މިލްކުވެރި ތަންތަނުގެ ގޮތުގައި ކަނޑު ތަކާ ފަޅުތައް ބެލޭތޯ
މިލްކު ވެރިނޫން މީހުނަށް ކަނޑު ދަތުރު ފަތުރު ވެވޭނެތޯ
އެކި ރަށާ އެކި އަތޮޅު އަދި އެކި ކަރަތަކުގެ ނަމުން ކިޔައި
އެކިކަނޑާ ފަޅު ތަކުގެ ނަމުގައި ހިބަ ފަތެއްލިޔެފައި އޮވޭތޯ
ކަނޑުގެ ސަރަހައްދުން އެކީގައި ގުޅިފަވާ ކުދި ގައުމުތައް
ކަނޑުގަ ހުރި ބިޔަ ގައުމުތަކުގެ އަޅުން ކަމަށް ބެލެވޭނެތޯ
***
ކާށިދޫ ނަމުގައި އެ އޮތްއިރު ކުޑަ ކަނޑާ އަދި ބޮޑުކަނޑާ
ކާށިދޫ މީހުންގެ މިލްކިއްޔާތުގައި ހުރި ކަނޑު ތަކެއްތޯ
ކަގި ކަނޑާ ގާފަރު ކަނޑާ، ދެކަނޑަށް ދެރަށް ނިސްބަތް ވުމުން
ވަކިވެފައި ކަގި، ގާފަރާ ދެރަށަށް އެކަނި އޮތް މިލްކަކީތޯ
އެންމެ ބޮޑު ހުވަދޫ ކަނޑާ އައްޑޫ ކަނޑާއި ދެކަނޑު އެއީ
ނަން ކިޔާ މިދެއަތޮޅު މިލްކިއްޔާތުގައިއޮތް ދެ ކަނޑަކީތޯ
ވާވު ފުލިދޫ ކަނޑު އެއީވެސް ފުލިދުއަށް ނިސްބަތް ވުމުން،
ވާވު ފުލިދޫ މިލްކުވެރި ކަނޑަކަށް މިކަނޑު ބަލަން ޖެހޭތޯ
ވަކިރަށެއް ނިސްބަތްނުވާ ބަރަވެލި ކަނޑެއްވެސް އެބައޮވޭ
ވަކިކުރާ އިރު އެކަނޑު މިލްކުވަނީ ދުވާ ބަރަވެލި ތަކަށްތޯ
ރުއްފުށީ ކަނޑަކާއި ގައްލަންދޫ ކަނޑެއްވެސް އެބަ އޮވޭ
ދެން ބަލަންވާނީ ދެކަނޑު ނިސްބަތްވި ދެރަށުގެ މިލްކަކަށްތޯ
މާލެކައިރީ އޮންނަނީ ވާދޫ ކަނޑެއް ކަމުގައި ވުމުން
މާލެ ކައިރިން ވެސް ދަތުރު ކޮށްލާ ހެދޭނެ ކަނޑެއް ނެތީތޯ
"އިންޑިއާ ކަނޑު" ނަން ކިޔާފައި ބާރުގަދަ ގައުމެއް ކަމުން،
އިންޑިއާ އަށް އެކަނި އޮތް ކަނޑަކަށް މިކަނޑު ބެލެ ވޭނެތޯ
މިގޮތުގައި ހިމެނޭ އެތައް ގިނަ ކަނޑުތަކެއް އެބަހުރި މިތާ
މިގޮތުގައި ލިޔުނަސް މިގައުމުގެ ކަނޑު ވަކިން މަދު ވާނެތޯ
