ޖަޕާންގެ އެންމެ މުސްކުޅި މީހާ، އުމުރުން 115 އަހަރުގެ އަންހެނެއްކަމަށްވާ ޝީގެކޯ ކަގަވަ މި ދިޔަ މަހު 27 ގައި ވަނީ މަރުވެފައެވެ. އޭނާ ވަނީ ސިއްހަތު ރަނގަޅަށް ހުރުމުގެ ދެ ސަބަބެއް ކިޔައިދީފައެވެ.
"ހިނގުން އަދި ސިކުނޑި ބޭނުންކުރުން،" އޭނާގެ އުމުރު ދިގީ ކީއްވެތޯ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވެއެވެ.
ކަގަވަ (ފޮޓޯ) މަސައްކަތްކުރީ، ބަލިވެ އިންނަ މީހާގެ ސިއްހަތާއި ކުޑަކުދިން ވިއްސާ އިލްމުވެރިޔެއް ނުވަތަ އޮބްސްޓިޓްރިޝަންއެއްގެ ގޮތަށާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ގައިނަކޮލޮޖިސްޓެއްގެ ގޮތުގައެވެ.
އުމުރުން 80 ގެ އަހަރުތަކަށް އެޅުނުއިރުވެސް، 1911 ގައި އުފަންވި ކަގަވަ ވަޒީފާ އަދާކުރަމުންދިޔައެވެ.
ޖަޕާންގެ އެންމެ މުސްކުޅި މީހާއަށް އޭނާވީ އުމުރުން 114 އަހަރުގެ މީޔޮކޯ ހިރޮޔަސޫ މި ދިޔަ އަހަރު ޖުލައި 29 ގައި މަރުވުމުންނެވެ.
ކަގަވަގެ 115 ވަނަ އުފަންދުވަސް ފާހަގަކުރީ މި ދިޔަ މޭގެ 28 ގައެވެ.
އޭނާ ބަލިމީހުންނަށް ފަރުވާކުރަން އެތައް މޭލަކަށް ހިނގައި، ސިކުނޑި މަސައްކަތްކުރުވަން ބުއްދި ޓެސްޓްކުރާ އަރަތް ހެދުމާއި ރީތި އަތުލިޔުން ފަދަ ކަންތައްތައް ކުރިއަށްގެންދިޔައެވެ.
ކަގަވަގެ އާއިލާއިން ބުނީ އޭނާ ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ތިން ނާސްތާ ކައިކަމަށާއި ކަނޑައެޅިފައިވާ ގަޑިއަށް ނިދައި އަދި ހޭލައިކަމަށެވެ.
ކަގަވަ މަރުވިއިރު ކޮންމެވެސް ވަރަކަށް އިވުމުގެ މައްސަލަ ހުރިޔަސް ނޫސް ފަދަ ތަކެތި ކިޔައިލެވޭ ވަރަށް ލޮލުގެ ފެނުން ރަނގަޅެވެ.
ކަގަވަ މަރުވުމުން ޖަޕާން އަދި އޭޝިއާގައިވެސް މި ވަގުތު ހުރި އެންމެ މުސްކުޅި މީހަކީ ޖަޕާންގެ އަންހެނެއްކަމަށްވާ އުމުރުން 114 އަހަރުގެ ފޫޔޯ ކީޝީމޯޓޯއެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުސްކުޅި މީހަކީ އިނގިރޭސި ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގެ އަންހެނެއްކަމަށްވާ އުމުރުން 117 އަހަރުގެ އެތަލް ކޭޓަރަމްއެވެ.



advertisment