އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފު އައްޔަންކޮށްފިއެވެ. މިއީ މި މަޤާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
އޭބީއޭގެ ބޯޑުގެ ނިންމުމާ އެއްގޮތަށް، މިއަދުން ފެށިގެން ޝަރީފު މަޤާމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ 1981 ވަނަ އަހަރު އުފެއްދި، އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިން އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިން ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.
މީގެ ކުރިންވެސް ޝަރީފު ވަނީ އޭބީއޭގެ ލީޑަޝިޕްގައި ޚިދުމަތްކުރައްވައިފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވައި އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޝަރީފު ވަނީ މަސައްކަތްކުރައްވައިފައެވެ. އަދި ޝަރީފުގެ ލީޑަޝިޕަށް އޮތް އިތުބާރުގެ ޔަޤީންކަމާއެކު، މިދިޔަ އަހަރު އަލުން އެ މަޤާމަށް ވަނީ އައްޔަންކޮށްފައެވެ.
މަގާމާ ހަވާލުވެވަޑައިގަންނަވަމުން ޝަރީފު މިއަދު ވިދާޅުވީ އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އޭނާއަށް ކުރި އިތުބާރަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ ތަޖުރިބާއާއެކު މި މަޤާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް. އަދި އަޅުގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން،" ޝަރީފު ވިދާޅުވިއެވެ.
ޗެއާމަންކަމުގެ މަޤާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތަށް ފާހަގަކުރައްވައިފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިން ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ދެއްވިއެވެ.
"އޭބީއޭ އިން ޝަރީފް މި މަޤާމަށް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިން ލީޑަޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ. އަދި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން އެމަނިކުފާނުގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދެއެވެ. މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ވެއެވެ.



advertisment

