މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)އަށް ކުރިމަގުގައި އިންސާނުން މަރައިލުމުގެ ގާބިލުކަން ލިބޭނެކަމަށް އޭ.އައިއާ ބެހޭ ދިރާސާކުރާ ފަރާތެއް ބުނެފިއެވެ.
ޗެޓްޖީޕީޓީ އުފެއްދި ކުންފުނި އޯޕަންއޭއައި ކުންފުނީގައިވެސް މަސައްކަތްކުރި، އުމުރުން 27 އަހަރުގެ ޖޭކަބް ކޮކްސަން (ފޮޓޯ) މި ދިޔަ އަންގާރަ ދުވަހު އޭ.އައި ކުންފުނި އެންތްރޮޕިކުން އިސްތިއުފާދެމުން ބުނީ ބާރުގަދަ އޭ.އައި އުފެއްދުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އިންސާނުންގެ ކުރިމަގު އޮތީ ނުރައްކާތެރި ފައްތަރެއްގައިކަމަށެވެ.
އެންތްރޮޕިކުން އިސްތިއުފާދިން، މިހާރު ވައިރަލްވެފައިވާ އޭނާގެ އިސްތިއުފާ ސިޓީއާ ގުޅޭ ގޮތުން، އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ، ބީ.ބީ.ސީއަށް އޭނާ އިއްޔެ ބުނީ އޭ.އައި ޓެކްނޮލޮޖީގައި މަސައްކަތްކުރާ މީހުން ތިބީ "ހަގީގަތުގައިވެސް ބިރުގަތްފައި"ކަމަށާއި އެއީ އޭ.އައިއަށް އަންނަމުންދާ ކުރިއެރުމުގެ ހަލުއިކަމާއި އޭގެ ސަބަބުން އިންސާނީ ހަލޯރަތަށްވާނެ ގޮތެއް ނޭނގޭތީއެވެ.
"މި ވަގުތު އޭ.އައި ތަރައްގީކުރަމުންދާ ހަލުއިކަން މަޑުޖައްސައިނުލައިފިނަމަ އަހަރެން ގަބޫލުކުރަނީ ކައިރި ކުރިމަގެއްގައި އަހަރެމެން އެންމެން މަރުވުމުގެ ވަރުގަދަ ފުރުސަތެއް އެބައޮތްކަމަށް،" އޭނާ ބުންޏެވެ.
އޭނާ ބުނީ އޭ.އައި ސިނާއަތުން އޭނާ ފެއަށް ޖެހުނީ އިންސާނުންގެ ރައްކާތެރިކަމަށް ބެލުމެއް ނެތި އޭ.އައި ތަރައްގީކުރުމުގައި އެ ސިނާއަތުން ވާދަ ޖަހަމުންދާތީކަމަށެވެ.
"އޭ.އައި ތަރައްގީކުރުމުގައި ކުރީ ސަފުގައި އުޅޭ ކުންފުނިތަކުންދަނީ އަހަރެމެންގެ ފުރާނައާ ޖުވާ ކުޅެމުން. އެއީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި، ވަރަށް ބޮޑަށް ކުރިއަރައިފައިވާ އޭ.އައި ނިޒާމުތައް ތަރައްގީކުރަމުންދާތީ،" ކޮކްސަން ބުންޏެވެ.
އޭނާ ދެއްކި ބައެއް މިސާލުތަކުގެ ތެރޭގައި އޭ.އައި އަމިއްލައަށް އެހެން ކޮމްޕިއުޓަރުތަކަށް ކޮޕީކުރުމާއި މީހުން މެރުމަށް މީހުންނަށް ހިތްވަރު ދިނުމާއި ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް މީހުން އޭ.އައި ބޭނުންކުރުން ހިމެނެއެވެ.
"ވަރަށް ބޮޑަށް ތަރައްގީވެފައިވާ އޭ.އައިއެއް ހުރިނަމަ، އަހަރެމެން މަރައިލުމުގެ ވިސްނުންތޫނުކަންވެސް އޭގައި ހުރެފާނެ ނުވަތަ ހުންނާނެ،" އެމެރިކާގެ ސީ.ބީ.އެސް ހަބަރު ފަތުރާ އެޖެންސީއަށް އޭނާ ހުކުރު ދުވަހު ބުންޏެވެ.
ނަމަވެސް ކޮކްސަން ބުނީ މިއީ މި ވަގުތު ނުވެދާނެ ކަމެއްކަމަށާއި އިންސާނުންނަށް ގެއްލުންދެނިވި އޭ.އައި ނިޒާމުތައް އުފެދުން އެކަށީގެންވަނީ ރައްކާތެރި ފިޔަވަޅުތައް ނާޅައި ކުރިމަގުގައި އޭ.އައި ތަރައްގީކުރުމުންކަމަށެވެ.
"މިހާރު ހުރި އޭ.އައި ނިޒާމުތަކަކީ އާދައިގެ ބޭނުމަށް ތަރައްގީކޮށްފައިވާ އޭ.އައި. އެހެންކަމުން މިހާރުން މިހާރަށް އެއިން އަހަރެމެންނަށް ނުރައްކަލެއް ނެތް،" އޭނާ ބުންޏެވެ.
އެންތްރޮޕިކްގައި އިންސާނުންނަށް ރައްކާތެރި އޭ.އައި ދިރާސާކުރުމުގައި ހަރަކާތްތެރިވާ އެވަން ހިއުބިންޖާވެސް ކޮކްސަންގެ އިންޒާރާ އެއްބަސްވިއެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ތަރައްގީކޮށްފިނަމަ ކުރިއަށް އޮތް ދަހަރު ތެރޭ އޭ.އައިއިން ހުރިހާ އިންސާނުން މަރައިލުމުގެ ފުރުސަތު 10 ޕަސެންޓަށްވުރެވެސް ބޮޑު،" އޭނާ ބުންޏެވެ.
އެންތްރޮޕިކުން ބުނީ އެ ކުންފުނިން އޭ.އައި ތަރައްގީކުރަނީ ހަރުކަށި ސަލާމަތީ ފިޔަވަޅުތައް އަޅައިގެންކަމަށެވެ.
ކޮކްސަންގެ އިސްތިއުފާއާ ގުޅިގެން އެންތްރޮޕިކްގެ ސީއީއޯ ޑޭރީއޯ އަމޯޑޭއީ އޭ.އައި ސިނާއަތަށް ގޮވައިލީ އޭ.އައި ތަރައްގީކުރުން ފިޔަވަހިތަކަކަށް ބަހައިލައިގެން ކުރިއަށްގެންދިއުމަށެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދިއުމަށް ފުރުސަތު ދިނުމަށެވެ.
އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އާއި އެކްސްއޭއައިގެ ސީއީއޯ އީލޮން މަސްކް ބުނީ އަމޯޑޭއީގެ ވާހަކައަށް ތާއީދުކުރާކަމަށެވެ. އެ ދެ މީހުން ބުނީ ސަރުކާރުން އޭ.އައި ސިނާއަތް ރެގިއުލޭޓްކުރާށާއި އޭ.އައި ތަރައްގީކުރުމުގެ މަޝްރޫއުތައް މިނިވަންކޮށް މޮނިޓާކުރަންވެސް ތާއީދުކުރާކަމަށެވެ.



advertisment