އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މި ދިޔަ މަހު 20 ގައި ވީ ކިހިނެއް ހެއްޔެވެ؟
އުމުރުން 19 އަހަރުގެ ސާހިލް ލޮޗަބްގެ އެއް ލޮލުގެ ފެނުންވަނީ ގެއްލިފައެވެ. މެޑިކަލް ރެކޯޑުތަކުން ދައްކަނީ އޭނާގެ ހަށިގަނޑުގައި އަދިވެސް 200 އަށްވުރެ ގިނަ ޕެލެޓް ހުރިކަމަށެވެ.
ދިއްލީ ޔުނިވާސިޓީގައި ކިޔަވާ ލޮޗަބްގެ މޭ، ބުރަކަށި، ދެ އަތް އަދި މޫނަށްވަނީ ޕެލެޓުން ޒަހަމް ލިބިފައެވެ. ފުލުސް އޮފީހުގައި އޭނާކުރި ޝަކުވާގައި ބުނެފައިވަނީ ބައިވަރު ޕެލެޓް ހަށިގަނޑުން ނުނެގުނުކަމަށެވެ.
"ޑޮކްޓަރުން ބުނީ އަހަރެންގެ ލޮލަށް ފެނުމުގެ އޮތީ އެއް ޕަސެންޓަށްވުރެވެސް ކުޑަ ފުރުސަތެއްކަމަށް،" ފުލުހުންނަށްކުރި ޝަކުވާގައި އޭނާ ބުނެފައިވެއެވެ.
ސިއްހީ ދާއިރާގެ އިމްތިހާން ކަރުދާސް ލީކުވުމާއި އެ ކަމާ ގުޅޭ މުޒާހަރާތަކުގެ ޕްރެޝަރާހުރެ އިސްތިއުފާ ދެއްވި ކުރީގެ ތައުލީމީ ވަޒީރު ދަރްމެންދްރާ ޕްރަދާންއާ ދެކޮޅަށް އިންޑިއާގެ ޒުވާން ޖެން ޒީ ޖީލުގެ ދަރިވަރުން، އިންޑިއާގެ ޒުވާނުންނަކީ ކަންނެތް ބައެއްކަމަށް އުއްތަމަ ފަނޑިޔާރު ސުރްޔާ ކާންތު ސިފަކުރެއްވުމުން، "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ)ގެ ނަމުގައި މުޒާހަރާކުރިތާ މަހެއް ފަހުން، ދުނިޔޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަނިޔާވެރިކަމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އަމިއްލަ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އިންޑިއާގެ ސަލާމަތީ ބާރުތަކުންވަނީ މުޒާހަރާކުރުންތެރިންނާ ދެކޮޅަށް ގައިރުގާނޫނީ އަދި ހައްދުފަހަނަޅާވަރަށް ބާރުގެ ބޭނުންކޮށްފައިކަމަށެވެ.
އެމްނެސްޓީގެ ތަހުގީގުގައި ބުނެފައިވަނީ ފުލުހުންނާއި ޕެރަމިލިޓަރީ މުވައްޒަފުން، ނިއު ދިއްލީގައި ޖުލައި 20 ގައި އޮތް މުޒާހަރާތަކުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ޕެލެޓް ޖަހާ ޝޮޓްގަން، ކަރުނަ ގޭސް ޖަހާ ގްރެނޭޑް، މުގުރު އަދި ކަރަންޓް ޝޮކް ދޭ އާލާތްތައް ބޭނުންކުރިކަމަށެވެ. އަދި ފަހުން ބިހާރް ސްޓޭޓްގެ ސިވަން ސިޓީގައި މުޒާހަރާކުރުންތެރިންގެ ގަޔަށް ފުލުހުން ބަޑިޖެހިކަމަށެވެ. ދިއްލީގެ މުޒާހަރާ ހުއްޓުވައިލުމަށް އެޅި ފިޔަވަޅުތަކުގައި 100 އަށްވުރެ ގިނަ ދަރިވަރުން ޒަހަމްވިއެވެ.

ދުނިޔޭގައި އިންސާނީ ހައްގުތައް ނިގުޅައިގަންނަ ހާދިސާތަކުގެ ހެކި ކަށަވަރުކުރާ އެމްނެސްޓީގެ ލެބޯޓަރީ ނުވަތަ "އެވިޑެންސް ލެބް"އިންވަނީ ދިއްލީން 17 ވީޑިއޯ އާއި ސިވަނުން ދެ ވީޑިއޯ ވެރިފައިކޮށްފައެވެ. އެއީ ފުޓެޖާއި ފޮޓޯ އަދި ހެކިވެރިންގެ ހެކިބަސް ބޭނުންކޮށްގެނެވެ.
އެއް ވީޑިއޯއިން ފެންނަނީ އިންޑިއާގައި މުޒާހަރާ އާއި އާއްމު ހަމަނުޖެހުން ކޮންޓްރޯލްކުރާ ރެޕިޑް އެކްޝަން ފޯސްގެ އޮފިސަރަކު އެއްވެފައި ތިބި މީހުންނާ ދިމާއަށް ޝޮޓްގަންއަކުން ބަޑިޖަހައި މަންޒަރެވެ. މަދުވެގެން ދެ މުޒާހަރާކުރުންތެރިންނަށްވަނީ ދޫނި ޝިކާރަކުރާ ބާވަތުގެ ޕެލެޓުން ޒަހަމް ލިބިފައެވެ. ރަސްމީ އިދާރާތަކުންކުރި ތަހުގީގެއްގައި ހާމަވީ މައުދަނުން ހަދައިފައިވާ ޕެލެޓް ސަލާމަތީ ބާރުތަކުން މަދުވެގެން ހަތް ފަހަރު ބޭނުންކުރިކަމަށެވެ.
އެމްނެސްޓީގެ ހޯދުންތަކުން އެނގުނީ ޕެލެޓް ބަޑި ބޭނުންނުކުރާކަމަށް ދިއްލީގެ ފުލުހުން ތަކުރާރުކޮށް ހެދީ ދޮގުކަމެވެ. ފުލުހުން ބުނެފައިވަނީ ޕެލެޓުން ޒަހަމް ލިބުނުކަމަށް ބުނާ ބުނުމަކީ "ފޭކް ނިއުސް" ނުވަތަ "ދޮގު ހަބަރު"ކަމަށެވެ. އަދި އެއީ "މުޅިން ނުބައި" އަދި ކަން ހިނގި ގޮތް "އޮޅުވައިލުމެއް"ކަމަށެވެ.
"މުޒާހަރާކުރުމުގެ ހައްގަށް މަގުފަހިކޮށްދިނުމުގެ ބަދަލުގައި، އިންޑިއާގެ ރަސްމީ އިދާރާތަކުން ފުރަތަމައިންވެސް މުޒާހަރާ ހުއްޓުވައިލީ މުއާސަލާތީ ގުޅުންތައް ކަނޑައިލައި، ބެރިކޭޑް ބަހައްޓައި އަދި ދަތުރުފަތުރަށް ހުރަސް އަޅައިގެން. މި ހަރުކަށިކަމަކީ އެއްވެފައި ތިބި ބަޔަކު ކޮންޓްރޯލްކުރުމުގެ ނަމުގައި ދައުލަތުން ހުއްދަ ދީގެން ހިންގި އަނިޔާވެރިކަމެއް،" އެމްނެސްޓީގެ އިންޑިއާ ގޮފީގެ ބޯޑުގެ ޗެއާމަން އާކަރު ޕަޓެލް ބުންޏެވެ.

ކަރުނަ ގޭސް ޖަހާ ގްރެނޭޑާއި އިންޑިއާގައި ސަގާފީ ގޮތުން ގެންގުޅޭ މުގުރު ބޭނުންކުރި ގޮތަށްވެސް އެމްނެސްޓީން ފާޑުކިޔެވެ. ގްރެނޭޑްތައް ބައެއް ފަހަރު އުކައިފައިވަނީ މައްޗަށް ނޫންކަމަށާއި ސީދާ މުޒާހަރާކުރުންތެރިންގެ ގައިގައި ޖެހޭނެ ގޮތަށްކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. ބައެއް ވީޑިއޯތަކުން ފެނިފައިވަނީ ޔުނީފޯމްގައި ތިބި އޮފިސަރުން ގާތުގައި ތިއްބާވެސް އާއްމު ހެދުމުގައި ތިބި މީހުން މުޒާހަރާކުރުންތެރިންގެ ގައިގައި ތަޅަމުންދާ މަންޒަރެވެ.
މި ދިޔަ މަހު 20 ގައި ނިއު ދިއްލީގައި ހިނގި މި ހާދިސާ ސިޔާސީ ހަމަނުޖެހުމަކަށްވެސްވެފައިވެއެވެ. އިދިކޮޅު ލީޑަރު ރާހުލް ގާނދީވަނީ ދާހިލީ ވަޒީރު އަމިތް ޝާހްގެ ފަރާތުން ޖަވާބުތަކަކަށް އެދިފައެވެ. އޭނާ ބުނީ ފުރާނައަށް ނުރައްކާވާ ހަތިޔާރު ބޭނުންކުރަން ޝާހް ހުއްދަ ދެއްވިނަމަ އޭނާ "ކުށްވެރިވާ"ކަމަށެވެ. އަނެއްކޮޅުން، އެ ކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިނުވާނަމަ، ޝާހް އެ މަގާމުގައި ހުންނެވުމުގެ ގާބިލުކަމެއް ނެތްކަމަށެވެ.
ގާނދީ ފަހުންވަނީ ދިއްލީގެ ފުލުހުންގެ ވެރިޔާގެ އޮފީހުގެ ދޮށުގައި ހަތް ގަޑިއިރު އިށީނދެގެން އިނދެ މުޒާހަރާކޮށްފައެވެ. އެއީ ލޮޗަބްގެ ޝަކުވާ ފުލުސް އޮފީހުގައި ރަޖިސްޓްރީކޮށްދޭން ފުލުހުންނަށް ޕްރެޝަރުކުރުމަށެވެ. ލޮޗަބް ބުނީ އޭނާގެ ޝަކުވާ ރަޖިސްޓްރީކޮށްދޭން ފުލުހުން ދެކޮޅުހެދިކަމަށެވެ. އަދި ރަޖިސްޓްރީކޮށްދިނީ އޭނާގެ ހައްގުގައި ގާނދީ މުޒާހަރާކުރުމުންކަމަށެވެ.
މުޒާހަރާގައި ސަލާމަތީ ބާރުތަކުން އަނިޔާވެރިކަމާއެކު އަމަލުކުރިކަން މި ހާމަވީ ފުލުހުންނާއި މުޒާހަރާކުރުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔަ އަނިޔާވެރިކަން ތަހުގީގުކުރަން އިންޑިއާގެ ސުޕްރީމް ކޯޓުން ޕެނަލެއް އުފައްދައިފައިވަނިކޮށެވެ. އެމްނެސްޓީން ބުނީ މުޒާހަރާއަށް އެއް މަސްވި ފަހުންވެސް ދިއްލީގެ އެންމެ ފުލުހަކުވެސް ޒިންމާދާރުކުރެވިފައިނުވާކަމަށެވެ.



advertisment