Support Us

އިއްޔެގެ އަލިފާނުގައި މަރުވި ތުއްތު ކުއްޖެއްގެ ހަށިގަނޑު ގެންދާއިރު އޭނާގެ ބައްޕައަށް އަސަރުކޮށްފައި

ޕާކިސްތާން ހޮސްޕިޓަލެއްގެ އަލިފާނުގައި 14 ތުއްތު ކުދިން މަރުވުން- ޖަވާބު ނުލިބޭ އެތައް ސުވާލެއް

ސަމީނާ ވަގާރު، 30، އަންގާރަ ދުވަހުގެ ރޭ ހޭދަކުރީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ އެންމެ ބޮޑު ޕަބްލިކް ސެކްޓަރ ހޮސްޕިޓަލް، ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީ.އައި.އެމް.އެސް)ގައެވެ. އެއީ އެ ދުވަހު އޭނާގެ ދައްތަ ސިޒޭރިއަން ހަދައިގެން ވިހޭމައެވެ.

"އަހަރެންގެ ޅިޔަނު ބޭނުންވީ ދައްތަ ގާތަށް ދާން. އިއްޔެ ހެނދުނު ދިޔަތަނުން އެ ވަގުތު ދިމާވީ މީހުން ހަޅޭއްލަވަން ފެށި ވަގުތާ. ދެން އޭނާ އަހަރެންނަށް ގުޅައިފައި ބުނެފި އަލިފާނުގެ ވާހަކަ،" ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއަށް ސަމީނާ ކިޔައިދިނެވެ.

ޕާކިސްތާންގެ އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލްގެ ތެރޭގައި އެންމެ ރައްކާތެރި ތަނުގެ ގޮތުގައި އޮންނަން ޖެހޭނެ ތަން އިއްޔެ ހެނދުނުވަނީ "މަރުގެ ކޮށްޓަކަ"ށް ބަދަލުވެފައެވެ. ތުއްތު ކުދިންގެ ނާސަރީގައި އަލިފާން ހިފައި، 14 ކުދިން މަރުވުމުންނެވެ.

އަލިފާން ރޯވީ ގާތްގަނޑަކަށް 6.45 އާއި 7.00 އާ ދޭތެރޭ، މައިންނާއި ދަރިންގެ ސިއްހަތާ ގުޅޭ، ތިންވަނަ ފަންގިފިލާގައި ހުންނަ ވޯޑުގައެވެ. އެ ތާނގައި 15 ކުދިން އޮތެވެ. އޭގެ ތެރެއިން ސަލާމަތްވީ ހަމަ އެންމެ ކުއްޖެކެވެ.

ވޯޑަށް ވަދެވުނީ ވޯޑުގެ ފަހަތުން. އޭ.ސީތަކުގެ އައުޓްޑޯ ޔުނިޓްތައް ކައިރީގައި އަލިފާނުގެ ނިޝާން

އޮފިޝަލުން ފުރަތަމައިން ބުނީ އޭ.ސީއެއްގައި ގޮވުމެއް ނުވަތަ ސޯޓެއް ހިނގީކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ނެރުނު ޕްރިލިމިނަރީ ރިޕޯޓެއްގައި ބުނީ އަލިފާން ފެށުމަށް ކުރިމަތިވީ ނެބިއުލައިޒަރެއް ގޮވައިގެންކަމަށެވެ. އަދި ނާސަރީގައި އޮކްސިޖަން ގޭސް މަތީ މިނެއްގައި ހުރުމުން އަލިފާން ހަލުއިކޮށް ފެތުރުމަށް މެދުވެރިވީކަމަށެވެ. ނަމަވެސް އަލިފާން ހިފަން ދިމާވި ސީދާ ސަބަބު މިއަދު ވީއިރުވެސް ތަހުގީގުކުރާ ފަރާތްތަކަށް ކަށަވަރެއްނުކުރެވެއެވެ.

އާއިލާތަކަށް އިއްޔެ ލިބުނު ބިރުވެރިކަން އިތުރަށް ސީރިއަސްކަމަކަށް މިހާރު ބަދަލުވެފައިވަނީ ނާސަރީއަށް ވަންނަ އަދި ނިކުންނަ ދޮރުތަކާމެދު އުފެދިފައިވާ ސުވާލުތަކުންނެވެ. އެ މީހުން އަލް ޖަޒީރާއަށް ބުނީ ނާސަރީގައި ހުރީ ބޭނުންކުރެވޭ އެންމެ ދޮރެއްކަމަށެވެ. އަދި ކުއްލި ހާލަތުގައި ނިކުންނަ އެގްސިޓް ދޮރުތައް ހުރީ ބަންދުކޮށްފައިކަމަށެވެ. މީހުން ސަލާމަތްކުރާ ޓީމުތަކަށް ޖެހުނީ ކޮންކްރީޓް ގްރިލްތަކާއި ކުޑަދޮރުތައް ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ، ތާށިވެފައި ތިބި މީހުން ސަލާމަތްކުރާށެވެ.

"މި ވަމުންދާ ގޮތެއް އަހަރެމެންނަކަށް ނޭނގޭ. އަހަރެމެން މިހާރު ކަންތައްތައް ކުރަންވީ ކިހިނެތް ކަމެއްވެސް ނޭނގޭ،" އިއްޔެގެ ހާދިސާގެ ހިތާމަ ލިބިފައިވާ ކަމްރާން ރިޔާޒު ބުންޏެވެ. އޭނާގެ ބޭބެއަށް ލިބުނު ތިން ދުވަސްވީ އަންހެން ދަރިފުޅުވެސްވަނީ އަލިފާނުގައި މަރުވެފައެވެ. އެ ދަރިފުޅު ނާސަރީއަށް ލީ ނޭވާލުމުގައި މައްސަލައެއް އުޅޭތީއެވެ.

ވޯޑަށް ވަދެވުނީ ކޮންކްރީޓް ގްރިލް އާއި ކުޑަދޮރެއް ހަލާކުކޮށްލައިގެން

ހޮސްޕިޓަލްގެ ސްޓާފުންނާމެދުވެސްވަނީ ސުވާލު އުފެދިފައެވެ. އިގްޒެކެޓިވް ޑިރެކްޓަރ ރަނާ އިމްރާން ސިކަންދަރު ބުނީ އަލިފާން ފެށުނުއިރު ދެ ޑޮކްޓަރާއި ހަތަރު ނަރުހުން ޑިއުޓީގައި ތިބިކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ކަންތައްތަކާ ބެހޭ މައި ސަރުކާރުގެ ވަޒީރު ތޯރިގު ފަޒާލު ޗައުދަރީ ވިދާޅުވީވެސް ހަމަ އެ ގޮތަށެވެ. ނަމަވެސް އާއިލާތަކުން ބުނީ އިއްޔެގެ އެ އިމަރޖެންސީ ނުވަތަ ވަގުތުން އަޅާ ނުލައިފިނަމަ ދެރަ ކަންތައްތަކެއް ވެދާނެ ހާލަތުގައި ސިއްހީ މުވައްޒަފުން ނުހޯދުނުކަމަށެވެ.

ސިއްހަތާ ބެހޭ ވަޒީރު މުސްތަފާ ކަމާލު ވިދާޅުވީ އަލިފާން ހިނގީ އޭ.ސީއެއް ގޮވުމުންކަމަށެވެ. އަދި އަލިފާން ފެތުރިގަތީ އޮކްސިޖަން ގޭހުގެ ސަބަބުންކަމަށެވެ.

ބޮޑުވަޒީރު ޝަހްބާޒު ޝަރީފުވަނީ ތަހުގީގެއް ހިންގަން އަމުރުކުރައްވައިފައެވެ. އަދި މައި ސަރުކާރުގެ ސިއްހަތާ ބެހޭ ވެރިޔާ އަސްލަމް ގައުރީ މަގާމުން ވަގުތީ ގޮތުން ވަކިކުރައްވައިފައެވެ.

ހޮސްޕިޓަލްގެ މެޓާނިޓީ ވޯޑުގެ ބޭރުގައި މީހުން އިއްޔެ މަޑުކޮށްލައިގެން

ކުރީގެ ދާހިލީ ވެރިޔާ ޝާހިދު ހާން އިސްވެ ހުންނެވި ތަހުގީގު ކޮމިޓީއަކުން މިއަދުވަނީ އަނދައިފައިވާ ނާސަރީއަށް ޒިޔާރަތްކޮށްފައެވެ. އޭނާގެ މައްޗަށް އަމުރުކޮށްފައިވަނީ އިސްލާހީ ހުށަހެޅުންތަކެއް 48 ގަޑިއިރުގެ ތެރޭގައި ހުށަހެޅުމަށެވެ. އަދި މައްސަލައާ ގުޅޭ ފުރިހަމަ ރިޕޯޓެއް ފަސް ދުވަސް ތެރޭގައި ހުށަހެޅުމަށެވެ.

ކުދިންގެ މަރުތައް ރައީސް އާސިފު އަލީ ޒަރްދާރީ ސިފަކުރެއްވީ "ހިތްހަލާކުވި އަދި ބަދަލުނުކުރެވޭނެ ގެއްލުމެއް"ގެ ގޮތުގައެވެ.

"ކުޑަކުދިން ހިމެނޭ ހިތާމަވެރިކަމަކީ ބަދަލުނުކުރެވޭނެ ގެއްލުމެއް،" ޝަރީފުވެސް ވިދާޅުވިއެވެ.

އިއްޔެގެ ހިތާމަވެރި ހާދިސާގެ ސަބަބުން ޕާކިސްތާންގެ ހޮސްޕިޓަލްތަކުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާމެދު އަނެއްކާވެސްވަނީ ކަންބޮޑުވުންތައް ފެންމަތިވެފައެވެ. ޖޫން 2024 ގައި ސަހިވާލު ޓީޗިން ހޮސްޕިޓަލްގައި 11 ތުއްތު ކުދިން މަރުވިއެވެ. އެ ފަހަރު ބެލިއިރު އަލިފާން ނިއްވާ ފުޅިތަކުގެ މުއްދަތްވަނީ ހަމަވެފައެވެ.

އިއްޔެގެ ހާދިސާގައި ހިތާމަ ލިބުނު އާއިލާތަކަށް ކުރިމަތިވެފައިވާ ފުރަތަމަ ސުވާލު ސީދާސާދާއެވެ. އަދި އެއީ ވަރަށް ވޭންހުރި ސުވާލެކެވެ. އެ ސުވާލަކީ، ސީރިއަސް ސިއްހީ ހާލަތްތަކާއެކު ވިހާ ކުދިން ދިރިދެމިތިބޭނެ ގޮތް ހެދުމަށް ފަރުމާކުރި ނާސަރީއެއް، މަދު މީސްކޮޅަކަށް ސަލާމަތްވެވުނު ތަނަކަށް ވީ ކީއްވެ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *