ހައްޖު ދުވަހުގެ ކުރިން އަންނަ އާދިއްތަ އާއި ހޯމަ ވެސް ސަރުކާރު ބަންދު ކަމަށް ހަމަޖެއްސެވުމާއެކު، ދެ ހަފުތާބަންދު ހިމަނައިގެން، އީދު ޗުއްޓީ އަށް ނުވަ ދުވަސް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި މަހުގެ 24 ވާ އާދީއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.
މިއަދު ގެންނެވި ބަދަލާއެކު އީދު ޗުއްޓީ ފެށޭނީ މޭ 22 ވާ ހުކުރު ދުވަހުއެވެ. ނިމޭނީ 30 ވާ ހޮނިރުގައެވެ.
ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން މޭ 31 ވާ އާދީއްތަ ދުވަހުއެވެ.



advertisment