1. "ހަޔާތުގެ އެންމެ މަތިވެރި މަގުސަދުތަކުގެ ތެރޭގައި އަނެކާއަށް އަޅާލައި އެހީތެރިވުން ހިމެނެއެވެ. އެކަން ނުވެވޭ ނަމަ، އެންމެ ކުޑަވެގެން، އަނެކާގެ ހިތުގައިނުޖައްސައި އުޅެން ދަސްކުރަން ޖެހެއެވެ."
2. އުފާވެރިކަމަކީ ވިސްނާ ވިސްނުމާއި ބުނާ ބުނުމާއި އަދި ކުރާ ކުރުން، މިކަންކަން ދިމާވެ، އެކައްޗަކަށް ވެފައި އޮތުމެވެ.
3. ކިތަންމެ ވަރުގަދަ ވެފައި، އަދި ހަޔާތް މެދުވެރިކުރުވާ ބޮޑެތި ތޫފާނުތަކުގެ ކުރިމަތީގައި ނުވެއްޓި ކޮޅަށް ހުރުމުގެ ކުޅަދާނަކަން ލިބިފައި އޮތުމަކީ ފަހަރެއްގައި ވެސް އެހެން މީހެއްގެ ލޯތްބާއި އަޅާލުން ބޭނުން ނުވުމެއް ނޫނެވެ.
4. އަލިކަން ފަތުރާލުމަށް ދެ ގޮތެއް އޮވެއެވެ: އެއްގޮތަކީ އަލިކަން ދޭ ބައްތިއަކަށް ވުމެވެ. އަނެއް ގޮތަކީ އެ އަލިކަން އިންއިކާސް ކޮށްދޭ ލޯގަނޑަކަށް ވުމެވެ.
5. ހެޔޮ ހިތްތަކަކީ ބަގީޗާއެކެވެ. ހެޔޮ ޚިޔާލުތަކަކީ ބަގީޗާގެ ގަސްގަހާގެހީގެ މޫތަކެކެވެ. ހެޔޮ ބަސްކޮޅަކީ ބަގީޗާގައި ފޮޅޭ މާމެލާމެއްޔެވެ. ހެޔޮ އަމަލަކީ އެ މާތަކުން ނިކުންނަ ފޮނި މޭވާތަކެވެ.
6. ކިތަންމެ ކުޑަ ވިޔަސް، ހެޔޮ އަމަލެއް ބޭކާރުވެގެން ނުވެއެވެ. ނަބަވީ އިރުޝާދެއްގައި އޮންނަ ފަދައިންނެވެ: لا تستصغرن من المعروف شيئا. އެއްވެސް ހެޔޮ އަމަލަކީ ކުޑަ ކަމެއް، އޭގައި އެއްވެސް އަގެއް ނެތް ކަމެއް، ކަމުގައި ނުހަދާށެވެ!
7. ކިތަންމެ ކުޑަ ހެޔޮ އަމަލެއް ކުރާ އިރު ވެސް، އެ އަމަލުން ހެޔޮ ބަދަލެއް އަންނާނޭކަން ހީކޮށްގެން އެކަން ކުރާށެވެ. އެއްވެސް، ޝައްކެއްނެތް ގޮތުގައި އެފަދަ އަމަލަކުން ވެސް ހެޔޮ ބަދަލު އަންނާނެއެވެ. މިސާލަކަށް މަގުމަތިން ފެންނަ ތޫނު އެއްޗެއް ނަގައި ކުނި އަޅާ އެއްޗަށް ލާށެވެ. އޭރުން، އެއިން ލިބިދާނެ ގެއްލުމުން އެހެން މީހުން ސަލާމަތް ވެއެވެ.
8. ރަނގަޅު އިސްވާރުކަމުގެ، ލީޑަޝިޕެއްގެ، އެންމެ މުހިއްމު ސިފައަކީ އޭނަގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންގެ އިހުސާސުތަކާއި ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ފިލުވާލުމުގެ ހަގީގީ މަސައްކަތްތަކެއް ކުރުމެވެ.
9. ދީލަތިވުމާއި އަޅާލުމުގެ ތެރެއިން ހިއްވަރު އުފެދެއެވެ. މުއްބާރުވުމާއި ދަހިވެތިވުން، މި ސިފައާއި ފިނޑިކަން ގުޅިފައި އޮންނަ ފަދައިން، ދީލަތިވުމާއި އަޅާލުން، މި ސިފައާއި ކެރުން ގުޅިފައި އޮވެއެވެ.
10. މުސްލިމުންގެ އިހުގެ އިލްމުވެރިއެއް ކަމަށްވާ އިބްނު އަރަބީ ފާހަގަ ކުރައްވާފައި ވެއެވެ. އިންސާނާގެ ނަފްސު ހަތް މަރުހަލާއަކަށް ބަހާލެވިދާނެއެވެ. އޭގެ ތެރެއިން ފުރަތަމަ މަރުހަލާއަކީ 'ނުބައި ކަންކަމަށް ނަފްސު އަމުރުކުރާ' (النفس الأمارة بالسوء) މަރުހަލާއެވެ. މި މަރުހަލާގައި އިންސާނާގެ ނަފްސު އިންސާނާއަށް ނުބައިކަންކަން ކުރުމަށް އަމުރުކުރާ އިރު، އެކަން ހިފެހެއްޓުމުގެ އެދުމެއް ނަފްސުގައި އުފައްދާލެވިފައި ނޯވެއެވެ. އިންސާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދުނިޔޭގައި އުޅެ ނިމިދަނީ މި މަރުހަލާއިން އަރައިނުގަނެވި އުޅެނިކޮށެވެ.
މި ފަދަ މީހުންނަށް އިޝާރަތްކުރައްވައި ކީރިތި ގުރުއާނުގައި އައިސްފައި އޮވެއެވެ: وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ (ހަމަކަށަވަރުން، އިންސީންނާއި ޖިންނީންގެ ތެރެއިން، ނަރަކައިގެ އަހުލުވެރިން ކަމުގައި ވެދިޔުމަށްޓަކައި، ގިނަގުނަ ބަޔަކު ތިމަން ﷲ ހައްދަވައި، ވުޖޫދަށް ގެންނަވައި އަދި ފެތުރެއްވެވީމުއެވެ. އެ ފަދަ މީހުންނަށް ލިބިފައި އޮންނަނީ (ހެޔޮ ގޮތް) ވިސްނައިގަންނަން ބޭނުންނުވާ ހިތްތަކެކެވެ. އަދި (ހެޔޮ ގޮތް) ދެކެން ބޭނުން ނުވާ ލޯތަކެކެވެ. އަދި، (ހެޔޮ ގޮތް) އަޑު އަހަށް ބޭނުން ނުވާ ކަންފަތްތަކެކެވެ. (އެހެންވެ،) އެފަދަ މީހުންވީ ގެރިބަކަރި ފަދަ (ޖަނަވާރުންނޭ އެއް ފަދަ) ބަޔަކަށެވެ. އަދި، ކިއެއް ހެއްޔެވެ؟ އެ އެއްޗިއްސަށް ވުރެ ވެސް، ބޮޑަށް މަގުފުރެދިފައިވާ ބަޔަކަށެވެ. އެ މީހުންނަކީ (ހެޔޮ ގޮތް މަތިން ހަނދާން ނައްތާލައި،) ހަމަ މުޅިން ޣާފިލުވެފައި ތިބި ބައެކެވެ.
