ވަފާތެރި ޚިދުމަތުން މަތިވެރި ވަޠަން މިނިވަން ކުރެއްވެވިޔޭ
މަފާޒެއް އެންމެ މަތިވެރި ހޯއްދަވަން ޢަޒުމެއް ކުރެއްވެވިޔޭ
އަދަދުގިނަ ލަސްކަރެއް ބޭނުން ކުރައްވަން ގަސްތު ނުކުރައްވައި
މަދަދު ރައްބީގެ ހޯއްދެވުމަށް ދުޢާފުޅު ގިނަ ކުރެއްވެވިޔޭ
ދަރާ ކޮއްތާ ފެނާ އޮޑިޔަށް ޖިހާދީ ދިގު ދަތުރުފުޅުގައި
ބަރާކޮށް ދައުލަތުން އެރުވޭ ދޮރެއް ހުޅުވައި ނުލެއްވެވިޔޭ
ކިޔާ މަޝްހޫރު ކަޅުއޮށްފުންމި ފަންރިޔަލެއްގެ ހަކަތައިގައި
ނިޔާމައިގައި ދިވެހި ދީބުގެ ދިގާ ހުރަހަށްމެ ދުއްވެވިޔޭ
ގުރާބުތަކަށް ފުރެތިކާލީ އެ ދައްކައި ދެއްވި ޖާދޫތައް
ބުރާރަ ކިޔާ ގޮތާ ކުޑަވެސް ތަފާތެއްނެތިމެ ދެއްކެވިޔޭ
އަވަށްޓެެރި ކައިރި ގައުމުތަކާ މަލިކުފަދަ ރަށްތަކާ އެކުގައި
އަވަސްކޮށް ހަލި ދަތުރުފުޅުތައް ޢަޖާއިބުހައި ކުރެއްވެވިޔޭ
އެދުރުބޭ ނޮޅިވަރަންފަރު ދެއްވަވާ އޯގައިގެ ޚައިރާތީ
ވެދުންތައް ހިއްޕަވައިގެން ފުރެތިކާލުން ދެރަ ކުރެއްވެވިޔޭ
ޝަހީދުވެ ދިޔަކަމަކު އަލިތަކުރުފާނުން ތިންބެއިންގެ ތެރޭން
ޝަހީދުވެދާ އަދަދު ގިނަވާން އިތުރު ފުރުޞަތު ނުދެއްވެވިޔޭ
މަދަދުގާރުން ތެރޭ މަރޮށީ ހުނަރުވެރި މޮޅު އެ ރާވެރިބޭ
އަދަދު ނުމެވާ ރިޔާތައް ހެން ހަކުރުރުނބަ ގިނަ ކުރެއްވެވިޔޭ
ފަހެއްގެ ޢަދަދުގެ ލަސްކަރުގައި ކުރެއްވި ޖިހާދު ފުރިހަމަވީ
ލަހެއްނެތި މާތް ރަބީޢިލްއަވަލުގެ އެކަކުންމެ ނިންމެވިޔޭ
