The President’s Office
ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓައި، ދިވެހި ޤައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ދޭ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށެވެ. އަދި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ވަނީ ވަރުގަދަ ޤުރުބާނީއެއް ކަމަށެވެ
ހަމަ މިއާއެކު، އެތައް އަހަރެއްވަންދެން މޫލަމުންދިޔަ، ނުރަނގަޅު އެތައް އާދައަކުން މުޖުތަމަޢު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސާސާގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކުރަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދަނީ އެތައް ގޮންޖެހުމަކާ އެކުގައި ކަމަށާއި، ނަމަވެސް ހިތްހަމަޖެހޭ ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންވެސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ޤާނޫނީ ބަދަލުތައް ގެނައުން ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތުގެ ތަރައްޤީ ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ދ. ވާނީގައި ހިންގާ ފުލުހުންގެ ތަމްރީނުދޭ މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގައި ތަމްރީނުދެވޭ ތަނަކަށް ހައްދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވޮއެވެ. ހަމަ މިއާއެކު، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތްތައް ދެވޭނެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް، އަންނަ އަހަރުތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ފުލުހުން ކުރާ ގުނާ ޢަދަދު ނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ، މާނަ ހުރި، ދާއިމީ ބަދަލެއް މުޖުތަމަޢަށް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއި، ހެޔޮނިޔަތާއި، ޤައުމީ ލޯތްބާއެކު ކުރާ ކަމަކަށް އެ ކަންކަން ވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުޞަތުތައް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ވިދާޅުވެ، އަމަލީ ގޮތެއްގައި ރަނގަޅު ނަތީޖާތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންދެއްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރި ފުލުހުންނަށް ކުލަ ހަވާލުކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރި ފުލުހުންނަށް މެޑަލް ހަވާލުކޮށްދެއްވައިފައެވެ. އަދި ދިގު މުއްދަތެއް ވަންދެން މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވައި ދިވެހި ޤައުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަގުނުކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރިފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.



advertisment