Support Us

16 އަހަރަށްފަހު ޑރ. ޝަކީލް އައި.ޖީ.އެމް.އެޗުން ވަކިވެވަޑައިގެންފި

ފާއިތުވީ 16 އަހަރު ހިދުމަތްކުރެއްވުމަށްފަހު މަޝްހޫރު ކަށީގެ ޑޮކްޓަރު ހުސެއިން ޝަކީލް މިއަދު އައި.ޖީ.އެމް ހޮސްޕިޓަލުން ވަކިވެވަޑައިގެންފިއެވެ.

ސީނިއަރ ކޮންސަލްޓަންޓަންޓް އިން އޯތޮޕީޑިކްސްގެ މަގާމުގައި ހުންނެވި ޑރ. ޝަކީލަކީ ހުޅުތައް ބަދަލުކުރުމުގެ އިތުރުން ކަށީގެ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ކުޅަދާނަ އަދި އެންމެ މަގުބޫލް އެއް ޑޮކްޓަރެވެ.

ސަރުކާރު ހޮސްޕިޓަލުން އޭނާ ވަކިވެވަޑައިގަތް ނަމަވެސް ކުރިއެކޭ އެއްގޮތަށް އޭ.ޑީ.ކޭގައި ބަލިމީހުން ބައްލަވާނެ ކަމަށް ޑރ. ޝަކީލް މިއަދު ވިދާޅުވިއެވެ. އޭނާ މިހާތަނަށް ގެންދެވީ ދެ ހޮސްޕިޓަލްގައި ވެސް ބަލި މީހުން ބައްލަވައި އޮޕަރޭޝަންތައް ކުރައްވަމުންނެވެ.

ޑރ. ޝަކީލް ވިދާޅުވީ ދެ ވަޒީފާއިން ކޮންމެވެސް އެއް ވަޒީފާއެއް ޚިޔާރުކުރައްވަން ނިންމެވީ "އާއިލާއަށް ވަގުތު ދިނުމުގެ ބޭނުމުގައި" ކަމަށެވެ.

"އައި.ޖީ.އެމް.އެޗުން ވަކިވީ އާއިލާއަށް ވަގުތު ދިނުމުގެ ބޭނުމުގައި،" ތިން ކުދިންގެ ބައްޕަ، އުމުރުން 50 އަހަރުގެ ޑރ. ޝަކީލް ވިދާޅުވިއެވެ. "ހެނދުނު އަށެއް ޖަހާއިރު އައި.ޖީ.އެމް.އެޗަށް ގޮސްފައި ހަވީރު ހަތަރެއް ޖަހާއިރު ގެއަށް އައިސްފައި ދެން މި ދަނީ އޭ.ޑީ.ކޭ އަށް. އެތަނުން ނިމިގެން އަންނައިރު ކުދިންކޮޅު ތިބޭނީ ނިދައިފައި."

މި ނިންމެވުން ނިންމެވި މައިގަނޑު ސަބަބުގެ ތަފްސީލު ވެސް ޑރ. ޝަކީލް ދެއްވިއެވެ.

"އެއް ދުވަހަކު އަޅުގަނޑުގެ (ނުވަ އަހަރުގެ) އަންހެން ދަރިފުޅު މި ބުނަނީ ސްކޫލްގައި ޓީޗަރު ބުންޏޭ ބައްޕަ ކުރާ މަސައްކަތާ ބެހޭ ގޮތުން އެއްޗެއް ލިޔަން. ދެން ދަރިފުޅު ލިޔުނީމޯ "My father goes to the hospital and never comes back" އެއީ އަހަންނަށް ވަރަށް އުނދަގޫވި ވާހަކައެއް. ދެން އެ ކަމާ މަޑުމަޑުން ވިސްނަމުން ވިސްނަމުން ގޮސް ކޮންމެވެސް އެއް ތަނަކުން މި ކެނޑުނީ. ދާން ފަސޭހަވާނީ ގެއާ ޖެހިގެން ހުންނަ ތަނަށްތާ ދޯ. އެހެންވެ އޭ.ޑީ.ކޭގައި މަޑުކުރީ،" އޭ.ޑީ.ކޭއާ ޖެހިގެން ހުންނަ ގެއެއްގައި ދިރިއުޅުއްވާ ޑރ. ޝަކީލް ވިދާޅުވިއެވެ. "މުސާރަ މަދުވީ. އެހެން ނަމަވެސް ފެމިލީއަށްޓަކައި މި ނިންމުން ނިންމީ."

ޑރ. ޝަކީލް ވިދާޅުވީ އައި.ޖީ.އެމް.އެޗުން ވަކިވެވަޑައިގަތް ނަމަވެސް، އަދި އިތުރު ފައިސާ ބޭނުން ނަމަވެސް، މިހާރަށް ވުރެ އިތުރު ވަގުތެއް އޭ.ޑީ.ކޭ އަށް ވެސް ނުދެއްވޭނެ ކަމަށެވެ.

ސޯޅަ އަހަރުގެ ހިދުމަތަށްފަހު ޑރ. ޝަކީލް އައި.ޖީ.އެމް.އެޗުން ވަކިވެވަޑައިގަތުމުން އޭނާއަށް އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން މިއަދު ވަނީ ހަނދާނީ ލިއުމެއް ދީފައެވެ. އަދި ވަދާއީ ކޭކެއް ވެސް ވަނީ ފަޅައިފައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *