ޖޫން މަހުގެ 14 ގައި ސުޝާންތް ސިންގު މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ނިންމި ނިންމުމަށް އޭނާގެ އޮޓޯޕްސީ ރިޕޯޓުން ހެކިލިބޭ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.
ސުޝާންތްގެ އޮޓޮޕްސީ ރިޕޯޓް ތައްޔާރުކުރީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އޭ.އައި.އައި.އެމް.އެސް)ގެ ޓީމަކުން، ޑރ. ސުދީރް ގުޕްޓާ އިސްވެ ހުރެއެވެ. ސުޝާންތްގެ ބަނޑުގެ ބައިތަކުގެ 80 ޕަސެންޓް މުމްބާއީ ފުލުހުންގެ ރިޕޯޓު ހެދުމަށް ބޭނުން ކުރުމުގެ ސަބަބުން، މި އޮޓޯޕްސީ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންކުރަން ޖެހުނީ ބާކީ 20 ޕަސެންޓެވެ.
މި ރިޕޯޓުން އެނގުނު ގޮތުގައި ސުޝާންތް މަރުވީ ޒަހަރު ދީގެން ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޑރ. ސުދީރް ބުނިގޮތުގައި މި މައްސަލައިގައި ކަންވެފައިވާ ގޮތާ ބެހޭގޮތުން އޭ.އައި.އައި.އެމް.އެސް އިންނާއި ސީ.ބީ.އައި އިން އެއްބަސްވެއެވެ. ނަމަވެސް ގާނޫނީ ގޮތުން އިތުރު ހޯދުންތަކެއް ހޯދަންޖެހެއެވެ. އަދި ތަހުގީގުން ސީ.ބީ.އައި އަށް މާގިނަ މައުލޫމާތުތަކެއް ނުލިބުމުގެ ސަބަބުން އެ ބިއުރޯއިން އޮޓޮޕްސޯ ރިޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ.
ސުޝާންތްގެ އާއިލީ ވަކީލް ކަމަށްވާ ވިކާސް ސިންގް ވަނީ ސުޝާންތް މަރުވީ ކަރުގައި ހިފައިގެން ކަމަށް 200 ޕަސެންޓް ޔަގީންވާ ކަމަށް މީގެ ކުރިން ބުނެފައެވެ. އަދި ސީ.ބީ.އައި އިން މައްސަލައިގެ ތަހުގީގު ލަސްކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ޑރ. ސުދީރް ވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
"މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދޭ. ވިކާސް އެބުނަނީ ތެދު ވާހަކައެއް ނޫން. ހަމައެކަނި ސުޝާންތްގެ ކަރުގައި ހުރި ނިޝާންތަކަށް ބަލާފައި އެއީ އޭނާގެ ކަރުގައި މީހަކު ހިފާފައިވާކަމުގެ އަލާމާތެއް ކަމަށް ނުބެލެވޭނެ. އިތުރު ތަހުގީގެއް ކޮށްގެން ނޫނީ، އެކަހަލަ ކަމެއް ޔަގީނެއް ނުކުރެވޭނެ،" ޑރ. ސުދީރް ބުންޏެވެ.
ވިކާސްގެ ބަސްތަކުގެ ސަބަބުން ސުޝާންތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ވަކީލް، ސަތިޝް މަނެޝިންދް ވެސް ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފައެވެ.
"ފޮޓޯއެއް ބަލާލާފައި 200 ޕަސެންޓް ޔަގީނޭ ބުނަން ކެރޭވަރުގެ ޑޮކްޓަރަކު އޭ.އައި.އައި.އެމް.އެސް ޓީމުގައި ހުރުމަކީ ބިރުވެރި ކަމެއް. މި ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންދިޔުމަށް ސީ.ބީ.އައި އިން އާ ޑޮކްޓަރުންގެ ޓީމެއް ބޭނުންވޭ. ހީވަނީ އޭޖެންސީތަކުން އަވަހަށް މައްސަލައިގެ ތަހުގީގު ނިންމަން ޕްރެޝަރވެފައި ތިބިހެން،" ސަތިޝް ބުންޏެވެ.