Support Us

ފުރިހަމަ އިރުކޭތައެއް މި މަހު

މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހު އުތުރު އެޓްލާންޓިކް ސަރަހައްދަށް، މުޅި އިރު ފޮރުވިގެންދާ ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. މި ކޭތައިގައި މުޅި އިރު ފޮރުވިގެންދާ ސަބަބަކީ އެ ދުވަހު ދުނިޔެއަށް އިރު ފެންނާން ހުންނަ ސައިޒަށްވުރެން ހަނދު ފެންނާން ހުންނަ ސައިޒު ބޮޑު ކަމަށްވާތީ އިރާއި ހަނދާ އެއްއުއިވާ ވަގުތު ހަނދުގެ ސަބަބުން މުޅި އިރު ފޮރުވިގެންދާނެތީއެވެ.

އެކަމަކު މި ކޭތަ ރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހައްދުގެ އެއްވެސް ގައުމަކަށް އަދި ތަނަކަށް ވިޔަސް ނުފެންނާނެއެވެ. ސަބަބަކީ މި ކޭތައަކީ އުތުރު ޕޯލަށާއި އުތުރު ޕޯލާ ކައިރި ސަރަހައްދަށް ފެންނާނެ އިރުކޭތައެއް ކަމަށް ވާތީއެވެ. އޭގެ އިތުރުން މި ކޭތަ ރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހަައްދަށް ނުފެންނާނެ ސަބަބަކީ މި ކޭތަ ހިފާ ވަގުތަކީ ރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހައްދަށް ރޭގަނޑާ ދިމާވާ ވަގުތަކަށްވެސް ވާތީއެވެ.

މިކޭތަ ހިފާން ފަށާނީ އޯގަސްޓް 12 ވަނަ ދުވަހުގެރޭ މާލޭ ގަޑީން 08:31 އެވެ. ކޭތަ ފުރިހަމަވާނީ މާލޭ ގަޑީން 10:46 އެވެ. ކޭތަ ވީއްލާނީ އެ ރޭ މާލޭ ގަޑީން 12:57 އެވެ.

މި ކޭތަ ފެންނާނެ ސަރަހައްދުތަކާމެދު ބަލައިލާއިރު އެމެރިކާގެ އުތުރު ސަރަހައްދަށާއި ކެނެޑާއަށާއި އެޓްލާންޓިކް ކަނޑުގެ އުތުރަށާއި އެފްރިކާ ބައްރުގެ ހުޅަނގު ގައުމުތަކަށާއި ޔޫރަޕުގެ ހުޅަނގު ގައުމުތަކަށާއި އޭޝިޔާގެ ހުޅަނގު އުތުރު ގައުމުތައް ހިމެނެއެވެ. އަދި ސްޕޭނަށް މިކޭތަ އެންމެ ފުރިހަމަޔަށް ފެންނާނެއެވެ.

މި ކޭތައިގެ ވަގުތު ހަތަރު ގަޑިއިރާއި 23 މިނިޓަށް ދެމިގެންދާނެއެވެ.

ރާއްޖެއަށް އެންމެ އަވަހަށް އިރުކޭތައެއް ފެންނާނީ 2027 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ކޭތަ ރާއްޖެއިން އެންމެ ބޮޑަށް ފެންނާނީ އައްޑުއަތޮޅަށެވެ. އަައްޑުއަތޮޅަށް އެ ކޭތަ 90 އިންސައްތައަށް ވުރެ ބޮޑަށް ފެންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *