އަފްގާނިސްތާންގެ މަގެއްގެ އަރިމަތީގައި ގޮވި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)ގެ ހާދިސާއަކުން ޑިސެމްބަރު 2005 ގައި އެމެރިކާގެ ވައިގެ ސިފައިންގެ ސްޕެޝަލިސްޓެއް ކަމަށްވާ އިޒްރޭލް ޑެލް ޓޯރޯ ސަލާމަތްވިއެވެ. އުމުރުން މިހާރު 51 އަހަރުގެ އޭނާއަކީ އެއިރު ވައިގެ ހަމަލާ ދޭންވި ތަންތަން އަންގައިދޭ މީހެކެވެ.
އޭނާގެ ގައިގައި އަލިފާން ހިފުމުން ވެހިކަލުން ފައިބައިގެން ގޮސް އޭނާ ކުޑަ ކޯރަކަށް ފުއްމައިލިއެވެ. އަދި އެ ހާލުގައިވެސް ވައިގެ ހަމަލާދޭނެ ތަންތަން އަންގަމުންދިޔައެވެ. އެއަށްފަހު އޭނާ ހޭނެތުނެވެ. އޭނާ ދެން ސަލާމަތްކުރީ އޭނާގެ ޓީމުގެ މީހުންނެވެ.
ޑެލް ޓޯރޯގެ ހަށިގަނޑުގެ 80 ޕަސެންޓް ފިހުނެވެ. އިނގިލިތަކެއް ބުރިވެސްވިއެވެ. އަދި ތިން މަސް ވަންދެން ހޭނައިރައި ކޯމާއެއްގައި އޮތެވެ. މި ކަމުގެ ސަބަބުން ސިއްހީ ޓީމުތަކުން އޭނާ ސަލާމަތްވާނެ ކަމަށް ދިނީ އެންމެ 15 ޕަސެންޓްގެ ފުރުސަތެކެވެ.
ޑޮކްޓަރުން އެހެން ބުނި ނަމަވެސް އެ ކަމުން އޭނާގެ ކުރިމަގަށް ހުރަސްއެޅުމަށާއި އޭނާގެ ޅަ ފިރިހެން ދަރިފުޅު ބައްޕައެއްގެ ލޯބިން މަހްރޫމުވާން ޑެލް ޓޯރޯ ފުރުސަތު ނުދިނެވެ. ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ސާޖަރީ އާއި އެތައް އަހަރެއްގެ ރިހެބިލިޓޭޝަންވެސް އޭނާ ތަޖުރިބާކުރިއެވެ.
އާދައިގެ މަގުން، ސިއްހީ ސަބަބުތަކާހުރެ އަސްކަރިއްޔާގެ ވަޒީފާއިން އޭނާ ވަކިކޮށްލުމާ ޑެލް ޓޯރޯ ދެކޮޅުހެދިއެވެ. އަސްކަރިއްޔާގައި ދެމިހުރުމަށް އޭނާ ކުރި މަސައްކަތުގެ ނަތީޖާވެސް ކާމިޔާބެވެ. އޭނާ 2010 ގައި ވެގެންދިޔައީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ވައިގެ ސިފައިންގެ ތެރެއަށް އަލުން ވަން، ހަނގުރާމައިގެ ކަންތައްތައް ކުރުމަށް ނުކުޅެދޭ، ފުރަތަމަ ވައިގެ ސިފައިންގެ މީހާއަށެވެ.
އަނެއްކާވެސް ވައިގެ ސިފައިންގެ ތެރެއަށްވަދެ އޭނާ ފެށީ އޭނާ ކަހަލަ ސްޕެޝަލިސްޓުން ތަމްރީނުކުރާށެވެ. އިނގިރޭސި ވިލާތުގެ ޝެހެޒާދު ހެރީ، ބަލިމީހުންނަށާއި ޒަހަމްވެފައިވާ މީހުންނަށް ތައާރަފުކުރި އިންވިކްޓަސް ގޭމްސް ކުޅިވަރު މުބާރާތުން ރަން މެޑެއްޔެއް ހޯދިއެވެ. ޕެރަޝޫޓާއެކު 131 ވަނަ ފަހަރު ފުއްމައިވެސް ލިއެވެ.
މީގެ އިތުރުން ޑެލް ޓޯރޯ ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މީޑިއާ ކުންފުނި އީސް.އެސް.ޕީ.އެންގެ ޕެޓް ޓިލްމަން އެވޯޑު ފޮ ސާވިސް އެވޯޑުވެސް ހޯދައިފިއެވެ. މި މަޝްހޫރު އެވޯޑަކީ، 2001 ގެ ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަލްގައިދާ ޓެރަރިސްޓް ގްރޫޕުން ދިން ހަމަލާއާ ގުޅިގެން އެމެރިކާއިން އަފްގާނިސްތާނަށް އަރައި އަލްގައިދާ ނައްތައިލައި އަދި އަފްގާނިސްތާންގެ ތާލިބާން ސަރުކާރު ވައްޓައިލުމަށްކުރި ހަނގުރާމައިގައި މަރުވި، އެމެރިކާގެ ރަނގަބީ ކުޅުންތެރިޔާ ޕެޓް ޓިލްމަންގެ ހަނދާނުގައި ދޭން ފެށި އެވޯޑެކެވެ. ޑެލް ޓޯރޯވެސް ޒަހަމްވެގެންދިޔައީ އެމެރިކާއިން އަފްގާނިސްތާންގައި އަލްގައިދާ ނައްތައިލުމަށްކުރި ހަނގުރާމައިގައެވެ.
އޭނާގެ ފަހުރުވެރި 22 އަހަރުގެ އަސްކަރީ ކެރިއަރު ނިންމައިލީ 2019 ގައެވެ. ސީނިއާ މާސްޓާ ސާޖަންޓެއްގެ މަގާމުގައެވެ. އަމިއްލައަށް ރިޓަޔާކުރީ އޭނާ ބޭނުންވި މަގުން ހުރިހާ ކަމެއްކޮށް، ކޮންމެ މީހަކަށްވެސް މިސާލަކަށް ފުދޭނެ ކެތްތެރިކަމުގެ ނިޝާނެއްގެ ގޮތުގައެވެ.
މިއަދު ޑެލް ޓޯރޯއަކީ މޯޓިވޭޝަނަލް ސްޕީކާ ނުވަތަ ހިތްވަރު ލިބޭނެ ކަހަލަ ކަންތައްތައް އަންގައިދިނުމުގެ ތަގުރީރު ދޭ މީހެކެވެ.



advertisment