Support Us

ބްލޫ ޝާކް ބާވަތުގެ މިޔަރެއް އަދި ސެބަޝްޔަން އަކީމް ހޮސްޕިޓަލްގައި. ދެން، މިޔަރު ދަތްއެޅި އޭނާގެ ކުޑަކަޅުވާ ބެންޑޭޖްކޮށްފައި

"ދަތްއެޅިޔަސް އެއީ މިޔަރުގެ މައްސަލައެއް ނޫން"

ސެބަޝްޔަން އަކީމް އުޅުނީ މި މަހު 11 ގައި، ދިރާސާއެއްގައި ރިސާޗް ޓީމަކާއެކު މިޔަރު ބާނައި، އޭގައި ޓެގު އަޅުވައިފައި ދޫކޮށްލުމުގައެވެ.

އުމުރުން 27 އަހަރުގެ، ރުމޭނިއާއަށް އުފަން، އަޔަލެންޑްގައި ދިރިއުޅޭ އަކީމްއާއެކު މަސައްކަތްކުރަމުން ދިޔައީ ތަޖުރިބާކާރު މަސްވެރިންނެވެ.

އޭނާއަށް ހަޔާތުން ފުރަތަމަ ފަހަރުގައި "ބްލޫ ޝާކް" ބާވަތުގެ މިޔަރެއް ބޭނުނީ އޭނާގެ ޓީމުގެ އެހެން މަސްވެރިން އެތައް މިޔަރެއް ބާނައި، ޓެގު އަޅުވައިފައި ދޫކޮށްލައިފައިވަނިކޮށެވެ.

މިޔަރުގެ އަނގައިން ބުޅި ނައްޓައިލުމަށްފަހު ބޯޓު ތެރޭގައި އަކީމް އެ ސޮރު ބޭއްވިއެވެ. ބިރުވެރި ކަމަކަށް އެ ދަތުރު ބަދަލުވީ އެ ހިސާބުންނެވެ.

ހުރެވުނީ މިޔަރުގެ ރީތިކަމަށް ބަލަހައްޓައިގެން

"އަހަރެން ހުރީ އެ މިޔަރުގެ ރީތިކަމަށް ބަލަހައްޓައިގެން. ކުއްލިއަކަށް އެ ސޮރު ފުއްމައިގެން އަރައި އަހަރެންގެ ކުޑަކަޅުވާގައި އެ ސޮރުގެ އަނގައިން ހިފި،" އަކީމް ކިޔައިދިނެވެ.

އޭނާ ބުނީ އޭނާ ހިތުން އޭނާ ހުރީ މިޔަރުގެ ކިބައިން ސަލާމަތްވެވޭނެހާ ދުރުގައިކަމަށެވެ. އެއީ އެ ސޮރުގެ ނިގުލާ ދޮޅު ފޫޓު ދުރުގައެވެ.

އަކީމު ޒަހަމްވިޔަސް އޭނާގެ ޓީމުން ފުރަތަމަ އިސްކަމެއް ދިނީ މިޔަރު ކަނޑަށް ދޫކޮށްލުމަށެވެ.

"އަހަރެމެން އެ ސޮރު ކަނޑަށް ވަގުތުން ދޫކޮށްލީ. އެ ސޮރުގެ ގައިގައި ޓެގެއް ނޭޅުވުނު. އެ ސޮރު ހާސްވެފައި އޮތް ވަރަށްވުރެ އިތުރަށް އެ ސޮރު ހާސްވާކަށް އަހަރެމެން ބޭނުމެއްނުވި،" އަކީމް ބުންޏެވެ.

ގޯހީ މިޔަރެއް ނޫން

އޭނާ ބުނީ އޭނާއަށް ލިބުނު ޒަހަމްގެ އިލްޒާމް އެ މިޔަރުގެ ބޮލުގައި ނާޅުވާކަމަށެވެ.

"އެއީ ގަސްދުގައި ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ދިން ހަމަލާއެއްކަމެއް ނޭނގޭ. އެކަމަކު އެނގެނީ އެ ސޮރު ކަންތައްކުރީ ރަނގަޅަށްކަން. އެ ސޮރު ކަނޑުން ނެގީ އަހަރެމެން. އަދި އެހެންވެ އެ ސޮރުގައި ގުދުރަތީ ގޮތުން ހުރީ އެ ސޮރު ސަލާމަތްވުމުގެ ވިސްނުން،" އަކީމް ބުންޏެވެ.

އަކީމް އޭނާގެ ފައިގައި ވަލެއް އައްސައިލައި ބާރުކޮށްލިއެވެ. ލޭ މަނާ ކުރެވޭތޯއެވެ.

ކުއްލި އެހީގެ ހިދުމަތްތައް ދޭ ފަރާތާ އޭނާގެ ޓީމުން ގުޅިއެވެ.

ބޯޓު އޮތީ އައްސޭރިފަށާ ތިން ގަޑިއިރުގެ ރާސްތާއެއްގައެވެ. ކުޑަކަޅުވާއިން ލޭ ފޭބިލެއް ގިނަކަމުން މިޔަރު ދަތްއެޅިތާ 10 ވަރަކަށް މިނެޓު ފަހުން އޭނާ ހަބަރު ހުސްވާން ފެށިއެވެ.

"އަހަރެން ސަލާމަތްވާނެކަމަކަށް އަހަރެން ހިއެއްނުކުރަން. އަހަރެންނަށް ކޮޅަކަށް ނުހުރެވުނު. ކޮޅަށް ހުންނަ ކޮންމެ ފަހަރަކު އަހަރެންގެ ހަބަރު ހުސްވަނީ،" އަކީމް ކިޔައިދިނެވެ.

ވިސްނުނީ އަމިއްލަ ނަފުސާމެދުއެއް ނޫން

ސަލާމަތްކުރާ މީހުން އަންނަންދެން އަކީމް މަޑުކޮށްގެން ހުރިއިރު އޭނާގެ ހިޔާލުތައް ހުރީ އޭނާގެ އަމިއްލަ ނަފުސާމެދަކު ނޫނެވެ.

"އެއީ ބިރުވެރި ކަމެއް. އަހަރެން ބިރުގަތީ އަހަރެންގެ ނަފުސަށްޓަކައެއް ނޫން. އަހަރެންގެ ހިޔާލަށް އައީ އަހަރެންގެ ލޯބިވެރިޔާ. އަހަރެން މަސައްކަތްކުރަމުން ދިޔައީ ފަޅުވެރިންވެސް ބިރުގަންފައިނެތީ އަހަރެން ހިތްވަރާއެކު ކެތްކޮށްލަން،" އަކީމް ބުންޏެވެ.

ވަގުތު އޮއްވައި އޭނާ ސަލާމަތްވީ ކުއްލި އެހީ ދޭ ފަރާތްތަކުން އޭނާ ފަރުވާ ދޭ މަރުކަޒަކަށް ގެންދަން ހެލިކޮޕްޓަރެއް ފޮނުވީމާކަމަށް އަކީމް ބުންޏެވެ.

"އަހަރެން ސަލާމަތްވީ ނަސީބަކުން. ހަމައެކަނި އެ ހެލިކޮޕްޓަރުގެ ސަބަބުން. އެހެން ނޫނީ އަހަރެންނަށް ހިއެއްނުވޭ އަހަރެން ސަލާމަތްވާނެހެނެއް. އެ ވަރަށް ލޭ ފޭބި،" އަކީމް ބުންޏެވެ.

އޭނާ ގެންދިޔައީ އަޔަލެންޑްގެ ކޯކް ސިޓީގެ ޔުނިވާސިޓީގެ ހޮސްޕިޓަލަށެވެ. އެ ތާނގައި އޭނާގެ ސާޖަރީއެއް ހެދިއެވެ. ޑޮކްޓަރުން ބުނީ އޭނާގެ ފައިން ހަމާއި ޓިޝޫ ނެތިގެން ގޮސްފައިވާކަމަށެވެ. އަދި އެހެންވެ ހަން ގްރާފްޓްކުރަން ޖެހޭނެކަމަށެވެ.

އަޑްރެނަލަންގެ ސަބަބުން ތަދު އިހްސާސެއްނުކުރެވުނު

އޭނާއަށް ލިބުނު ޒަހަމްގެ ސީރިއަސްކަން އޭނާއަށް ކުރީކޮޅު ފަހުމްނުވީ އަޑްރެނަލަންގެ ސަބަބުންކަމަށް އަކީމް ބުންޏެވެ.

"ހޮސްޕިޓަލަށް ދެވެންދެން އަހަރެންނަށް ތަދެއް އިހްސާސެއްނުކުރެވޭ. ހޮސްޕިޓަލަށް ދެވުނުތަނާ އަހަރެންގެ ހާލަތުގެ ސީރިއަސްކަން އަހަރެންނަށް ރޭކައިލީ. އެއީ އަޑްރެނަލަން ހުސްވުމުން،" އަކީމް ބުންޏެވެ.

އޭނާ ބުނީ އޭނާގެ ޒަހަމްވެފައިވާ ފައިގެ މައްޗަށް މި ވަގުތު އަދި ކޮޅަށް ނުހުރެވޭކަމަށެވެ. އަދި ޒަހަމްވީ ހިސާބުން ކޮންމެވެސް ވަރަކަށް ހިއްސު ކެނޑިފައިވާކަމަށެވެ. ނަމަވެސް އޭނާ އުއްމީދުކުރަނީ ހިއްސު އެނބުރި އަންނާނެކަމަށެވެ.

ސާޖަރީގެ ފަހުން މި މަހު 13 ގައި އޭނާ ސޯޝަލް މީޑިއާއަށް ލީ ޕޯސްޓެއްގައި ބުނީ ސާޖަރީ ދިޔައީ ރަނގަޅަށްކަމަށެވެ. އަދި "މަދު ހަފުތާތަކެއް"ގެ ތެރޭގައި އޭނާގެ ހާލު ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *