Support Us

ރަތް ކަނޑާ ގުޅިފައިވާ ޔަމަނުގެ އަލްމަހާއު ސިޓީގެ ރަށްވެހިންނަށް މަސްވެރިކަމަކީ އާމްދަނީ ލިބުމުގެ މައިގަނޑު އެއް ވަސީލަތް

ހަނގުރާމައިގެ މައިދާނަކަށް ރަތް ކަނޑު ބަދަލުވުމުން ޔަމަނުގެ މަސްވެރިންނަށް ބިރުވެރިކަން

މަޒްހަރު މަސައްކަތްކުރަމުންދަނީ އެތައް އަހަރެއް ކުރިން ޔަމަނުގެ އަހުލީ ހަނގުރާމައިގެ ކުރީ ސަފަކަށް ވެފައިވާ ކަނޑެއްގައެވެ.

ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އަލްމަހާއު ސިޓީގެ ރަށްވެއްސެއް ކަމަށްވާ މަޒްހަރު، އެ ސަރަހައްދަށް 2015 ގައި އަހުލީ ހަނގުރާމަ އައިއްސުރެ އޭނާ ދަނީ އާމްދަނީ ހޯދަން ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ތެލުގެ އަގު ބޮޑެވެ. އަދި ބޯޓެއް ކުއްޔަށް ހިފަންވެސް ބޮޑު އަގު ދައްކަން ޖެހެއެވެ.

އޭނާގެ އުމުރު އުޅެނީ 40 ގެ އަހަރުތަކުގައެވެ. އާއިލާއިން ބަރޯސާވަނީ މަސްވެރިކަމުން އޭނާއަށް ލިބޭ އާމްދަނީއަށް އެކަންޏެވެ. ނަމަވެސް އޭނާއަށް ހަގީގަތުގައި ކުރިމަތިވެފައިވަނީ އެއަށްވުރެ ސީރިއަސް މައްސަލައަކާއެވެ. އެއީ އޭނާ ކަނޑަށް ނިކުމެއްޖެނަމަ އެނބުރި ނާދެވިދާނެކަމެވެ.

"ދާދި ފަހުން އަލްހައުހާ (ސިޓީ)ގެ މަސްބޯޓަކަށް ބަޑިޖެހި. އަހަރެންނާއެކު މަސައްކަތްކުރާ ދެ މީހުން މަރުވި. ވީ ކިހިނެތްކަމެއް ނޭނގޭ. ކަން ހިނގި ގޮތް ރަސްމީ އިދާރާތަކުން އިއުލާނެއްނުކުރޭ،" މަޒްހަރު ބުންޏެވެ.

ރަތް ކަނޑު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވި ފަހުން ގޮނޑުދޮށުން ބޭރަށް ޖެހިލުން ވެފައިވަނީ ޖުވާ ކުޅުން ކަހަލަ ކަމަކަށެވެ. އެއްވެސް ހަބަރެއް ނުވެ ގެއްލިފައިވާ މަސްވެރިން މަޒްހަރަށް އެނގެއެވެ. ނަމަވެސް އޭނާގެ ގެއަށް ކާބޯތަކެތި ނުލިބޭނެތީ އޭނާ ނިންމަނީ ނުރައްކަލާ ކުރިމަތިލާށެވެ.

ރަތް ކަނޑާ ގުޅިފައިވާ ޔަމަނުގެ އައްސޭރި މިހާރު ވެފައިވަނީ އެ ގައުމުގެ އަހުލީ ހަނގުރާމައިގެ ކުރީ ސަފަކަށް

ރަތް ކަނޑަށް އަޅައިފައިވާ ހުރަސްތައް

ރަތް ކަނޑަށް ވާގޮތަށް އޮންނަ ޔަމަނުގެ އައްސޭރިފަށަކީ އެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތުގެ މައިގަނޑު އެއް ހަބެވެ. މަސްވެރިކަމަކީ އަހުލީ ހަނގުރާމައިގެ ކުރިން ތެޔޮ ބޭރުކުރުން ނަގައިފައި ދެވަނައަށް އެންމެ ގިނަ އާމްދަނީ ޔަމަނަށް ލިބުނު ސިނާއަތެވެ.

އަހުލީ ހަނގުރާމަ ފެށުނުތަނާ ކައިރީގައިވެސް ޔަމަނުގެ މަސްވެރިކަމުގެ ސިނާއަތަށް އަސަރުކުރަން ފެށިއެވެ. އެ ގޮތުން މަސް އެކްސްޕޯޓްކުރުން 70 ޕަސެންޓް ދަށަށް ދިޔަކަން 2018 ގެ ދިރާސާއަކުން ދެއްކިއެވެ.

ރަތް ކަނޑަށް ވާ ގޮތަށް އޮންނަ ޔަމަނުގެ އައްސޭރި ސްޓްރެޓަޖިކް ގޮތުން މުހިންމުވާ އެހެން ސަބަބުތައްވެސްވެއެވެ.

ޔަމަނުގެ މައިގަނޑު ބަނދަރު ކަމަށްވާ ހުދައިދާ ސިޓީ އޮންނަނީ އަލްމަހާއުއާ 100 މޭލު ކައިރީގައެވެ. އަދި އެހެންމެ ބާބުލްމަންދަބު ކަނޑުއޮޅި އޮންނަނީވެސް އެ ސަރަހައްދުގައެވެ. މިހެންވެ، މިއީ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުއޮޅިއަށް ވަނުން ކޮންޓްރޯލްކުރާ ސަރަހައްދެވެ. އެހެންކަމުން، އަހުލީ ހަނގުރާމަ ފެށީއްސުރެ މި އައްސޭރީގެ މައްޗަށް ބާރު ހޯދަން ގްރޫޕްތަކުން ދަނީ ހަނގުރާމަކުރަމުންނެވެ.

މި ވަގުތަށް ބަލާއިރު ސައޫދީ އަރަބިއްޔާއާ ޔަމަނާ ގުޅޭ ބޯޑަރުން ފެށިގެން ހުދައިދާއާ ހިސާބަށް އޮންނަ ސަރަހައްދު ކޮންޓްރޯލްކުރަނީ އީރާނުން ވާގިވެރިވާ ހޫތީންނެވެ. ހޫތީންވަނީ 2014 ގައި ވެރިރަށް ސަންއާ ހިފައިފައެވެ. އެހާތަނުން، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ސަރުކާރުވަނީ އަދަނަށް ބަދަލުވެފައެވެ. އަދި ހޫތީންނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިސްވެ އޮތީ ސައޫދީއާ ގުޅިފައިވާ ކޯލިޝަނެކެވެ.

ސަރުކާރަށް ތާއީދުކުރާ ގްރޫޕްތަކުން ހަރަކާތްތެރިވަނީ ހުދައިދާގެ ދެކުނުގައެވެ. އޭގެ ތެރޭގައި ގާޑިއަންސް އޮފް ދަ ރިޕަބްލިކް ގްރޫޕްވެސް ހިމެނެއެވެ.

ފަހުގެ އަހަރުތަކުގައި ހަނގުރާމައިގެ ކުރީ ސަފު އޮތީ ހަމަހިމޭންކޮށެވެ. ނަމަވެސް މި ފަހުން ހޫތީންވަނީ ސަރުކާރަށް ތާއީދުކުރާ ގްރޫޕްތަކަށް ހަމަލާދީފައެވެ. އެ ގޮތުން އަލްމަހާއުވެސް އަމާޒުފަތްގަނޑަކަށްވިއެވެ.

ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ބޮޑަށް ލިބިފައިވަނީ ރަތް ކަނޑުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށެވެ. އިސްރާއީލުން 2023 ގެ އޮކްޓޫބަރުގައި ގައްޒާ ހަނގުރާމަ ފެށުމުން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހޫތީން ދަނީ ކެނޑިނޭޅި ހަމަލާދެމުންނެވެ. މި ފަހަކުން ސައޫދީގެ ބޯޓުފަހަރަށްވެސްވަނީ ހަމަލާދީފައެވެ. މި ކަމުގެ ސަބަބުން އެމެރިކާ، އިނގިރޭސި ވިލާތް، އިސްރާއީލު އަދި ސައޫދީންވަނީ އެކި ފަހަރު މަތިން ޔަމަނުގައި ހުރި ހޫތީންގެ މަރުކަޒުތަކަށާއި ރަތް ކަނޑުގައި ހުރި ހޫތީންގެ އުޅަނދުފަހަރަށްވެސް ހަމަލާދީފައެވެ.

މަޒްހަރު ބުނީ މަސްވެރިންނަށް ހުރަސްނުކުރެވޭ އިންތަކެއް ރަތް ކަނޑުގައި މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ. އެ ހުރަސްތައް އަޅައިފައިވާ ސަރަހައްދުތަކުގެ ތެރޭގައި އަލްމަހާއު، އަލްހައުހާ ޑިސްޓްރިކްޓް އަދި ރަތް ކަނޑުގެ އައްސޭރީގެ ބޮޑު ބައެއް ހިމެނެއެވެ.

"ބާ ދަގަނޑުގެ ގޮތުގައި ހުންނަ ފީފާ އާއި ކާރު ފަދަ ތަކެތި ގަނެފައި އަހަރެމެން ކަނޑަށް އުކައިލަނީ. އެއީ މަސްނޫއީ ފަރުތައް އުފައްދަން. ނަމަވެސް ރަތް ކަނޑުގައި ހަމަނުޖެހުން ބޮޑުވާ ކޮންމެ ފަހަރަކު، އަސްކަރީ ސަބަބުތަކަށްޓަކައި، އަހަރެމެން އެ ފަރުތަކަށް ދިއުމަށް ހުރަސްއަޅާ. ދެން އަހަރެމެންނަށް ޖެހެނީ ގޮނޑުދޮށާ ކައިރިން މަސްވެރިކަންކުރަން،" މަޒްހަރު ބުންޏެވެ.

ބިރުތައް

"މި ވަގުތު އަހަރެމެންނަށް ހުރަސްތައް އަޅައިފައިވަނީ ކޮން ބައެއްކަން އަހަރެންނަކަށް ބުނާކަށްނުކެރޭނެ. ސަބަބަކީ އަހަރެންނަކީ މަސްވެރިއެއް. އަހަރެން މި ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފިނަމަ އަހަރެން ނުރައްކަލަށް ހުށަހެޅިދާނެ. އެކި ފަހަރު މަތިން އަހަރެމެން ކަނޑަށް ނިކުތުން އަހަރެމެންނަށް މަނާކުރި އަހުލީ ހަނގުރާމަ ކުރަމުންދާ ދެ ފަރާތުންވެސް. އަހަރެމެން ދިރިއުޅޭ މި ސަރަހައްދުގައި ހަނގުރާމަ ކުރަމުންދާ ހުރިހާ ފަރާތްތަކުގެވެސް ޝިކާރައަކަށް އަހަރެމެން ވެފައިވަނީ،" މަޒްހަރު ބުންޏެވެ.

ގާޑިއަންސް އޮފް ދަ ރިޕަބްލިކަކީ ނެޝަނަލް ރެސިސްޓަންސް ފޯސްއިން އުފެދުނު ގްރޫޕެކެވެ. ސަރަހައްދުގެ މަސްވެރިން ބުނީ 2018 ގެ ކުރިން އެ ގްރޫޕުންވަނީ މަސްވެރިން ކަނޑުގެ މާ ބޭރަށް ނިކުމެ، ފަރުތަކަށް ދިއުން މަނާކޮށްފައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހުރަސްތައް ނައްތައިލި ނަމަވެސް 2023 އަށްފަހު ހޫތީން އަދި ސަރުކާރުންވެސް މަސްވެރިން ކަނޑަށް ނިކުތުމަށް ހުރަސްތަކެއް އަލުން އެޅި ކަމަށެވެ.

"އާހިރުގައި އާއިލާތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް ވޭންތައް ތަހައްމަލުކުރަން ޖެހެނީ މަސްވެރިންނަށް. މި އަހުލީ ހަނގުރާމައަކީ އަހަރެމެންނާ ބެހޭ ކަމެއް ނޫން. ނަމަވެސް މި އަހުލީ ހަނގުރާމައިގެ އެންމެ ނުބައި ނަތީޖާތައް ތަހައްމަލުކުރަން ޖެހިފައިވަނީ އަހަރެމެންނަށް،" މަޒްހަރު ބުންޏެވެ.

އޭނާ ބުނީ ތަކެތި ވަގަށް އެތެރެކުރުމާއި ނުވަތަ އެއް ގްރޫޕާ ދެކޮޅަށް އަނެއް ގްރޫޕަށް އެހީވާކަމުގެ ތުހުމަތުގައި އޭނާއާއެކު މަސައްކަތްކުރާ މަސްވެރިން ކުރިން ހައްޔަރުވެސްކުރި ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ މަސްވެރިން އެ ފަދަ ކަމެއް ނުކުރާ ކަމަށެވެ.

ކަނޑަށް ލާފައިވާ މައިންތައް

އަކްރަމްއަކީ އަލްމަހާއުގައި މަސައްކަތްކުރާ އެހެން މަސްވެރިއެކެވެ. އޭނާ އަދި އެހެން ނުރައްކަލެއް ފާހަގަކުރިއެވެ. އެއީ ކަނޑަށް ލާފައިވާ މައިންތަކެވެ.

"މި ދިޔަ އަހަރު އަހަރެން ކަނޑަށް ނިކުތީ ދެ އަވަށްޓެރިންނާއެކު. އެ މީހުންގެ ބޯޓުގެ ދަށުގައި މައިނެއް ގޮވި. އެއީ އަލްހައުހާގެ ގޮނޑުދޮށާ ކައިރިން. އެއީ މައިނެއް. ކިހިނެއް އޭގެން ރެކޭނީ؟ އަހަރެންނަށް ޔަގީންކަމާއެކު ބުނެވިދާނެ ރަތް ކަނޑު މިހާރު ރައްކާތެރިއެއް ނޫނޭ. އަދި އެހެންކަމުން އެހެން ސަރަހައްދަކަށް ބަދަލުވާން ޖެހެއޭ،" އޭނާ ބުންޏެވެ.

"އަހަރެމެން މި ދެކެމުންދަނީ ރަތް ކަނޑަށް ކުރިމަތިވެފައިވާ އެންމެ ގޯސް ދުވަސްތައް. ރަތް ކަނޑުގައި މަސްވެރިއަކަށް ވާން ޖެހެނީ ކަފުން ހިފައިގެން،" އޭނާ ބުންޏެވެ.

އަލްހައުހާގެ މަސްވެރިންގެ ޖަމިއްޔާގެ ވެރިޔާ ފުވާދު ދޫބްލާ އަލްޖަޒީރާއަށް ބުނީ ރަތް ކަނޑުގައި މިހާރު ކަންތައްތައް ހުރި ގޮތުން 30،000 މަސްވެރިންނަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި މިހެންވެ އެ މީހުންގެ އާއިލާތަކަށް އަސާސީ ތަކެތި ފޯރުކޮށްދިނުމުގައިވެސް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އެ މީހުންގެ އާމްދަނީ ލިބުމުގެ ހަމައެކަނި ވަސީލަތަކީ މަސްވެރިކަންކަމަށްވާތީއެވެ.

ދޫބްލާ ފާހަގަކުރީ 2023 އަށްފަހު މިހާތަނަށް 113 މަސްވެރިން ގެއްލިފައިވާކަމެވެ. އެ މީހުން ވީނުވީ ތަނެއްގެ މައުލޫމާތު އާއިލާތަކަށް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ ކަނޑުގައި މައިންތައް އެޅުން އެއީ އަހުލީ ހަނގުރާމައިގެ ސީދާ ނަތީޖާ ކަމަށެވެ.

"މައިންތަކުން 264 މަސްވެރިން މަރުވެފައިވޭ. އަދި ލިބުނު ޒަހަމްތަކުން 215 މީހުން ނުކުޅެދޭ މީހުންނަށްވި. ގިނަ ބަޔަކު މަހަށް ދިއުން ހުއްޓައިލަން ޖެހުނު. އަދި އެހެން މަސައްކަތްތަކާ ދިމާއަށް ދާން ޖެހުނު،" ދޫބްލާ ބުންޏެވެ.

އޭނާ ބުނީ ރަތް ކަނޑުގައި ކަނޑުފޭރޭ މީހުން މަސްވެރިން ޑިޓޭންވެސް ކޮށްފައިވާ ކަމަށެވެ.

އާމްދަނީ ހޯދޭނެ އެހެން މަގުތައް

ދޫބްލާ ބުނީ ކުރިމަތިވެފައިވާ ދަތިތަކާއި ނުރައްކާތަކުގެ ސަބަބުން ގިނަ މަސްވެރިން ދަނީ އާމްދަނީ ލިބޭނެ އެހެން ގޮތްތައް ހޯދަމުން ކަމަށެވެ.

"ކަނޑަށް ނިކުތުން ރައްކާތެރި ކަމަކަށް ނުވެފައި، އާއިލާތަކަށް ކާންބޯނެ ގޮތެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވީ ދެ ގޮތެއް. އެއް ގޮތަކީ ކަނޑަށް ނިކުމެ ފުރާނަ ނުރައްކަލަށް ހުށަހެޅުން. އަނެއް ގޮތަކީ އެހެން މަސައްކަތެއް ހޯދުން. ރައްކާވެ ތިބުމަށް ބައިވަރު މަސްވެރިން ހިޔާރުކުރީ އެހެން މަސައްކަތްތައް ހޯދަން،" ދޫބްލާ ބުންޏެވެ.

އަކްރަމަށް އޭގެ މާނައަކީ އަދަނަށް ބަދަލުވުމެވެ. ސަބަބަކީ އޭނާ ގަބޫލުކުރާ ގޮތުގައި ޔަމަނުގެ ދެކުނު އައްސޭރިއަކީ ތަންކޮޅެއް ރައްކާތެރި ތަނެކެވެ.

"އަހަރެމެންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ އަގެއް ހުރި ކަމެއް ނޫން. ގެއްލުނު މީހުންގެ އާއިލާތަކުން ދަނީ ކިރިޔާ ކާންބޯނެ އެތިކޮޅެއް ލިބޭތޯ ބުރަކޮށް މަސައްކަތްކުރަމުން. އަހަރެންނާއެކު މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދޭނީ އަހަރެންނާ ގުޅި، ރައްކާތެރި ސަރަހައްދަކަށް ބަދަލުވާން،" އޭނާ ބުންޏެވެ.

އުމުރުން 48 އަހަރުގެ އިސްމާއީލުއަކީ މަސްވެރިކަމުގެ ދިގު އާއިލީ ތާރީހެއް އޮތް މީހެކެވެ. މަސްވެރިކަން މުޅިން ދޫކޮށްލަން އޭނާ މި ދިޔަ އަހަރު ނިންމިއެވެ. ވިހި އަހަރަށްވުރެ ގިނަ ދުވަހުން އެއްކުރި މަސްވެރިކަމާ ގުޅޭ އާލާތްތައް އޭނާ ވިއްކައިލިއެވެ. އޭގެން ލިބުނު ފައިސާއިން އޭނާ ގަތީ ކުޑަ ބަހެކެވެ.

"މަސްވެރިންނަށް ހުރިހާ ދިމާއަކުން އޮތީ ނުރައްކާ. ކަނޑުމަތީގައި އަހަރެމެންގެ މަރު އަންނާނެ އިރެއް އަހަރެމެންނަކަށް ނޭނގޭ. އެ ކަހަލަ ނުރައްކަލެއްގެ ތެރޭގައި މަސްވެރިކަން ކުރާކަށް ބުއްދިވެރިޔަކު އުޅޭނެހެނެއް އަހަރެންނަކަށް ހިއެއްނުވޭ،" ބަސް ދުއްވަމުން އިނދެ އޭނާ އަލްޖަޒީރާއަށް ބުންޏެވެ.

އިސްމާއީލު މަސްވެރިކަން ދޫކޮށްލަން ނިންމި ނިންމުމަށް އޭނާގެ އަނބިމީހާ ތާއީދުކުރިއެވެ. އަދި އިސްމާއީލުގެ އާ ވިޔަފާރި ފަށައިގަތުމަށް އެހީވުމަށް އޭނާގެ ބައެއް ގަހަނާތައް ވިއްކައިލިއެވެ. އެ ކަމުގެ ސަބަބުން އޭނާއަށް ތަސައްލީއެއް ލިބުނެވެ. އެއީ އިސްމާއީލު ކޮންމެ ފަހަރަކު ކަނޑުމައްޗަށް ނިކުންނައިރު އޭނާ އާއި އޭނާގެ ފަސް ދަރިންނަށް ލިބޭ ހާސްކަން ނިމުމަކަށް އައުމުންނެވެ.

"އާދައިގެ ދުވަސްވަރު އަހަރެމެން ކަނޑުމަތީގައި ހަތަރު ދުވަސް ހޭދަކުރިން. އެކަމަކު މިހާރު ރައްކާތެރިއެއް ނޫން. (ފަހުން ފަހުން) އަހަރެން އެންމެ ދުވަހަކަށްވުރެ ގިނަ ދުވަހު ކަނޑުމަތީގައި އުޅުނަސް އަހަރެންގެ އާއިލާއަށް ހާސްކަން ލިބޭ. އެ މީހުން ކަންބޮޑުވުން ހުރިހާ ގޮތަކުންވެސް ހައްގުކަމަށް އަހަރެންނަށް ވިސްނޭ،" އިސްމާއީލު ބުންޏެވެ.

މިއަދު ބަސް ދުއްވައިގެން އޭނާއަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބެއެވެ. އޭނާ ސަލާމަތުން ހުރެވޭތީ އޭނާ ހުރީ އުފަލުންނެވެ. އަދި އަބަދު ބިރެއްގައި ނޫޅެ ކޮންމެ ނާސްތާއެއް އާއިލާއާއެކު ހިއްސާކޮށްލެވޭތީވެސް އުފާވެއެވެ.

މަޒްހަރު އަދިވެސް ދަނީ ގޮނޑުދޮށާ ކައިރިން މަސްވެރިކަން ކުރަމުންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މަސްވެރިކަން ދޫކޮށްލައިފައި އެހެން މަސައްކަތްތަކަށް އެނބުރުނު މީހުން އެ އިހްތިޔާރުކުރީ ރަނގަޅު މަގެވެ.

"މި ނުރައްކާތެރި މަސައްކަތް ދޫކޮށްލަން އަހަރެން އެއް ފަހަރަށްވުރެ ގިނަ ފަހަރު ހިޔާލުކުރިން. އެކަމަކު އަހަރެންނަށް އެހެން ގޮތެއް ނެތް. އެހެން ގޮތެއް ފެނުނުހާ އަވަހަކަށް އަހަރެންވެސް މަޑެއްނުކުރާން،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *