ދުނިޔެ މީ "މަޙުޝަރު ދަތުރުގައި" މަޑުކުރާ ވަގުތީ ތަނެއް
މުނިއަވަސް ފިލުވައިލެވޭހާ ފުތުޞަތެއްވެސް ނެތް ތަނެއް
ދަރުރު ފޮށި ތައްޔާރުކޮށް ޒީނަތުގެ ގަހަނާ ނުލެވެނީސް
މަރު އައިސް ބައްދަލު ކުރީމާ ދާންޖެހޭ ވަގުތީ ތަނެއް
އެއްދުވަހު ލިބެނީ އުފަންވީ ޚަބަރު، މީހަކު ދުނިޔެއަށް
ދެން އެއަށްފަހު ހިނދުކޮޅެއްގެ ތެރޭ ލިބޭނީ މަރުވި ޚަބަރެއް
އެެކުވެރީން ރަޙްމަތްތެރީންނާ ރައްޓެހީން ގުޅިގެން މިތާ
އެކުއުޅެން ލިބެނީ މިދުނިޔޭން ދާދި ކުޑަކުޑަ ހިނދުކޮޅެއް
ރޭދުވާ އެކުގައި އުޅުނު މިތުރުންގެ ކައިރިން ވަކިވެގެން
ރޭގެ ނިދި ނިންމާލުމަށް "ދޮޅި އުފުރަމުން ލާ" ނޭވައެއް
މުޅި ޙަޔާތަށް ފޮނި އެތައް އުއްމީދަކާއެކު ކުރިކަމެއް
ހުރި ތަނެއްގައި ހުރިގޮތަށް ހުއްޓާ ޢުމުރު ނިމިދާ ތަނެއް
މައިބަފައިންނާ އަނބި ދަރީންނާ ޢާއިލާ ޒިއްމާތަކުން
މައިބަފައިން ޙައްގެއް އަދާނުވެ އުޅެނިކޮށް ދާންވާ ތަނެއް
ތަޚްތު، ތާޖާ، ޢިއްޒަތާ، ހަށިފާރަ މީހުންނާ އެކީ
ފަޚުރުވެރިވެ، ބޮޑާވެފައި އިންދާ މަރުވެ، ނިމިދާ ތަނެއް
ކީއްކުރަންތޯ އެކަކު އަނެކަކު މޫނުކެނޑި ދުޝްމިނު ވަނީ؟
ކީއްކުރަންތޯ ދުނިޔެމީ އެއްވެސް އަގެއްނެތް "ކުނިގަނޑެއް"
ހެޔޮކަމެއް ނޫނީ މިތާ ކުރުމުގެ އޮތީ ކޮން ބޭނުމެއް
ހެޔޮކަމެއް ނެތް މީހަކީދެން ކީއްކުރާ "މުޅަ މަސްގަނޑެއް"
ވަގުތު ހޯދައިގެން ކުރަންވީ މާތް އިލާހަށް އަޅުކަމެއް
ވަގުތު ފާއިތުވުމުގެ ކުރިއަށް މިލިބެނީ ކުޑަ ފުރުސަތެއް
ދުނިޔެ ހިތަކަށް ލިބި އެއިން ތަނަވަސްވެ، މީހާ އުދުހުނަސް
ދުނިޔެ ދޫކޮށް ދާދުވަހު ގެންދަން އޮތީ ކުޅަ ހެޔޮކަމެއް
