ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރަށް އައި ފްލޭޝް ފްލަޑް ނުވަތަ ކޯރު ބަންޑުންވުމުން ފެންބޮޑުވެގެން ކުރިމަތިވި ކާރިސާގައި 160 މީހުން މަރުވެއްޖެއެވެ.
ނޭޕާލުގެ ފުލުހުން އިއްޔެ ބުނީ ނޭޕާލު ފަޅިން 157 ހަށިގަނޑު ފެނިފައިވާކަމަށެވެ. އަނެއް ތިން މީހުން މަރުވީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ޓިބެޓުންނެވެ.
ނޭޕާލުން ބުނީ އެ ގައުމުން 403 މީހުން ގެއްލިފައިވާކަމަށެވެ. ޗައިނާއިން ބުނީ 265 މީހުން ޓިބެޓުން ގެއްލިފައިވާކަމަށެވެ.
ނޭޕާލުން ބުނީ އެ ގައުމުން ގެއްލުނު މީހުންގެ ތެރޭގައި 341 ބިދޭސީ ޓޫރިސްޓުން ހިމެނޭކަމަށެވެ. އޭގެ ތެރޭގައި 142 އިންޑިއާ ފަތުރުވެރިން ހިމެނެއެވެ. އަނެއް ޓޫރިސްޓުންގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، މެލޭޝިއާ، ނެދަލެންޑްސް، ޕޯޗުގަލް، ދެކުނު އެފްރިކާ އަދި އެމެރިކާ ރައްޔިތުން ހިމެނެއެވެ.
ފަރުބަދަމަތީ ރާސުވާ އަވަށުގެ ބޯތޭ ކޯޝީ ކޯރު އިއްޔެ ބަންޑުންދިއުމަށް މެދުވެރިވީ ގްލެސިއަރ ނުވަތަ ގަނޑުފެނުގެ ކޯރަކުން، ގަނޑުފެނާއި ހިލަ މަސްހުނިވެފައިވާ އެވަލާންޗް ނުވަތަ ފަރުބަދައިގެ އަރިމަތިން ފޭބި ސްނޯގެ ސަބަބުން ކޯރުގެ ފެން ދައުރުކުރުމަށް ފުރަތަމަ ހުރަސްއަޅި، އޭގެ ފަހުން ފެންގަނޑު ކޯރުން ބޭރަށް ފައިބައިގެން ދިއުމުންކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ލޭންޑްސްލައިޑް ނުވަތަ ބިންގަނޑު ކެނޑިގެން ފޭބުމުގެ ސަބަބުން ވިލިޖްތައް ނުވަތަ ބަސްތީތަކާއި މަގުތަކާއި ބްރިޖްތަކާއި އިންޖީނުގެތަކަށް ގެއްލުންވެފައިވެއެވެ.
"މީހުން ސަލާމަތްކުރުމާއި އެ މީހުންނަށް ފަރުވާ، ކާބޯތަކެތި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގައިނެ،" ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް ވިދާޅުވިއެވެ.
ގެއްލިފައިވާ މީހުން ހޯދަން ކުރެވޭނެ ހުރިހާ މަސައްކަތެއްކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންވަނީ އަމުރުކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ކަހަލަ ކާރިސާއަކާ ގުޅިގެން ކުރިމަތިވެދާނެ ހާދިސާތައް ރަނގަޅަށް މޮނިޓަކުރުމާއި ކުރިއަށް ކިޔަން އެނގޭ އިންޒާރުގެ ނިޒާމުތައް މުހިންމުކަމަށެވެ.
ނޭޕާލާ އިންވެގެން އޮންނަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ޝާހަށް ގުޅުއްވައި، "ދެވޭނެ ހުރިހާ ކަހަލަ އިންސާނީ އެހީ ދެއްވާނެ"ކަމަށް ވިދާޅުވެފައެވެ.



advertisment