ރޮބޮޓް ބޭނުން ކޮށްގެން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފައްޓަވައި، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަނަކަށް ޑރ. ޙުސައިން ޝަކީލް ތާރީހުން ޖާގަ ހޯއްދެވުން ވެފައި ވަނީ، ދިވެހި ސިއްހީ ދާއިރާގެ ބޮޑު ކާމިޔާބީއަކަށެވެ. އިންފްރާރެޑް ކެމެރާއަކާއި އޮޕްޓިކަލް ޓްރެކާސް ބޭނުންކޮށްގެން އަވަސްކަމާ އެކު ކަކުލުހުޅު ބަދަލުކުރަން ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ އެއް ރޮބޮޓް ގެނެސް، ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަރީ އޭޑީކޭ ހޮސްޕިޓަލްގައި ހެދީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭގެ ފަހުން މިހައިތަނަށް ވަނީ ރޮބޮޓިކް ހަތަރު އޮޕަރޭޝަން ކޮށްފައެވެ.
އޮޕަރޭޝަންތައް ކުރުމަށް އޭ.ޑީ.ކޭ އިން ބޭނުންކުރާ ރޮބޮޓަށް ކިޔަނީ "ވެލީސް" އެވެ. ޖޯންސަން އެންޑް ޖޯންސަން މެޑްޓެކްގެ އުފެއްދުމެއް ކަމަށްވާ "ވެލީސް" އަކީ މިފަދަ އޮޕަރޭޝަންތައް ކުރުމަށް ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ އެއް ރޮބޮޓެވެ. "ވެލީސް" ބޭނުންކޮށްގެން ކުރަން ފެށި އޮޕަރޭޝަންތަކާ އެކު، ރާއްޖެ މިހާރު ވެފައި ވަނީ ދެކުނު އޭޝިޔާ ސަރަހައްދުގައި، އިންޑިއާ ފިޔަވައި، އެ ޓެކްނޮލޮޖީ ބޭނުންކުރާ ހަމައެކަނި ގައުމަށެވެ.
"މިއީ ވަރަށް ދުވަހު، ވަރަށް ގިނަ ބަޔަކު ކުރި ބުރަ މަސައްކަތްތަކެއްގެ ސަބަބުން ހާސިލްކުރެވުނު ކުރިއެރުމެއް. އޭޑީކޭގެ އިސް މެނޭޖުމަންޓުން އަޅުގަނޑުމެން ގާތުގައި، ފަރުވާކުރުމުގައި ބަލިމީހާއަށް ގެނެސްދެވޭނެ ނެކްސްޓް ލެވެލް އަކީ ކޮބައިތޯ ތަކުރާރުކޮށް ކުރާ ސުވާލަށް މި ލިބުނީ މި ވަގުތަށް ވަރަށް ރަނގަޅު ޖަވާބެއް،" ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސާޖަންގެ ޝަރަފު ލިބިވަޑައިގަތުމުން ކުރެވުނު އިހުސާސަކީ ކޮބައިތޯ ދެންނެވުމުން ސީނިއަރ ކޮންސަލްޓަންޓް، އޯތަޕީޑިކްސް، ޑރ. ޝަކީލް މިއަދު ވިދާޅުވިއެވެ.
"އެންމެ ބޮޑު އުފަލަކީ، މީގެން ބަލިމީހުންނަށް ލިބޭ ފައިދާތައް ބޮޑުވުން؛ ސާޖަރީގެ ތަދު ކުޑަވުން، ހޮސްޕިޓަލުގައި އެނދުމަތިވެ ހޭދަކުރާ ދުވަސް މަދުވުން، ރިހެބިލިޓޭޝަން އަށް ހޭދަވާ މުއްދަތު ކުރުވެ އަންބުރާ އާންމު ދިރިއުޅުމަށް އަވަހަށް ދެވުން."

ޑރ. ޝަކީލް، 53، ވިދާޅުވީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ފަސޭހަކަން ތައާރަފުވެގެން ދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު އިންގިލާބީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އެ ކަމަށްޓަކައި އޭ.ޑީ.ކޭގެ މެނޭޖްމަންޓަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށެވެ.
"ވެލީސް ރޮބޮޓް ބޭނުންކޮށްގެން ކަކުލު ހުޅު ބަދަލުކުރަނީ މުޅި ދެކުނު އޭޝިޔާގައި ވެސް އެންމެ ދެ ގައުމު. ކުރިން އިންޑިއާ އެކަނި. މިހާރު ރާއްޖެއިން މި ފެށީ. އެހެންވެ އިންޑިއާ ފިޔަވައި، މުޅި ދެކުނު އޭޝިޔާގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކުރާ ހަމައެކަނި ގައުމަކަށް ރާއްޖެ ވުމަކީ ދިވެހިންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް."
ޑރ. ޝަކީލް ވިދާޅުވީ ރޮބޮޓް ބޭނުންކޮށްގެން ކަކުލުހުޅު ބަދަލުކުރާ އިރު ސީދާ އަމާޒަށް ވާސިލްވުމުގެ އިތުރުން ސާޖަރީގެ ވަގުތު ކުރުވެފައި ފަސޭހަ ކަމަށެވެ. އަދި ރޮބޮޓްގެ ހިސާބުޖެހުންތަކާއި ކަފާލާ ކަފާލުންތައް ސީދާވުމަކީ ސާޖަރީ އަށް ފަހު ބަލިމީހާ ފަސޭހަވާން ހޭދަވާ މުއްދަތު ކުރުވެ، ހޮސްޕިޓަލްގައި އޮންނަންޖެހޭ މުއްދަތު، ހަތް ދުވަހުން ހަތަރު ވަރަކަށް ދުވަހަށް ކުރުވެގެން އަންނަ ކަމަށެވެ. އަދި އޮޕަރޭޝަން ތެރޭގައި ބޭރުވާ ލޭގެ އަދަދު ވެސް މަދުވާ ކަމަށާއި އޮޕަރޭޝަނަށްފަހު ތަދުވުން ކުޑަވެ، ފިޒިއޯތެރަޕީ ހަދަން ވެސް ފަސޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަކީލަކީ ކައްޓާއި ހުޅުތަކުގެ އޮޕަރޭޝަންތަކަށް 2010ގައި ހާއްސަ ވެވަޑައިގެން އައި.ޖީ.އެމް.އެޗުގައި ފުރަތަމަ މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. ސޯޅަ އަހަރަށްފަހު އައި.ޖީ.އެމް.އެޗުން ވަކިވެވަޑައިގެން ފުލްޓައިމްކޮށް އޭނާ އޭ.ޑީ.ކޭއާ ގުޅިވަޑައިގަތީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، 9 އޮކްޓޯބަރު 2023ގައެވެ.

ޑރ. ޝަކީލަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އެންމެ މަޝްހޫރު އޯތޮޕީޑިކް ސަރޖަނުންގެ ތެރެއިން އެކަކެވެ. އޭނާގެ ތަޖުރިބާގެ ދާއިރާތަކުގެ ތެރޭގައި އޯތޮޕީޑިކް ޓްރޯމާ، ސްޕޯޓްސް އިންޖަރީ، އާތްރޯސްކޮޕިކް ސާޖަރީ، އަދި ޖޮއިންޓް ރިޕްލޭސްމަންޓް ހިމެނެއެވެ. ބަންގްލަދޭޝްގައި 2002 ވަނަ އަހަރު އެމް.ބީ.ބީ.އެސް ޙާޞިލުކުރެއްވުމަށްފަހު، މެލޭޝިޔާގައި މާސްޓާސް ޑިގްރީ އަދި ފެލޯޝިޕް ޓްރެއިނިން ފުރިހަމަ ކުރެއްވީ 2010 ގައެވެ. އޭގެ އިތުރުން ދެކުނު ކޮރެއާ، ތައިލޭންޑް، އަދި އިންޑިޔާގައި އިތުރު އެޑްވާންސް ޓްރެއިނިންތައް ވެސް އޭނާ ހާޞިލުކުރެއްވިއެވެ. ރޮބޮޓިކް ސާޖަން އަކަށް ވެވަޑައިގަތުމަށްޓަކައި ފާއިތުވީ ތިން އަހަރު ތެރޭގައި އިންޑިއާ، ސިންގަޕޫރު، މެލޭޝިޔާ އަދި ތައިލެންޑުގައި ތަމްރީނުތައް ހެއްދެވިއެވެ.
ޑރ. ޝަކީލަކީ ރާއްޖޭގައި ސްޕޯޓްސް އިންޖަރީ ފަރުވާ އަދި އާތްރޯސްކޮޕިކް ސަރޖަރީ ފެއްޓެވި މޭސްތިރިންގެ ތެރެއިން އެކަކެވެ. މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސްގެ މަޤާމާއި، މޯލްޑިވްސް އޯތޮޕީޑިކް އެސޯސިއޭޝަންގެ ރައީސްގެ މަޤާމު ވެސް އޭނާ އަދާކުރެއްވިއެވެ.

އޭ.ޑީ.ކޭގެ ކަށީގެ ކާމިޔާބީތައް ކުރުކުކޮށް
ރާއްޖޭގެ ފުރަތަމަ ކަކުލު ހުޅު ސާޖަރީ ހެދުން:
- ރާއްޖޭގެ ފުރަތަމަ ޖޮއިންޓް ރިޕްލޭސްމަންޓް ކުރިއަށް ގެންދިޔައީ 16 ޖަނަވަރީ 2002 ގައި އޭ.ޑީ.ކޭ ހޮސްޕިޓަލްގައި. މި ސާޖަރީ ހެދީ އިންޑިޔާގެ ޑރ. ވިޝްވަނާތު ޝެޓީ.

ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސަރޖަރީ ހެދުން:
- ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސަރޖަރީ ކުރިއަށްގެންދިޔައީ 6 ސެޕްޓެމްބަރު 2026ގައި. މިއީ ރޮބޮޓިކް ނީ ޖޮއިންޓް ރިޕްލޭސްމަންޓް ސަރޖަރީއެއް. ރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ސަރޖަރީ ހެއްދެވީ އޭ.ޑީ.ކޭ ހޮސްޕިޓަލްގައި ޑރ. ހުސައިން ޝަކީލް. މިހައިތަނަށް ޖުމްލަ ހަތަރު ރޮބޮޓިކް ނީ ރިޕްލޭސްމަންޓް ވަނީ ކޮށްފައި.



advertisment