Support Us

ފުރާނަ ސަލާމަތްކުރުމަށް ލޭ ހަދިޔާކުރާ މީހުންގެ އަގު ވަޒަންކުރަން: ރައީސުލްޖުމްހޫރިއްޔާ

ލޭ ހަދިޔާކުރުމުގެ އާދަ ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޢަޒުމް ތަކުރާރުކުރައްވައި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ހަދިޔާކުރާ ފަރާތްތަކުން ކޮށްދެއްވާ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި, އެފަރާތްތަކުގެ ދީލަތި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި، ލޭ ހަދިޔާކުރާ މީހުންގެ މި ދީލަތި އެހީތެރިކަމުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، ކުއްލި ޞިއްޙީ ފަރުވާއަށް ބޭނުންޖެހިފައިވާ މީހުންނަށް، އެންމެ ބޭނުންޖެހޭ ވަގުތުގައި ފަރުވާ ކަށަވަރުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވީ ނަމަވެސް، ލޭގެ މުހިންމުކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި، ޤައުމީ ފެންވަރުގައި ކުއްލި ޙާލަތްތަކަށް އޮންނަ ތައްޔާރީ ފެންވަރު ހަރުދަނާކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ ފަދަ، ރަށްތައް ފެތުރިފައިވާ ޖަޒީރާ ޤައުމަކަށް، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ނުހަނު ބޮޑު ތަފާތެއް ގެނުވައިދޭނެ ކަމެއްކަން ފާހަގަކުރައްވަމުން، އެންމެހާ ދިވެހިންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެއްބައިވަންތަކަމާއި ފަރުދީ ޒިންމާގެ އާދަ އަށަގަންނުވައި އެކަން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ "އެކްސް"ގައި މެސެޖެއް ޙިއްސާކުރައްވައިފައެވެ. މި މެސެޖުގައި އެކަމަނާ ވަނީ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދު ގެނެސްދޭ، ލޭ ހަދިޔާކުރާ އެންމެންގެ ދީލަތިކަމުގެ އަގު ވަޒަންކުރައްވައިފައެވެ.

ލޭ ހަދިޔާކުރާ ކޮންމެ ފަހަރެއްގެ ފަހަތުގައި އޯގާތެރިކަމުގެ ފުން އިޙްސާސްތަކެއް އެކުލެވިގެންވާކަން ފާހަގަކުރައްވަމުން، ނާޒުކު ޙާލަތްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި އެހީތެރިކަމަކީ ބިރުވެރިކަމުގެ ބަދަލުގައި އުންމީދު އާކޮށްދޭ ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އަބަދުވެސް ބޮޑެތި ކަންތައްތަކެއް ކުރުން ލާޒިމު ނޫންކަމާއި، އޯގާތެރިކަމުގެ ކުޑަކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްދެވިދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *