ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރަކަށް އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޢަލީ ނަޞީރު ޖޭ.އެސް.ސީ އަށް މި އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޢަލީ ނަޞީރު ވަނީ ޖުޑީޝަލް ޖޭ.އެސް.ސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޢަލީ ނަޞީރަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭ.އެސް.ސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޢަލީ ނަޞީރާ ޙަވާލުކޮށްދެއްވައިފައެވެ.



advertisment