Support Us

އެމެރިކާއިން އީރާންގެ ލާރަކް ޖަޒީރާއަށް އިއްޔެ ހަމަލާދިނުމުން ރައްދުގައި އީރާނުން ހަމަލާދިން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަޒުކަޒުތަކުގެ ތެރެއިން އަލް އަޒްރަގް އަސްކަރީ މަރުކަޒު

މަހަކަށްފަހު އީރާނަށް އެމެރިކާއިން އަލުން ހަމަލާދީފި

މި ދިޔަ މަހު ފަހުކޮޅު ހަމަލާތައް ހުއްޓައިލައިފައި އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފިއެވެ.

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅީގައި އޮންނަ ލާރަކް ޖަޒީރާގައި ހުންނަ މިސައިލް ލޯންޗްކުރާ ދެ މަރުކަޒަށް އެމެރިކާއިން އިއްޔެވަނީ ހަމަލާދީފައެވެ. އީރާނުން ބުނީ މި ހަމަލާގައި އީރާންގެ ބައިވަރު އާއްމުންނާއި ސިފައިން މަރުވިކަމަށެވެ. ނަމަވެސް މަރުވި މީހުންގެ އަދަދުތައް އީރާނުން އަދި ހާމައެއްނުކުރެއެވެ. އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 6،000 އެއްހާ އީރާން ރައްޔިތުން މަރުވެފައިވާކަމަށް އީރާނުން ބުނެއެވެ.

އެމެރިކާއިން ބުނީ އިއްޔެ ހަމަލާދިނީ ކަނޑަށް މައިންތަކެއް ދޫކޮށްލަން އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ރޮކެޓްތަކެއް ލޯންޗްކުރަން ތައްޔާރުވީމާ އެ ކަން ހުއްޓުވަންކަމަށެވެ.

އެމެރިކާގެ އަސްކަރީ ތަރުޖަމާނެއްކަމަށްވާ ޓިމް ހޯކިންސް ބުނީ ހުރުމުޒުގައި ދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތަށްޓަކައި އެމެރިކާއިން އެ ގޮތަށް އަމަލުކުރަން މަޖުބޫރުވީކަމަށެވެ.

"އަހަރެމެންގެ ފައުޖުތަކުން އެ ސަރަހައްދު ރަނގަޅަށް މޮނިޓަކުރަމުން މި ދަނީ. މިނިވަންކަމާއެކު ވިޔަފާރީގެ ކަންތައްތައް ހުރުމުޒު ތެރެއިން ކުރިއަށްގެންދެވޭނެ ގޮތް ކަށަވަރުކުރަން އަހަރެމެން މި ތިބީ ތައްޔާރުވެގެން،" އޭނާ ބުންޏެވެ.

ރައްދުގައި އީރާނުންވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުޒަކަށް ހަމަލާދީފައެވެ. އުރުދުންއިން ބުނީ އަށް މިސައިލް އިންޓަސެޕްޓްކުރިކަމަށާއި އެއްވެސް މީހަކު މަރުވެ، ނުވަތަ ޒަހަމްނުވާކަމަށެވެ. އީރާނުން ރައްދުގައި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިހާތަނަށް ދީފައިވާ ހަމަލާތަކުގައި އުރުދުންގެ ރައްޔިތަކު މަރުވެފައިވާކަމަށް އުރުދުނުން ނުބުނެއެވެ. ނަމަވެސް ގަލްފުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދީފައިވާ ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެފައިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު ސަރްދާރް ހުސައިން މުހިއްބީ ބުނީ އިއްޔެ ހަމަލާދިނުން އެއީ އެމެރިކާ ހެދި ގޯހެއްކަމަށާއި އެ ކަމުގެ ނަތީޖާ ދައްކައިލައިނެކަމަށެވެ.

ލާރަކް ޖަޒީރާއަށް އެމެރިކާއިން ހަމަލާދިނުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އިއްޔެ 89.55 ޑޮލަރު (1،380.86ރ.)ގައި ހުރެފައި މިއަދުވަނީ 90.41 ޑޮލަރު (1،394.12ރ.)އަށް މައްޗަށް ޖެހިފައެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ހުރުމުޒުން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް