އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރައިލުމުން ނޭޕާލްގައި މުޒާހަރާކޮށްފިއެވެ.
އޭނާ ގެއްލުނީ މި މަހު 16 ގައި ވެރިރަށް ކަތުމަންޑޫއާ ކައިރީގައި ހުންނަ އޭނާގެ ގެއިންނެވެ. ހަށިގަނޑު ފެނުނީ ތިން ދުވަސް ފަހުން ފަޅު ގެއަކުންނެވެ. އޮތީ ސީރިއަސް ޒަހަމްތަކެއް ދީފައި، ކުނިވެފައެވެ. އޭނާ ފެނުނީ އެ ގެއާ ކައިރީގައި ދިރިއުޅޭ އަވަށްޓެރިންނަށް ކުނިވަސްދުވުމުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އިއްޔެއާ ހަމައަށް ފުލުހުންވަނީ އެ ޖަރީމާ ހިންގުމުގައި ޝައްކުކުރެވޭ ނުވަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 18 އަހަރުނުވާ ދެ ކުދިން ހިމެނެއެވެ.
މުޒާހަރާކުރުންތެރިން ރުޅިވެރިކަން ފާޅުކުރި ކަންތައްތަކުގެ ތެރޭގައި ކުއްޖާ ހޯދުމުގައި ރަސްމީ އިދާރާތަކުން ލަސްވުމާއި ހައްޔަރުކުރި ކުއްޖެއް ފުލުހުންނަށް ބަޔާން ދޭ މަންޒަރު ހިމެނޭ ވީޑިއޯއެއް ލީކުކޮށްލުން ހިމެނެއެވެ. މުޒާހަރާކުރުންތެރިން ގޮވައިލީ ތަހުގީގު އަވަސްކުރުމަށާއި ރޭޕްކުރުމާ ދެކޮޅަށް ހުރި ގާނޫނުތައް މިހާރަށްވުރެ ހަރުކަށިކުރުމަށާއި އެ ގޮތުން، އެ ފަދަ ޖަރީމާ ހިންގާ މީހުންނާ ދެކޮޅަށް މަރުގެ ހުކުމް އިއްވުމަށެވެ.
ގާނޫނާ ބެހޭ ވަޒީރު ސޮބިތާ ގައުތަމް ވިދާޅުވީ މަރުގެ ހުކުމް އިއްވޭނީ ގާނޫނުއަސާސީއަށް ދުސްތޫރީ ބަދަލެއް ގެނެސްގެންކަމަށެވެ.
ސަރުކާރުން އެ ކުއްޖާގެ އާއިލާއަށް ދިން ލިޔުމެއްގައި ބުނެފައިވަނީ އެ ކުއްޖާގެ ހަދާނުގައި މެމޯރިއަލް ބިނާއެއް ބަހައްޓާނެކަމަށާއި އޮޕަރޭޝަނަލް ޑިއުޓީން ދެ ފުލުހުން ވަކިކުރާނެކަމަށާއި މި ފަދަ ކުށްތަކާ ބެހޭ ގާނޫނުތައް އިތުރަށް ހަރުކަށިކުރާނެކަމަށެވެ.
"ތިން އަހަރުގެ އަންހެން ކުއްޖެއްގެ ހަނދާނީ ބުދެއް ތަނެއްގައި ބެހެއްޓުމުން އޭނާގެ ފުރާނަ އެނބުރި އަންނާނެތަ؟" ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރެއްކަމަށްވާ ޕްރަމިލާ ކުމާރީ ގައްޗަދަރު ވިދާޅުވިއެވެ.
ކުއްޖާގެ ބައްޕަ ބުނީ ޝައްކުކުރެވޭ މީހުންގެ ނަންތައް ހިމަނައިފައިވާ ރަސްމީ ޝަކުވާއެއް ހުށަހެޅުމުން ނޫނީ ފިޔަވަޅު ނޭޅޭނެކަމަށް ފުލުހުން އޭނާގެ ގާތުގައި ބުނިކަމަށެވެ. އަދި މިހެންވެ، އޭނާ އާއި އަވަށްޓެރިން ކުއްޖާ ހޯދުމަށްކުރި މަސައްކަތް ފުލުހުން އަވަސްކޮށްނުދިންކަމަށެވެ.
"ފުލުހުން ބުނީ އަހަރެން ހަމައެކަނި ބުނެލާ އެއްޗަކުން އެ މީހުންނަށް ފިޔަވަޅު ނޭޅޭނެކަމަށް،" އޭނާ ބުންޏެވެ.
ނަމަވެސް އެ ވާހަކަ ދޮގުކޮށްފައި ފުލުހުން ބުނީ ކުއްޖާ ގެއްލުމުން އަވަހަށް ހޯދަން ފެށިކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން 24 އަހަރުގެ ބަސް ޑްރައިވަރަކާއި އުމުރުން 17 އަހަރުގެ އޭނާގެ އެހީތެރިއެއް ހިމެނޭކަމަށެވެ. ލީކުކޮށްލި ވީޑިއޯއަކީ އެ 17 އަހަރުގެ ކުއްޖާގެ ބަޔާން ނަގާ މަންޒަރެވެ. ފުލުހުން ބުނީ ކަން ހިނގި ގޮތް 17 އަހަރުގެ ކުއްޖާ ކިޔައިދޭ މަންޒަރު ހިމެނޭ ވީޑިއޯ ތަހުގީގު ހިންގަމުންދަނިކޮށް ލީކުކޮށްލެވިގެންނުވާނެކަމަށެވެ.
މުޒާހަރާތައް ފެށީ މި ދިޔަ ހަފުތާގައި ކުއްޖާގެ ހަށިގަނޑު ފެނުމުންނެވެ. މުޒަހަރާތައް އެތައް ދުވަހަކު ކުރިއަށްގެންދިޔައެވެ. މުޒާހަރާކުރުންތެރިންވަނީ ހަލިމަގުތައްވެސް ބަންދުކޮށްލައިފައެވެ. އެ މީހުން ހިފައިގެން ތިބި ލިޔުންތަކުގައި ބުނެފައިވަނީ ފުލުހުންނާއި ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެކަމަށެވެ.
ކުއްޖާގެ ހަށިގަނޑު އާދީއްތަ ދުވަހު ވަނީ ހޮސްޕިޓަލުން ގެންގޮސް، އިރުމަތީ ގައުމުތަކުގެ ޖަނާޒާ ސަގާފަތާ އެއްގޮތަށް އަންދައިލައިފައެވެ.
މި ދިޔަ ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުން ސަރުކާރަށް ގޮވައިލީ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް އަނިޔާވެރިކަން ހިންގުމަށް ފުރުސަތު ނުދެވޭނެ ގޮތަށް ގާނޫނުތައް ހަރުކަށިކުރުމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2015 އާއި 2017 އާ ދޭތެރޭ ރޭޕް އަދި ޖިންސީ އަނިޔާގެ 25،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި މަދުވެގެން 3،200 ކޭސްގައި ހިމެނެނީ އުމުރުން 10 އަހަރުނުވާ ކުދިންނެވެ.



advertisment