Support Us

އިސްރާއީލުން ގައްޒާ ސީޒްފަޔާ މުގުރައިލުން ބަލައެއްނުގަނެވޭނެ: އދ.

ދެ އަހަރުވީ ގައްޒާ ހަނގުރާމަ ހުއްޓައިލަން އެމެރިކާ މެދުވެރިވެގެން މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި ގައްޒާ ހިންގާ ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކޮށްދިން ސީޒްފަޔާ އިސްރާއީލުން މުގުރައިލުން ބަލައިނުގަނެވޭނެކަމަށް އދ.އިން ބުނެފިއެވެ.

މެދުއިރުމަތީގެ ސުލްހައަށާއި ފަލަސްތީނަށް ކަނޑައަޅައިފައި ހުންނަ އދ.ގެ މަންދޫބެއްކަމަށްވާ ރަމީޒު އަލަކްބަރޮފް (ފޮޓޯ) އިއްޔެ ބުނީ އެ ސީޒްފަޔާ އޮތީ ނާޒުކު ހާލަތެއްގައިކަމަށާއި އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްދާކަމަށާއި ގައްޒާގެ އިންސާނީ ހާލަތު އަދިވެސް ދަނީ ގޯސްވަމުންކަމަށެވެ.

"ސީޒްފަޔާއަށް 10 މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ހާލަތު އޮތީ ބަލައިނުގަނެވޭ ގޮތަކަށް،" އޭނާ ބުންޏެވެ.

އަލަކްބަރޮފް އިސްރާއީލަށާއި އަދި ހަމާސްއަށްވެސް ގޮވައިލީ ސީޒްފަޔާއަށް އިހްތިރާމްކުރުމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި އިއްޔެ އޭނާ ބުނީ މި މަހު 12 ގައި އިސްރާއީލުން ދޭން ފެށި ވައިގެ ހަމަލާތަކުގައި މިހާތަނަށް 100 މީހުން ޝަހީދުވެ، 400 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެކަމަށް ގައްޒާގެ ސިއްހީ ވުޒާރާއިން ބުނިކަމަށެވެ.

އޭނާ ބުނީ ގައްޒާގެ ތިންބައިކުޅަ ދެބައި ސަރަހައްދު އޮތީ ނުވަދެވޭ ހާލަތުގައި ނުވަތަ ވަނުމަށް އިސްރާއީލުން ހަރުކަށި ގޮތެއްގައި ހުރަސްތައް ކުރިމަތިކޮށްފައިކަމަށެވެ. އަދި ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ޕްރޮގްރާމަށް ބޭނުންވެގެން އދ.އިން އެދުނު ފައިސާގެ އަދަދުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 40 ޕަސެންޓްގެ ފަންޑުކަމަށްވެސް އޭނާ ބުންޏެވެ.

"އެ މީހުންނަށް އުއްމީދު ގެއްލެމުންދަނީ. އިންސާނީ ޝަރަފު ދެމެހެއްޓުން ވާން ޖެހޭނީ ހުރިހާ ކަމެއްގެ މައިގަނޑު ސަބަބަށް،" އަލަކްބަރޮފް ބުންޏެވެ.

ގައްޒާއަށް ސުލްހަ ގެނެސް، އެ ތަން އާރާސްތުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލެއްވި ސުލްހައިގެ ބޯޑުން ގައްޒާއަށް ކަނޑައަޅައިފައި ހުންނަ އިސް މަންދޫބު ނީކޯލައި މްލަޑެނޮފް އދ.ގެ ސަލާމަތީ މަޖިލީހަށް ބުދަ ދުވަހު ބުނީ ގައްޒާގެ ސީޒްފަޔާ ނަގަހައްޓަންކުރާ މަސައްކަތްތަކަށް ސީރިއަސް ހުރަސްތަކެއް އެޅިފައިވާކަމަށެވެ.

"ސީޒްފަޔާ ފޭލިވެއްޖެނަމަ އެއީ ބަދަލުނުކުރެވޭނެ ކަމަކަށް ވެދާނެ. އިސްރާއީލާއި ހަމާސްއިން އަލުން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ އެނބުރި ދެވޭނެ ސުލްހައިގެ މަގުޗާޓެއް ނޯންނާނެ. އަދި ބިމުގައި ކުރެވޭނެ އުމްރާނީ މަސައްކަތެއްވެސް ނުހުންނާނެ،" އޭނާ ބުންޏެވެ.

ގައްޒާގެ ސީޒްފަޔާ މުގުރައިލައިފައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މިހެންވެ، ދެ އަހަރުވީ ގައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު މިހާރުވަނީ 73،000 އަށްވުރެ މައްޗަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *