Support Us

ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް މިއަދުން ފެށިގެން ކަނޑައިލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި މި މުހިންމު ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ ބޮޑުވެ، ރަށްފުށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހަށް އިނގިރޭސި ބާޒާރުގައި އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެކެވެ. އަދި ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން މި ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ވިލުންތެރިކަމަށް ދެޤައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ދަލީލުކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ދިވެހި މަސްވެރިކަމަށާއި އިގުތިސާދީ ކުރިއެރުން ލިބޭ މި ބަދަލު ގެނައުމަށްޓަކައި މަސައްކަތްކޮށްދެއްވި އިނގިރޭސިވިލާތުގެ ސަރުކާރާއި އަދި ކަމާގުޅޭ އެންމެހާ ބައިވެރިންނަށް ޝުކުރުއަދާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް މަސްވެރިކަމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށްގެންދަވައިފައެވެ. މި މަޝްވަރާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއްދެއްވި އެއް ކަމަކީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ ކަނޑާލުމަށް ބާރުއެޅުއްވުމެވެ.

ދިވެހިރާއްޖޭގެ މަހަށް ބޭރު ދުނިޔޭގައި މަގުބޫލުކަން ހޯދައި ރާއްޖެއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަހުގެ ބާވަތްތައް ބޭރުކުރުމަށް އެކިއެކި ފުރުސަތުތައް ހޯދައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއިން ދެވަނައަށް އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ ޤައުމެވެ. އަދި އިނގިރޭސިވިލާތަށް ނުވަ ވަނައަށް އެންމެ ގިނައިން ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރަނީ ދިވެހިރާއްޖެއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *