މިއީ ހަމަ ބައެއް ހިންދީ ފިލްމްތަކުގައިވެސް ވާ ކަހަލަ ގޮތެކެވެ.
ނެދަލެންޑްސްގައި 100 މޭލެއްހާ ކައިރީގައި ދިރިއުޅުނު އިންޑިއާގެ ދެ އަންހެނުން އެއީ ދެބައިންކަން އެނގުނީ 40 އަހަރު ފަހުންނެވެ.
މިނާލް ޓިޖްސަން، 44، އަދި މީނާ ގެލްޓިންކް، 43، އުޅެ ބޮޑުވީ އެ ދެބެއިން އެޑޮޕްޓްކުރި ނެދަލެންޑްސްގެ ވަކި ދެ އާއިލާއަކާއެކުއެވެ.
ދެބެއިން ކުޑައިރު އެޑޮޕްޝަނަށް އެ ދެބެއިންގެ މައިންބަފައިން އިންޑިއާގެ ޔަތީމުހާނާތަކަށް ދޫކޮށްލީއެވެ. އެޑޮޕްޓްކުރި ކުދިންގެ އެއްވުމެއްގައި 1996 ގައި އެ ދެބެއިން ބައްދަލުވިއެވެ. އަދި ދެބެއިން ބުނީ ދެބެއިންގެ ދެމެދުގައި ގާތްކަމެއް ވަގުތުން އިހްސާސް ކުރެވުނު ކަމަށެވެ.
އަދި ފުރާވަރުއިރު ދިމާވި އެ ބައްދަލުކުރުމުގައި އެ ދެބެއިންގެ ރަހްމަތްތެރިންވެސް ފާހަގަކުރީ ދެބެއިންގެ ސިފަވެސް ވައްތަރުކަމެވެ. މިހެންވެ، ދެބެއިންވެސް ސަމާސާއަކަށް ހަދައިފައި އެކަކު އަނެކަކަށް މުހާތަބުކުރަނީ "ދައްތަ/ކޮއްކޮ"ގެ ނަމުންނެވެ.
އޭގެ ފަހުން ދެބެއިންގެ މުއާމަލާތްކުރުން 15 އަހަރަށް މެދުކެނޑުނެވެ. އެހެން އޮއްވައި މި ދިޔަ އެޕްރިލްގައި "މައިހެރިޓެޖް" ވެބްސައިޓުގެ ޑީ.އެން.އޭ ޓެސްޓެއް މިނާލް ހެދިއެވެ. އޭގެން ދެއްކީ މީނާއާ ޖެނެޓިކް ގޮތުން 100 ޕަސެންޓް ދިމާވި ކަމަށެވެ.
"އަހަރެންނަށް ގަބޫލުވެސް ނުކުރެވުނު،" މިނާލް ބުންޏެވެ.
"އަހަރެންނަށް ތިބާ ފެނުމުން އިހްސާސްކުރެވެނީ އަހަރެންނަށް ގެއަށް އާދެވިއްޖެހެން،" ދެބެއިން އަލުން ބައްދަލުވުމުން ޖަޒުބާތުން ފުރިފައިވާ ހާލު މީނާ މިނާލަށް ބުންޏެވެ.
"މި އޮތް ހުރިހާ ދުވަހު އަހަރެމެންނީ ދެބެއިން، އެކަމަކު އެ ކަމެއް އަހަރެމެންނަކަށް ނޭނގޭ،" މިނާލް ބުންޏެވެ.



advertisment