Support Us

25 ޕަސަންޓާ ހަމައަށް ފައިދާ ލިބޭ ގޮތަށް ބީ.އެމް.އެލްގައި ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވައިލައިފި

ކަސްޓަމަރުންނަށް 25 ޕަސަންޓާ ހަމައަށް ފައިދާ ލިބޭ ގޮތަށް ބީ.އެމް.އެލްގައި ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ބީ.އެމް.އެލް އިން ބުނީ ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން 25 ޕަސަންޓާ ހަމައަށް ފައިދާ އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ތެރެއިން މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

"މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާ ލިބޭ ޕޫލްތަކުގެ ގޮތުގައި ކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު މިވަނީ ފަހިކޮށްދެވިފައެވެ." ބީ.އެމް.އެލް އިން ބުނެއެވެ.

މި ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ހަފްލާގައި ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ.

"މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު މިވަނީ ދެ ގުނައަށްވުރެ ވެސް ބޮޑުވެފައި. ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިންލައްކައާ ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދޭ،" ޝަރީފް ވިދާޅުވިއެވެ.

"މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް. މީގެ އިތުރުން، މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިން އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް. މިއާއެކު ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާއެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް މިވަނީ ފަހިވެފައި."

ޝަރީފް އިތުރަށް ވިދާޅުވީ ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަމަށެވެ.

"ކާޑުގެ މުޢާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް. އެހެން ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން. ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކައިފައި. މީގެ ތެރެއިން ގާތްގަނޑަކަށް %60 ވިއްކިފައި ވަނީ ކާޑުގެ މުޢާމަލާތްތަކަށް. މި އަދަދު މަހުން މަހަށް މިދަނީ އިތުރުވަމުން. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއްނޫން. އެހެން ނަމަވެސް ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާ ގޮތަށް ނުވަތަ މެދުކެނޑޭ ގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް. އެހެންކަމުން ވަރަށްވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުން ފަރާތްތަކަށާއި އަދި ބޭންކަށްވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތްތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ. މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑުޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިޔުން."

ހަފްލާގެ ބައިވެރިންނަށް އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ވަނީ ދައްކައިފައެވެ. އަދި އެއަށްފަހު، ސީއީއޯ ވަނީ ހާޒިރުވެ ތިބި ފަރާތްތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވައި، މި ޚިދުމަތުގެ މުހިންމުކަމާއި ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވައިފައެވެ.