދާޅުވިއެވެ.
އެ އަހަރުގެ ބިންހެލުމުގައި ނޭޕާލުން 8,856 މީހުން މަރުވިއެވެ. ހަމަ އެ ބިންހެލުމުގައި ޗައިނާ، އިންޑިއާ އަދި ބަނގްލަދޭޝް ސަރަހައްދުން 106 މީހުން މަރުވިއެވެ.
ގަނޑުފެނުގެ ކޯރެއް ފޭބުމުން ކޯރެއްގެ ފެން ބެދި، އެއަށް ފަހު އެ ކޯރު ބަންޑުން ދިއުމުން ނޭޕާލް-ޗައިނާ ބޯޑަރަށް މި ދިޔަ މަހު ކުރިމަތިވި ކުއްލި ފެންބޮޑުވުމުގައި 13،800 މީހުން މިހާތަނަށްވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް ނޭޕާލަކީ ހިމާލިޔާ ފަރުބަދަމަތީ ގައުމަކަށްވާތީ، އަދިވެސް ކުރިއަށްގެންދާ، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.
ގެދޮރާއި މަގުތަކާއި ބްރިޖްތަކާއި ފެނުން ކަރަންޓު އުފައްދާ އިންޖީނުގެތައް ހަލާކުވި ކާރިސާގައި މަރުވި މީހުންނަކީ ކޮން ބައެއްކަންވެސް ދެނެގަންނަންވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފައިވަނީ އެންމެ 105 މީހުންގެ ހަށިގަނޑެވެ. އެއީ ޑީ.އެން.އޭ ޓެސްޓުކޮށްގެން ކާކުކަން ނުވަތަ އައިޑެންޓިޓީ އެނގުނު މީހުންގެ ހަށިގަނޑުތަކެވެ.
ޗައިނާއިން މަރުވިކަމަށް މިހާތަނަށް ކަށަވަރުކުރެވިފައިވަނީ 43 މީހުންނެވެ. ގެއްލުނުކަމަށް ރިޕޯޓްކޮށްފައިވަނީ 519 މީހުންނެވެ.



advertisment