ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ދަޢުވަތަކަށް، މި މަހުގެ 3- 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ކުރެއްވި މި ދަތުރުފުޅުގައި ރައީސް ޑިސަނަޔައާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވޭނެ އާ ދާއިރާތައް ދެނެގަތުމުގެ މައްޗަށެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރެއްވުމަށް އެކުލަވައިލެއްވި ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި ގުޅުންބަދަހިކުރުމާއި، ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ ދާއިރާގައި އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތައް ހިމެނެއެވެ. އެއަށްފަހު ދެ ރައީސުލް ގުޅިފައިވާ ބަޔާނެއް ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ހިމެނިގެން ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެވަޑައިގެނެވިއެވެ.
ރަސްމީ މަޝްވަރާތަކުގެ އިތުރުން، މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުގެ އިސް ބައެއް ވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތްކުރެއްވިއެވެ. އޭގެތެރޭގައި ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޖަގަތް ވިކްރަމަރަތްނަ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، އެމަނިކުފާނު ވަނީ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ޝަރަފުވެރިކޮށްދެއްވައި، ތަޤުރީރެއް ކުރައްވާފައެވެ. މި ތަޤުރީރުގައި އެމަނިކުފާނު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިންވެސްޓްމަންޓްތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މިދަތުރުފުޅުގައި ހިމެނިގެން ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން އަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި ކަށީގެ ޚިދުމަތްތަކާއި، އަދި ޕްލާސްޓިކް ސާޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯދަމުން ގެންދިޔަ ބައެއް މީހުންނާ އެކަމަނާ ބައްދަލު ކުރައްވިއެވެ. އަދި އެކަމަނާ ވަނީ އެ ޤައުމުގެ އަންހެން ވިޔަފާރިވެރިން އިސްނަގައިގެން ކުރިއަށްގެންދާ ވިޔަފާރި އުފެއްދުންތައް ދައްކާލާ ގުޑް މާކެޓް އޮފީހަށް ޒިޔާރަތްކުރައްވައި ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކޮލަމްބޯގެ މޭޔަރު ކެލީ ބެލްތަޒާ އިންތިޒާމުކުރެއްވި، ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާކުރުމުގެ ޚާއްޞަ ހަފްލާއެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން ވަނީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ޖުލައި 28-30 އަށް ސްރީލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.



advertisment