ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން އެމެރިކާ އާއި އީރާނުން ސުލްހައިގެ ފަހުމްނާމާއެއްގައި މި މަހު 17 ގައި ސޮއިކޮށްފައި، މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުމެއް ގެންނަން ފަހު ޑީލެއް ހަދަން ހަމަޖެއްސި ދެ މަސް ދުވަހުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅިއާމެދު ގޮތެއް ނުނިންމިގެން އީރާނާއި އެމެރިކާއިން ހަމަލާތަކެއް ބަދަލުކުރަން ފަށައިފައިވަނިކޮށް، އީރާނަށް ހަމަލާނުދޭން އެމެރިކާއިން ނިންމައިފިއެވެ.
ހަމަލާބަދަލުކުރަން ފެށުނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލައިނެ އުސޫލަކާމެދު އެއްބަސްނުވެވިގެން އުޅެނިކޮށް ދެ އުޅަނދަކަށް އީރާނުން ހަމަލާދިނީމައެވެ.
އެމެރިކާއިން ބުނީ ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި އެ ތަނުން ހުރިހާ ގައުމެއްގެ އުޅަނދުފަހަރަށް އެއްވެސް ޝަރުތެއް ނެތި ހިލޭ ދަތުރުކުރެވެން ޖެހޭނެ ކަމަށެވެ.
ނަމަވެސް އީރާނުން ބުނީ އެއީ އީރާންގެ ބާރު ހިނގާ ކަނޑުއޮޅިއެއް ކަމަށާއި އުޅަނދުފަހަރު އެ ތަނުން ހުރަސްކުރަން ޖެހޭނީ އީރާނުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. މިހެންވެ، ދެ އުޅަނދެއް އެ އުސޫލުތަކާ ހިލާފަށް ހުރުމުޒު ހުރަސްކުރުމުން އީރާނުން އެ ދެ އުޅަނދަށް ހަމަލާދިނުމުން އޭގެ ބަދަލުގައި އެމެރިކާއިން އީރާނަށް ހަމަލާދިނީމާ، ކުވައިތާއި ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނީއެވެ.
"ސްޓްރަޓީޖަކް ގޮތުން މުހިންމު ކަނޑުއޮޅިން އުޅަނދުފަހަރަށް އަލުން ހިލޭ މިހާރު ހުރަސްކުރެވޭނެ. އަހަރެމެންނާއި އީރާނާއެކު ވާހަކަތައް ކުރިއަށްދާނެ،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
އެމެރިކާގެ މި ބުނުމާ އީރާނުން ވަކި އެއްޗެއް އަދި ނުބުނެއެވެ. ނަމަވެސް ބުނީ މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުމެއް ގެނައުމަށް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަން ޖެހޭނެ ކަމަށެވެ. މިއީ ސުލްހައިގެ ފަހުމްނާމާގައި ވެސް އީރާނުން ހުށަހަޅައިފައިވާ ޝަރުތެކެވެ. އެމެރިކާއިން މެދުވެރިވެގެން ލުބްނާނާއި އިސްރާއީލާ ދެމެދު މި ދިޔަ ހުކުރު ދުވަހު ވަނީ ސުލްހައިގެ އޮނިގަނޑެއް ގާއިމުކޮށްފައެވެ.



advertisment