ނޭޕާލް-ޗައިނާ ބޯޑަރަށް ބުދަ ދުވަހު ކުރިމަތިވި ކުއްލި ފެންބޮޑުވުމުގައި ނޭޕާލްގައި އަސަރުކޮށްފައިވާ މީހުންގެ އަދަދަކީ 93،000 ކަމަށް އދ.އިން ބުނެފިއެވެ. އަދި އެ މީހުންނަށް އެހީވުމަށް ނޭޕާލުން އެދިއްޖެއެވެ.
ނޭޕާލަށް މި ވަގުތު އެހީވަމުންދާ ފަރާތްތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، ދެކުނު ކޮރެއާ، އެމެރިކާ، އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ، އދ.، ޔޫރަޕް އިއްތިހާދު އަދި ބައިނަލްއަގުވާމީ ދުނިޔޭގެ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ޖަމިއްޔާތައް ހިމެނެއެވެ.
ޗައިނާއިންވެސްވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ޓިބެޓްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުންދަނީ ޗައިނާއިން އަމިއްލައަށެވެ. އަދި ޓިބެޓްގައި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު އދ.އިން ނުވަތަ ޗައިނާއިން ހާމައެއްނުކުރެއެވެ.
ނޭޕާލުން މިއަދު ބުނީ ކުއްލި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލުގައި 626 މީހުން މަރުވެ، ބިދޭސީން ހިމެނޭހެން ނޭޕާލުން 2،426 މީހުން ގެއްލިފައިވާކަމަށެވެ.
ޗައިނާއިން މިއަދު ބުނީ ޓިބެޓް ސަރަހައްދުން ހަތް މީހުން މަރުވެ، ބިދޭސީން ހިމެނޭހެން 554 މީހުން ގެއްލިފައިވާކަމަށެވެ.
ކުއްލި ފެންބޮޑުވުން ކުރިމަތިވީ ގްލޭސިއަރ ނުވަތަ ގަނޑުފެނުގެ ކޯރަކުން، ގަނޑުފެނާއި ހިލަ އާއި ކިސަޑު ކޯރުތަކަކަށް ފޭބުމުން، އެ ކޯރުތަކުގެ ފެން ދެމުމަށް ފުރަތަމަ ހުރަސްއެޅި، އޭގެ ފަހުން ކުއްލިއަށް ފެން ދެމިގަތުމުން ކުއްލި ފެންބޮޑުވުމަކަށް ބަދަލުވެގެންނެވެ.
މި ކަމުގެ ސަބަބުން އާ ލޭކް ނުވަތަ ކުޅިއެއް އުފެދި އަލުން ކުއްލި ފެންބޮޑުވުމެއް ކުރިމަތިވެދާނެކަމުގެ ބިރުވެސް ހީވިއެވެ. ނަމަވެސް އެ ލޭކްގެ ފެންގަނޑު މިހާރު ހިނދިފައިވާތީ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.
"ފެނުން ކަރަންޓް އުފައްދާ ޕްލާންޓެއްގެ ބިންގަރާސް މަގެއްގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ މީހުން ތާށިވެފައިވާކަމަށްވެސް ބެލެވޭ،" ނޭޕާލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް، ރާޖާ ރާމް ބަސްނަތު ބުންޏެވެ.
މީހުން ސަލާމަތްކުރާ ޗައިނާގެ ޓީމުގައި ހަރަކާތްތެރިވާ ޝޯ މިންގްޗީ ބުނީ ޗައިނާ އާއި ނޭޕާލްގެ ބޯޑަރުން އެއް ގައުމުން އަނެއް ގައުމަށް ހުރަސްކުރާ މަގު ނުވަތަ ކްރޮސިންގ އޮތީ ސުންނާފަތިވެފައިކަމަށެވެ.



advertisment