Support Us

އީރާންގެ ވެރިރަށް ތެހްރާންގެ ބާޒާރެއްގައި މި ދިޔަ އަންގާރަ ދުވަހު ސޭޓަކު ހަރަކާތްތެރިވަނީ

އީރާން "އަސްކަރީ ހަނގުރާމަ"އަށް 6 މަސް- އެމެރިކާގެ އާ "އިގުތިސާދީ ހަނގުރާމަ"އަށްވާނީ ކިހިނެއް؟

"މިހާރު (އެމެރިކާގެ) ޑޮލަރެއް (އީރާންގެ) ދެ މިލިއަން ރިޔާލު (22.49ރ.)އަށް ހުރިއިރު، މިއީ ކޮން ކަހަލަ ހާލަތެއް؟ މިހާރު މި ދައްކަނީ ވިޔަފާރިން ފައިދާވާކަމުގެ ވާހަކައެއް ނޫން. މިއީ މިހާރު ވިޔަފާރިއެއް ހިންގިދާނެތޯއާވެސް ގުޅިފައިވާ ސުވާލެއް."

މިއީ އީރާންގެ ވެރިރަށް ތެހްރާންގެ ބާޒާރެއްގެ ސޭޓެއް މި ދިޔަ ބުދަ ދުވަހު ބުނި ވާހަކައެކެވެ. ފެބްރުއަރީ 28 ގައި، އިސްރާއީލުންވެސް ގުޅިގެން، އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ހަނގުރާމައަށް އިއްޔެ ހަ މަސް ފުރުނުއިރު، އެމެރިކާ އަދި އީރާންވެސް މިހާރު އޮތީ އަސްކަރީ ގޮތުން ބަލާއިރު، ސްޓެއިލްމެއިޓް ނުވަތަ އެއްވެސް ބަޔަކު މޮޅުނުވާ ހާލަތެއްގައެވެ. އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައި، އަދި އެންމެ ފަހުން، އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައްކުރާ ގައުމުތަކާއި ކުންފުނިތަކާއި މުއައްސަސާތަކާއި މީހުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ގޮތުން "އިގުތިސާދީ ހަނގުރާމަ"އެއް ފެށީ މިހެންވެއެވެ.

ބޭރު ފަރާތްތަކުގެ މަދަދުވެރިކަމަށް ބަރޯސާނުވުން

އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ގޮތަށް އީރާންގެ ހުރިހާ ކަމެއް ބައްޓަންކުރަން، އެ ކަމަށް އީރާން މަޖުބޫރީ ހާލަތަކަށް ގެންނަން، އީރާން އެކަހެރިކޮށްލައި، އެމެރިކާއިން މި ފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާން ސަރުކާރުން މިހާރު ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ސެލްފް-ސަފިޝަންޓް ނުވަތަ ބޭރު ފަރާތްތަކުގެ މަދަދުވެރިކަމެއް ނެތި، އަމިއްލަ ބޭނުންތައް އަމިއްލައަށް ހޯދައިގަނެވޭ ބަޔަކަށްވުމަށެވެ. އެ ގޮތުން އީރާންގައި އުފެއްދޭނެ ތަކެއްޗަށް ރައްޔިތުން ބަރޯސާވުމަށެވެ. އެއީ މުދާ މަދުވަމުންދިޔުމާއި ތަކެތީގެ އަގު އުފުލެމުންދިޔުމާއި އަދި ޕާޗެސިން ޕަވާ ނުވަތަ ފައިސާއިން އެއްޗިހި ގަނެވޭ މިންވަރު މަދުވުމުން ދިރިއުޅުމަށް ދަތިތައް ކުރިމަތިވިޔަސްމެއެވެ.

އީރާންގެ އިގުތިސާދާ ބެހޭ ވަޒީރު އަލީ މަދަނީޒާދާ މި ދިޔަ ހޯމަ ދުވަހު ވިދާޅުވީ އެމެރިކާގެ ޕްރެޝަރުން ސަލާމަތްވާން އީރާން ސަރުކާރުގެ ދެ އަހަރު ދުވަހުގެ ރޭވުމެއް އެބައޮތްކަމަށެވެ.

"އަހަރެމެންގެ އަމިއްލަ އާލާތްތަކެއް އެބަހުރި. އަދި އަހަރެމެންނަށްވެސް އެމެރިކާގެ ކުޅިގަނޑު ކުޅެން އެނގޭ،" އޭނާ ވިދާޅުވިއެވެ.

މަދަނީޒާދާ ވިދާޅުވީ އީރާނާ ދެކޮޅަށް އެތައް އަހަރެއްވަންދެން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން މިހާތަނަށްވެސް ސަލާމަތްވެފައިވާ އުކުޅުތަކުގެ ތަޖުރިބާ ބޭނުންކޮށްގެން އީރާނަށް އަދިވެސް ހަމަޖެހިލައިގެން ގައުމައިގެން ކުރިއަށްދެވޭނެކަމަށެވެ.

މައްސަލަތައް ސީރިއަސް

ނަމަވެސް އީރާނަށް ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތައް ސީރިއަސްއެވެ. މަރުކަޒީ ބޭންކްގެ ގަވަރުނަރު އަބްދުލްނާސިރު ހަމަތީ ވިދާޅުވީ، އީރާނަށް ބޭރު ފައިސާ ލިބުމުގެ މައިގަނޑު މަސްދަރުކަމަށްވާ އީރާންގެ ތެޔޮ އެކްސްޕޯޓްތައް "ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފި"ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ "އެމެރިކާގެ އަތްނުފޯރާ ތަންތަނުގައި ރައްކާތެރިކޮށްފައިވާ ރިޒާވްތަކުގެ ބޭނުންހިފައިގެން" އަސާސީ އެއްޗެހި ގައުމަށް އިމްޕޯޓްކުރެވިދާނެކަމަށެވެ.

އޭނާ ވިދާޅުވީ ތަކެތީގެ އަގުބޮޑުވުން ނުވަތަ އިންފްލޭޝަން ހައްދުފަހަނަޅާވަރަށް މައްޗަށް ގޮސްފިކަން ގަބޫލުކުރައްވާކަމަށެވެ. އަދި އީރާން އެއްކޮށް އަޑިއަޅައިލަން އެމެރިކާއިން ބޭނުންވާކަމަށާއި ނަމަވެސް އެމެރިކާގެ ފިއްތުންތަކުން ކުރިމަތިވާ ދަތިތަކުން އީރާން ސަލާމަތްވާނެކަމަށެވެ.

އަންނަ އަހަރުވެސް ހާލަތު ރަނގަޅުނުވެދާނެ

ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ރައްޔިތުންނަށް އިންޒާރުދެއްވީ އަންނަ އަހަރު ހާލަތު ރަނގަޅުވާނެކަމަށް ނުބެލުމަށެވެ. އެއީ ޑޮލަރަކަށް ދެ މިިލިއަން ރިޔާލުގެ މަގުން މި ދިޔަ ހަފުތާގައި ރިޔާލުގެ އަގު ބޮޑުތަނުން ވެއްޓުމާއިި މި ދިޔަ އަހަރާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު މި ދިޔަ މަހު 128 ޕަސެންޓް ބޮޑުވެފައިވުމުންނެވެ.

އެހެންކަމުން އަމިއްލައަށް ފުދިގެން އުޅުމާމެދު އީރާނުން މިހާރުވަނީ ވަރަށް ބޮޑަށް ސީރިއަސްވެފައެވެ. ދަނޑުވެރިކަމާ ބެހޭ ވަޒީރު ގުލާމް-ރިޒާ ނޫރީ ވިދާޅުވީ ބޭނުންވަނީ ގައުމުގައި އުފައްދާ ކާބޯތަކެތީގެ މިންވަރު 85 ޕަސެންޓުން 90 ޕަސެންޓަށް އިތުރުކޮށް، އާހިރުގައި އަސާސީ ހުރިހާ ކާބޯތަކެތި ގައުމުގައި އަމިއްލައަށް އުފެއްދުމަށްކަމަށެވެ.

ނަމަވެސް، މި ސްޓްރެޓަޖީ ނުވަތަ އުކުޅުވެރިކަމުގައި ހައްދުތަކެއްވެއެވެ. އީރާނުން މިހާރުވެސް ގޮދަން، ހަނޑޫ، ޒުވާރި އަދި ތަރުކާރީ ތެޔޮ އެތެރެކުރެއެވެ. އަދި ގާތްގަނޑަށް، ސިއްހީ ގޮތުން ބޭނުންވާ ހާހެއްހާ ބޭހުގެ ސްޓޮކް ގައުމުގައިވަނީ މަދުވެފައެވެ.

ތެލާއި ކަރަންޓަށްވެސްވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. ބައިވަރު ސިޓީތަކުގައި ޕެޓްރޯލް އަޅައިދޭ ތަންތަނުން ތެޔޮ މަދުވެފައިވެއެވެ. އަދި އެ ތަންތަނުގައި ދިގު ކިޔޫތައްވެސް އޮވެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު އަދިވެސް ކަރަންޓު ކަނޑަމުންވެސްދެއެވެ.

އާދަޔާހިލާފު ކެތްތެރިކަމެއް ބޭނުންވެދާނެ

އީރާންގެ އިގުތިސާދީ މާހިރެއްކަމަށްވާ ސާދިގުލްހުސައިނީ އިންޒާރުދިން ގޮތުގައި ތެލުގެ އަގު އިސްލާހުކުރަންޖެހުން ވޭނީ ގޮތަކަށް ތަހައްމަލުކުރަން ޖެހިދާނެއެވެ.

"ވެނެޒުއެލާގައި ފަދައިން އީރާންގައިވެސް ކިލޯމީޓަރުތަކަކަށް ދެމިގެންދާ ދިގު ޕެޓްރޯލް ކިއުތައް އުފެދިއްޖެނަމަ އޭގެން ކުރިމަތިވާނެ ކަންތައްތައް ކޮންޓްރޯލްކުރަން މާ ބޮޑަށްވެސް އުނދަގޫވެދާނެ،" އޭނާ ބުންޏެވެ.

އެމެރިކާއިން ކުރިމަތިކޮށްފައިވާ "އިގުތިސާދީ ހަނގުރާމަ"އާ އީރާނަށް މި ވަގުތު ކުރިމަތިލެވިދާނެއެވެ. ނަމަވެސް އެ ކަމުގެ "އަގު" ދަނީ މަޑުމަޑުން މައްޗަށެވެ.

"އެމެރިކާއިން އަހަރެމެންގެ ބަނދަރުތަކަށް އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން އާ މުދާ ފުދޭވަރަކަށްވެސް ނުވެއްދޭނަމަ، އަހަރެމެންގެ އަތުގައި މި ވަގުތު ހުރި ސްޓޮކްތައް ހުސްވާނެ. ދެން އަގުތައް ވަރަށް މައްޗަށް އަރައިގެންދާނެ،" އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހު 19 ގައި ވިދާޅުވުމުގެ ދެ ދުވަސް ކުރިން އީރާންގެ ސޭޓަކު ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް