Support Us

އެސްޓީއޯ ހެލްތް ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތައާރަފްކޮށްފި

ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް އެސްޓީއޯ ހެލްތް ކެއަރ އިން ބާޒާރަށް ތައާރަފްކޮށްފިއެވެ.

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ GE Healthcare އިން އަލަށް ނެރެފައިވާ 'V Scan’ގެ މޮޑެލްތައް ތަޢާރަފް ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާގައި މި ޑިވައިސް ތަޢާރަފް ކޮށްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމާއި GE Healthcare ގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

ސްކޭންގެ ހިދުމަތް ދެމުން އައި ގޮތް، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ހިދުމަތް ދިނުމުގައި، އަލަށް ތަޢާރަފް ކުރި މި މޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

"…އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މި ހިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ގަބޫލުކުރެއެވެ. މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް DICOM ސްޓޭންޑަޑްގައި ޝެއަރ ކުރެވޭނެއެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

"ސްކޭން މެޝިންގެ ބްރޭންޑުތަކުގެ ތެރެއިން GE Healthcare އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ. ރާއްޖޭގެ ސިއްޙީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އަދި މި ބްރޭންޑުގެ މެޝިނަރީސްގެ އަފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ GE Healthcare ގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ. މިގޮތުން އެމް.އާރު.އައި، ސީޓީ، މެމޮގްރަފީ އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މި ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެއީ އެސްޓީއޯއިން ފާހަގަކުރާ ކަމެކެވެ."

މި ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މި ދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އެސް.ޓީ.އޯ އިން ދެކެއެވެ.