މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅިގެން ސަރުކާރުގެ ސްޓޭކްހޯލްޑަރުންނާ އެމް.ޕީ.އެލް އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި މި ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހޯދައި އެއާ އެއްކޮށް ތިލަފުށި ރިލޮކޭޓްކުރުމުގެ މަސައްކަތް ފެށުން. އަދި ވިޔަފާރިތަކަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ހުރިހާ މުއައްސަސާތަކެއްގެ ވިސްނުމާ އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކުރުން،" ސީ.އީ.އޯ ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ މަޢުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މި މަސައްކަތުގައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ތިލަފުށި ބަނދަރު "ސްޓޭޓް އޮފް ދި އާޓް" ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިޤްތިޞާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.



advertisment

