މި ފަހަރުގެ ފުޓުބޯޅައިގެ ވޯލްޑް ކަޕްގައި ރޭ އާޖަންޓީނާ ބަލިކޮށް ސްޕެއިން ވަނީ ތަށި އުފުލައިލައިފައެވެ. އަދި ފޭނުން މިހާރު ތިބީ ދެން، 2030 ގައި، އޮންނަ މުބާރާތް ބަލަން ކެތްމަދުވެފައެވެ.
2030 ގެ ވޯލްޑް ކަޕް ބާއްވަނީ ކޮން ގައުމެއް ނުވަތަ ގައުމުތަކެއްގައި؟
ދެން އޮންނަ ވޯލްޑް ކަޕް ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތަފާތު ތިން ބައްރުން ހަ ގައުމުގައި ބާއްވާ މުބާރާތަކަށެވެ. ސަބަބަކީ 1930 ގައި ބޭއްވި ފުރަތަމަ ޓޫނަމަންޓަށްފަހު ވޯލްޑް ކަޕަށް 100 އަހަރު ފުރޭތީ އެ ކަން ހާއްސަ ވާތީއެވެ.
މި ހާއްސަކަމުގެ އުފާ ފާޅުކުރަން، މުބާރާތް ބާއްވާ ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކެއްގައި ވެސް މެޗުތަކެއް ބާއްވަން ފީފާއިން ހަމަޖައްސައިފައިވެއެވެ.
ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ޔުރުގުއާއި، އާޖަންޓީނާ އަދި ޕެރަގުއާއިގައި ގްރޫޕް މެޗުތައް ބާއްވައެވެ.
ވޯލްޑް ކަޕް 2030 ފަށަނީ ކޮން އިރަކުން؟
ޓޫނަމަންޓް ފަށަން ހަމަޖައްސައިފައިވަނީ ޕެރަގުއާއި، ޔުރުގުއާއި އަދި އާޖަންޓީނާއިން ޖޫން އަށެއް އަދި ނުވައެއްގައެވެ.
ޔޫރަޕްގައި ބާއްވާ މެޗުތައް ފަށާނީ ޖޫން 13 އަދި 14 ގައެވެ. ފައިނަލް މެޗު ބާއްވަނީ ޖުލައި 21 ވާ އާދީއްތަ ދުވަހުއެވެ.
ފުރަތަމަ މެޗު ބާއްވަނީ ޔުރުގުއާއިގެ ވެރިރަށް މޮންޓަވަޑީއޯގެ ތާރީހީ އެސްޓާޑިއޯ ސެންޓެނެރިއޯ ސްޓޭޑިއަމްގައެވެ. އެއީ 1930 ގައި ފީފާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ބާއްވަން ތައްޔާރުކުރި އަދި ބޭއްވި ސްޓޭޑިއަމްއެވެ.
މި ވަގުތަށް ބަލާއިރު، ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ތަށްޓަށް 48 ގައުމުން ވާދަކުރާނެއެވެ. ނަމަވެސް ފީފާގެ ޗީފް އެގްޒެކެޓިވް، ޖާނީ އިންފަންޓީނޯ ކަށަވަރުކޮށްދީފައިވަނީ 2030 ގެ ވޯލްޑް ކަޕްގައި 64 ޓީމު ބައިވެރިކުރުމުގެ ހިޔާލު ގެންގުޅޭ ކަމަށެވެ.
މެޗުތައް ބާއްވާ ހުރިހާ ގައުމެއް އޮޓޮމެޓިކުން ކޮލިފައިވޭތަ؟
ޓޫނަމަންޓް ބާއްވާ މައިގަނޑު ތިން ގައުމު އަދި ވޯލްޑް ކަޕްގެ 100 ވަނަ އަހަރު ފާހަގަކުރަން ގްރޫޕް މެޗުތައް ބާއްވާ ތިން ގައުމު ވެސް އޮޓޮމެޓިކްކޮށް ކޮލިފައިވެއެވެ. މީގެ މާނައަކީ ހަ ގައުމަކަށް މިހާރު ވެސް އެ ފުރުސަތު ލިބިފައިވާކަމެވެ. އެއީ ސްޕެއިން، ޕޯޗުގަލް، މޮރޮކޯ، ޔުރުގުއާއި، އާޖަންޓީނާ އަދި ޕެރަގުއާއިއެވެ.
ފީފާއިން އިއުލާންކޮށްފައިވާ ގޮތުގައި ތަފާތު 20 ސިޓީގެ ތަފާތު 23 ސްޓޭޑިއަމްގައި މެޗުތައް ބާއްވާނެއެވެ. އަދި މިއީ 2010 އަށްފަހު އެފްރިކާ ބައްރުގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި އުތުރު އެފްރިކާގައި ވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ބާއްވާ ފަހަރެވެ.



advertisment