Support Us

ކިޔައިލަން މުހިންމު! ދުނިޔޭގެ އެންމެ "ފަގީރު" ރައީސްގެ ވާހަކަ

ސަންގުމަރުމަރު ހިލައިގެ މާލަންތަކާއި މޮޓޯކޭޑުތަކާ ދުރުގައި، ދެކުނު އެމެރިކާ ބައްރުގެ ޔުރުގުއާއިގެ ވެރިރަށް މޮންޓަވަޑީއޯގެ ބޭރުގައި، ހިރަފުސްއަރާ މަގެއް ނިމޭ ހިސާބުގައި، ދަނޑުގޮވާން ކުރާ ބިމެއްގައި އާދައިގެ ގެއެއް ހުރެއެވެ. އެ ގެއަކީ އެއް އިރެއްގައި އެ ގައުމުގެ ރައީސެއްގެ ގެއެވެ.

އެ ގޭގައި ދިރިއުޅުއްވި ރައީސް ބަގީޗާގައި ހުރި ގަސްތަކަށް ފެން ޖައްސަވައެވެ. ތިން ފައި ހުރި ކުއްތާއަކަށް އެ ގެއިން އޭނާ ޖާގަ ދެއްވައިފައިވެއެވެ. މަސައްކަތަށް ވަޑައިގަތީ ބާވެ ކުލަ ގޮސްފައިވާ ފޯކްސްވަގަން ބީޓްލް މަރުކާގެ ކާރެއްގައެވެ.

އޭނާގެ ނަމަކީ ހޯޒޭ މޫހީކާއެވެ. އާރާއި ބާރުގެ ސިފަ ހުންނަ ގޮތް މަޑުމަޑުން ހުންނަވައިގެން ބަދަލުކޮށްލެއްވި ލީޑަރެކެވެ.

ދުނިޔޭގެ ގިނަ ބަޔަކަށް އޭނާ އެނގިގެންދިޔައީ އެންމެ "ފަގީރު" ރައީސްގެ ގޮތުގައެވެ. ނަމަވެސް މޫހީކާ އެ ލޭބަލް ގަބޫލެއް ނުކުރައްވައެވެ. އޭނާ އެއް ފަހަރަކު ވިދާޅުވެފައިވާ ގޮތުގައި ފަގީރުކަމަކީ އަތުގައި މަދު އެއްޗެއް ހުރުމެއް ނޫނެވެ.

ކުޑައިރުގެ ދަތި ދިރިއުޅުން

ފުރިހަމަ ނަމުންނަމަ ހޯޒޭ އަލްބެއާޓޯ މޫހީކާ ކޯޑާނޯ އުފަންވެވަޑައިގަތީ މޮންޓަވަޑީއޯއަށް 1935 ވަނަ އަހަރުގެ މެއި މަހު 20 ގައެވެ. އޭނާގެ ބައްޕައަކީ އާދައިގެ ދަނޑުވެރިއެކެވެ. ބައްޕަ މަރުވީ މޫހީކާ ކުޑައިރުއެވެ.

މަންމައަކީ އިޓަލީން ހިޖުރަކުރި ބައެއްގެ ދަރިއެކެވެ. މޫހީކާ ބޮޑުކުރީ ސާދާ ހާލަތްތަކެއްގައެވެ.

ޒުވާން މޫހީކާ ބޮޑުވީ ދަނޑުވެރިކަމާއި ދަތި ދިރިއުޅުމެއްގެ ތެރޭގައެވެ. އެ ކަން ވެގެންދިޔައީ ދުނިޔެއާމެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް ބަދަލުކޮށްލި ތަޖުރިބާއަކަށެވެ. އެ ދަތި ދިރިއުޅުން އޭނާ ގިނަ ފަހަރަށް ސިފަކުރެއްވީ ނުރަނގަޅު ގޮތަކަށް ނޫނެވެ. އެ ކަން އޭނާ ސިފަކުރެއްވީ "ޝަރަފުވެރި ފަގީރު"ކަމެއްގެ ގޮތުގައެވެ. އެ ދިރިއުޅުމަކީ ދިރިހުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަތަސް މީހާގެ ޝަރަފުވެރިކަން ރައްކާތެރި ކުރެވިފައިވާ ދިރިއުޅުމެއްގެ ގޮތުގައެވެ.

ޒުވާން އުމުރުގައި މޫހީކާ ސިޔާސީ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނެވެ. ހާއްސަކޮށް މަސައްކަތްތެރިންނާއި ދަނޑުވެރިންގެ ކެކުޅުންތަކަށެވެ. އެ ކަމުގެ ސަބަބުން އޭނާ "ހައްދުފަހަނަޅައިފައިވާ" އެކްޓިވިސްޓަކަށް ވެވަޑައިގަތެވެ.

ގެރިއްލާ ހަނގުރާމަވެރިއަކުން ގައިދީއަކަށް

ވާތުފިޔައިގެ އާބަން ނުވަތަ ސިޓީތަކުގައި އުފެދުނު ގެރިއްލާ ހަރަކާތެއް ކަމަށްވާ ޓޫޕާމާރޯސްއާ 1960 ގެ އަހަރުތަކުގައި މޫހީކާ ގުޅިވަޑައިގަތެވެ. އެ ހަރަކާތް އުފެދުނީ ޔުރުގުއާއިގައި މީހުންގެ މެދުގައި ދިރިއުޅުމުގެ ފެންވަރުގެ ފަރަގު ބޮޑުވުމާއި ސިޔާސީ ހަމަނުޖެހުން އިތުރުވުމުންނެވެ.

ސަރުކާރަށް ގޮންޖަހަން އެ ގްރޫޕުން ވައްކަންކޮށް، ކިޑްނެޕްކޮށް އަދި ހަތިޔާރުއެޅި އެހެން އަމަލުތައް ވެސް ހިންގިއެވެ.

ފުލުހުންނާ އެއް ފަހަރަކު ހިނގި ކުރިމަތިލުމެއްގައި މޫހީކާގެ ގަޔަށް ހަ ފަހަރު ބަޑިޖެހިއެވެ. އަދި ފަހުން ފުލުހުން އޭނާ އަތުލައިގަތެވެ.

ޖެހިގެން އައި އަހަރުތަކުގައި އޭނާ ބައިވަރު ފަހަރު ހައްޔަރުކުރިއެވެ. އަދި އެންމެ ފަހުން، 1973 އިން 1985 އަށް އޮތް ޔުރުގުއާއިގެ ހުދުމުހުތާރު އަސްކަރީވެރިކަމުގެ ދައުރުގައި ގާތްގަނޑަށް 13 އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ.

މޫހީކާ ހިމެނިވަޑައިގަތީ އަސްކަރިއްޔާއިން އެ ހުދުމުހުތާރު ވެރިކަން ދަމަހައްޓަން ބޭނުންކުރި އައްޑަނައިގެ ތެރޭގައި ހިމެނޭ އިސް ނުވަ ހޮސްޓެޖުންގެ ތެރޭގައެވެ. ޓޫޕާމާރޯސްއިން ހަތިޔާރު އެޅި އޮޕަރޭޝަންތައް އަލުން ފަށައިފިނަމަ އެ ނުވަ ހޮސްޓެޖުން މަރައިލައިނެ ކަމަށް އަސްކަރިއްޔާއިން އިންޒާރުދިނެވެ.

މޫހީކާ ޖަލުގައި ހޭދަކުރެއްވި ބޮޑު ބައެއް ހޭދަކުރެއްވީ ދަތި ހާލުގައި ވޭނުގައެވެ. އޭނާ އެކަހެރިކޮށް، ވަޅުތަކާއި ބިންގަރާސް ޖަލުގޮޅިތަކަށް ލިއެވެ. އޭނާއަށް އަނިޔާކުރިއެވެ. އެ ދިގު އެކަހެރި ތަޖުރިބާއިން އޭނާއަށް ބޮޑު ބަދަލެއް ގެނައެވެ. އެ ކަމުގެ ސަބަބުން އޭނާ ހަޔާތުގެ އަސާސާއި އާރާއި ބާރުގެ ސިފަތަކާއި އަނިޔާވެރިކަމުގެ ނަތީޖާއަކީ ކޮބައިތޯއާމެދު ވަރަށް ބޮޑަށް ވިސްނެވިއެވެ.

ޔުރުގުއާއިއަށް 1985 ގައި ޑިމޮކްރެސީ ކާމިޔާބުކަމާއެކު އެނބުރި އައި ތަނުން މޫހީކާ އެތައް އަހަރެއްގެ ޖަލުގެ ދިރިއުޅުމުން ނިކުމެވަޑައިގަތީ ހަނގުރާމަވެރި އިންގިލާބީ ހިޔާލުތައް ހުރި މީހެއްގެ ގޮތަކު ނޫނެވެ. ނަމަވެސް ޑިމޮކްރެޓިކް ސިޔާސީ މަގަކުން މާނަވީ ބަދަލު ގެންނަވަން ބޭނުންވެވަޑައިގަންވާ މީހަކަށް ބަދަލުވެފައިވާ ފަރުދެއްގެ ގޮތުގައެވެ.

ހާއްސަ އިނާޔަތްތަކާ ދެކޮޅު ރައީސެއް

އެތައް ދަހަރެއް ފަހުން ކުރީގެ ގައިދީއަށް އާދަޔާހިލާފު ކާމިޔާބީއެއް ލިބިވަޑައިގަތެވެ. ޔުރުގުއާއިގެ 2009 ގެ ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެން 2010 ގައި ރައީސްކަމާ ހަވާލުވެވަޑައިގަތެވެ. އެއީ 2015 އާ ޖެހެންދެނެވެ.

ނަމަވެސް ރިޔާސީ މަގާމުން އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތަށް ބަދަލެއް ނާދެއެވެ. ގިނަ ގައުމުތަކުގެ ވެރިން ވެރިކަމުގައި ދިރިއުޅުއްވަނީ ރަސްމީ ބޮޑެތި ތަންތާނގައި ކަމަށް ވިޔަސް ޔުރުގުއާއިގެ ރިޔާސީ ގަނޑުވަރުގައި ދިރިއުޅުއްވަން މޫހީކާ ދެކޮޅުހެއްދެވިއެވެ. އޭގެ ބަދަލުގައި އޭނާގެ ދިރިއުޅުން ކުރިއަށްގެންދެވީ އަނބިކަނބަލުން ލޫސީއާ ޓަޕޮލަންސްކީއާއެކު އެ ދެ ކަނބަލުންގެ އާދައިގެ މާ އަޅާ ގަސް ހައްދާ ދަނޑުގައި ހުރި ގޭގައި މޮންޓަވަޑީއޯއިން ބޭރުގައެވެ.

ބާވެ ކުލަ ގޮސްފައިވާ 1987 ގެ ފޯކްސްވަގަން ބީޓްލް ކާރުގައި މޫހީކާ ކޮންމެ ދުވަހަކު ރައީސް އޮފީހަށް ވަޑައިގެންނެވިއިރު ފާހަގަ ކުރެވުނީ އޭނާ ސެކިއުރިޓީ ޑީޓޭލެއް ނުގެންގުޅުއްވާކަމެވެ. އޭނާގެ ގެއަށް ޒިޔާރަތްކުރާ މީހުންނަށް ބައެއް ފަހަރަށް ފުރަތަމަ "މަރުހަބާ ކިޔަނީ" އޭނާ "މަނުއެލާ"ގެ ނަން ދީފައިވާ އޭނާގެ ތިން ފައި ހުރި ކުއްތާއެވެ. އެ ކުއްތާ އޭނާގެ ބަގީޗާ ތެރޭގައި ހަމަޖެހިލައިގެން އުޅޭ މަންޒަރު މެހެމާނުންނަށް ބައެއް ފަހަރު ފެނެއެވެ.

ސިޔާސީ ބާރު ސަގާފީ ގޮތުން ސިފަކުރެވޭ ގޮތާއި މޫހީކާ ފެންނަ ގޮތުގައި ހުރި ތަފާތުގެ ބޮޑުކަމުން ދުނިޔޭގެ ކަންކޮޅުތަކުގެ ނޫސްވެރިން ފެށީ އޭނާއަކީ "ދުނިޔޭގެ އެންމެ ފަގީރު ރައީސް"ކަމުގައި ސިފަކުރާށެވެ.

މުސާރައިގެ ބޮޑު ބައެއް ދޫކޮށްލެއްވުން

މޫހީކާގެ ވަނަން ކަމަށްވާ "ޕެޕޭ" ކިޔަން ފެށުނީ ރައީސްކަމުގައި ހުންނެވިއިރު އޭނާ ހިޔާރު ކުރެއްވި އާދަޔާހިލާފު ކަމަކުންނެވެ. އޭނާގެ ރިޔާސީ ދައުރުގައި އޭނާއަށް ލިބިވަޑައިގަތް މަހު މުސާރަ ކަމަށްވާ 12،000 ޑޮލަރު (185،040ރ.)ގެ ގާތްގަނޑަށް 90 ޕަސެންޓް އޭނާ ހައިރާތު ކުރައްވަން ނިންމެވުމުންނެވެ. އެއީ ފަގީރު ފަރުދުންނާއި ކުދި ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް އެހީތެރިވެދޭ ޖަމާއަތްތަކާއި އިނިޝިއެޓިވްތަކަށެވެ.

މި ދީލަތި ހައިރާތަށްފަހު އޭނާގެ އަމިއްލަ ބޭނުމަށް ބެހެއްޓެވީ ޔުރުގުއާއިގެ އާދައިގެ ރައްޔިތަކަށް ވެސް ލިބޭ މިންވަރުގެ އާމްދަނީއަކާ އެއްވަރުގެ ފައިސާކޮޅެކެވެ.

މޫހީކާއަށް މިއީ ހިޔާލު ބަދަލުނުވާ ނިންމުމެކެވެ. އޭނާ ގަބޫލު ކުރެއްވީ ލީޑަރުންގެ ޖީބަށް ބަރުކުރުމުގެ ބަދަލުގައި ސިޔާސީ މައިދާން ވާން ޖެހޭނީ މުޖުތަމައުގެ ބޭނުންތަކަށް ހިދުމަތް ކުރުމަށް އިސްކަން ދޭ ދާއިރާއަކަށްކަމެވެ. މިނިވަންކަން އިހްސާސް ކުރެވުމަށް ފުރުސަތު ލިބިވަޑައިގަތީ ސީދާސާދާ ދިރިއުޅުމެއް އުޅުއްވުމުން ކަމަށް އޭނާގެ މަޝްހޫރު ބުނުމެއްގައިވެއެވެ. މަދު މުދާތަކެއް ގެންގުޅުއްވުމުން ފިކުރުތައް މަދު ކަން ތަޖުރިބާ ކުރެއްވުނު ކަމަށާއި ކަންތައްތަކަށް ދޫދިނުން ވެސް ފަސޭހަވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑެތި އިސްލާހުތަކެއް ގެންނަވަމުން ކުޑަ ގައުމެއްގެ ވެރިކަން ކުރެއްވުން

ހިތްތިރި ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުއްވިޔަސް މޫހީކާ ވެރިކަން ކުރެއްވީ ޔުރުގުއާއިގެ ފަހުގެ ތާރީހެއްގައި އެ ގައުމު ދުށް އެންމެ ބޮޑު ތަރައްގީގެ ތެރެއިން ދުވަސްވަރެއްގައެވެ. މަސައްކަތްތެރިންގެ ހައްގުތައް ވަރުގަދަކުރައްވައި، އިގުތިސާދު ނަގަހައްޓަވަމުން، އެންމެ ދަށްކޮށް ދޭން ޖެހޭނެ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުއްވިއެވެ.

އޭނާއަށް ފާޑުކިޔާ ފަރާތްތަކުން ވެސް އޭނާގެ އާދަޔާހިލާފު ތެދުވެރިކަން ބަލައިގަތެވެ. މޫހީކާ ވާހަކަދެއްކެވީ ސީދާކޮށެވެ. ދުނިޔޭގެ ސިޔާސީ މައިދާނުގައި އާއްމު ގޮތެއްގައި ފެންނަ "ރީތިކުރެވިފައިވާ ބަހުރުވަ"އާ އޭނާ ދެކޮޅުހެއްދެވިއެވެ.

ހޯޒޭ މޫހީކާ (ކ) އިންޓަވިޔުއެއް ދެއްވަނީ

ހިތްތިރިކަމުގެ ސިފަ ޖެހިފައިވާ ލެގަސީ

އޭނާގެ ފަހު އަހަރުތަކުގައި ވެސް ދެކުނު އެމެރިކާގެ ސިޔާސީ މައިދާނާއި މުޖުތަމައުގައި ނުފޫޒުގަދަ އަޑެއް ކަމުގައި އޭނާ ވެވަޑައިގަތެވެ.

މޫހީކާއަށް އަސޮފަޖީއަލް ކެންސަރު ޖެހިފައިވާކަން 2024 ގައި އެނގުނެވެ. އެއީ ކަރާއި ބަނޑާ ގުޅޭ ހޮޅިއަށް ޖެހޭ ކެންސަރެވެ.

އޭނާ އަވަހާރަވީ އުމުރުން 89 އަހަރުގައި އޭނާގެ އުފަންދުވަސް އައުމަށް އެއް ހަފުތާއަށްވެފައިވަނިކޮށް މި ދިޔަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވީ އޭނާ ރައީސްކަމުގެ ހުންނެވިއިރު ވެސް، އަދި ދުވަހެއްގައި ވެސް ދޫކޮށްނުލެއްވި، މޮންޓަވަޑީއޯ ކައިރީގައި ހުންނަ އޭނާގެ ދަނޑުގޮވާންކުރާ ބިމުގައި ހުރި ގޭގައެވެ. ޔުރުގުއާއިގެ ގިނަ ރައްޔިތުން އޭނާ ދުށީ މި ޒަމާނުގެ ސިޔާސީ ދާއިރާގައި ނާދިރުކަމެއް ފެނުނު މީހެއްގެ ގޮތުގައެވެ. އެއީ ދެއްކުންތެރިކަމެއް ނެތް ނަޒާހަތްތެރި މީހެއްގެ ގޮތުގައެވެ.

ހޯޒޭ މޫހީކާ (ވ) އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއެކު

ސަރުކާރާ ދެކޮޅުހެދުމުގައާއި ޖަލަށްލުމާއި އަދި ގައުމުގެ އެންމެ މަތީ މަގާމު ވެސް މޫހީކާ ކަޑައްތު ކުރެއްވިއެވެ. ނަމަވެސް، އެންމެ ފަހުން ވެސް، އޭނާގެ އެންމެ ބާރުގަދަ "ބަޔާނަ"ކަށްވީ ތަގުރީރެއް ނުވަތަ ސިޔާސަތެއް ނޫނެވެ. އެއީ އޭނާ ދިރިއުޅުއްވަން ހިޔާރުކުރި ގޮތުގެ އަޑުމަޑު މެސެޖެކެވެ. އެ މެސެޖަކީ ލީޑަޝިޕަކީ އަބަދުވެސް ގަނޑުވަރުތަކުގައި އުޅޭ "ކަމެއް" ނޫންކަމެވެ. ބައެއް ފަހަރު، ލީޑަޝިޕް "ހެދިބޮޑު"ވަނީ ހިރަފުސް މަގުތައް ނިމޭ ހިސާބުގައެވެ. މާތަކުގެ ބަގީޗާއެއްގެ ކައިރީގައެވެ. އަދި މުސްކުޅި ކާރެއް އެ މީހާއަށް "ކެތްތެރިކަމާއެކު މަޑުކޮށްލައިގެން" އޮންނަ ހާލުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *