ހަމައެކަނި ގުއަޓަމާލަގައި އުޅޭ ބޮނޑެއް ކަމަށްވާ "ގުއަޓަމާލަން ބީޑަޑް ލިޒާޑް" ހިމާޔަތްކުރުމުގެ މަސައްކަތް އެ ގައުމުގެ ހައިވާނު ބަގީޗާއަކުން ފަށައިފިއެވެ.
މިއީ ދުނިޔެއިން ހުސްވާން ކައިރިވެފައިވާ ބޮނޑެކެވެ. ގުއަޓަމާލަގެ ހަނަފަސް މޮޓަގުއާ ވާދީގައި މިހާރު އުޅެނީ މީގެ އެންމެ 700 އެއްހާ ބޮނޑު ކަމަށް ބެލެވެއެވެ.
ހައިވާނުންނާއި ގަސްގަހާގެހީގެ ތެރެއިން މަދުވަމުންދާ ބާވަތްތަކުގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ މުއާހަދާ، ސައިޓީސްގައި ހިމެނޭ، އެންމެ ބޮޑަށް ރައްކާތެރިކޮށްފައިވާ މަހްލޫގުންގެ ލިސްޓަށް ބީޑަޑް ބޮނޑު ލީ 2007 ގައެވެ.
ބީޑަޑް ބޮނޑުގެ އަދަދު މަދުވީ އެ ސޮރުމެންގެ ގުދުރަތީ މާހައުލު ނެތެމުންދިއުމާއި ޕެޓް ވިޔަފާރީގެ ތެރެއިން ގާނޫނާ ހިލާފަށްކުރާ ޕެޓް ވިޔަފާރީގެ ސަބަބުންނެވެ.
ލާ އޯރޯރާ ޒުލުގެ ތިމާވެށި ހިމާޔަތްކުރާ މަޝްރޫއުގެ ވެރިޔާ ރޯލަންޑް ގްރިފިން ބުނީ އާ ބިސްތައް މޮނިޓަކުރަނީ ކެމެރާ ބަހައްޓައިގެންނާއި އިންކިއުބޭޓަރުތައް ބޭނުންކޮށްގެން ކަމަށެވެ. އަދި ޅަ ބޮނޑުތައް ވާދީއަށް ދޫކޮށްލާނީ އަންނަ އަހަރު ކަމަށެވެ.
"އެ ސޮރުމެން ކާށާއި ތަންތަނަށް އަރާށާއި ޖަންގަލީގައި އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް ހާނުވާނަން،" އޭނާ ބުންޏެވެ.
ޅަ ބޮނޑުތައް ފުރަތަމަ ދޫކޮށްލާނީ ވާދީގައި ހުންނަ ބޮޑެތި ކޮށިތަކަށެވެ. މުޅިން ބޭރަށް ދޫކޮށްލާނީ އޭގެ ފަހުންނެވެ. އެ ސޮރުމެންގެ ކަންތައްތައް ދާ ގޮތް ސައިންސްވެރިން މޮނިޓަކުރާނެއެވެ.
ބީޑަޑް ބޮނޑު މައިގަނޑު ގޮތެއްގައި ކަނީ ދޫނިސޫފާސޫފި އަދި ރެޕްޓައިލް ބާވަތުގެ ހައިވާނުންގެ ބިހެވެ.
ބީޑަޑް ބޮނޑުގެ ވިހައަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ.



advertisment