ދުނިޔެ މީ އަޅެ ކީއްކުރަން މިވަރުން އުޅެންވީ މަންޒިލެއް
މުނިއަވަސް ފިލުވައިލެވޭހައި ފުރުޞަތެއްވެސް ނެތް ތަނެއް
އެއްދުވަހު ލިބެނީ އުފަންވީ ޚަބަރު މީހާ ދުނިޔެއަށް
ދެން އެއާ ޖެހިގެން ލިބޭނީ ދުނިޔެ ދޫކޮށް މަރުވި ޚަބަރެއް
ރޭދުވާ އެކުގައި އުޅުނު މިތުރުންގެ ކައިރިން ވަކިވެގެން
ރޭގެ ނިދި ނިންމާލުމަށް ދޮޅިއުފުރަމުން ލާ ނޭވައެއް
މުޅިޙަޔާތަށް ފޮނި އެތައް އުއްމީދުގާ ކުރިހައި ކަމެއް
ހުރި ތަނެއްގައި ހުރިގޮތަށް ހުއްޓާ ޢުމުރު ނިމިދާ ތަނެއް
އެކުވެރީންނާ ރައްޓެހީން ރަޙްމަތްތެރީން ގުޅިގެންމިތާ
އެކުއުޅެން ލިބެނީ މިދުނިޔޭން ދާދި ކުޑަކުޑަ ހިނދުކޮޅެއް
މައި ބަފައިންނާ އަނބި ދަރީންނާ ޢާއިލާ ޒިއްމާތަކުން
މައިބަފައިން ޙައްގެއް އަދާނުވެ އުޅެނިކޮށް ނިމިދާ ތަނެއް
ކީއްކުރަންތޯ އެކަކު އަނެކަކު މޫނުކެނޑި ދުޝްމިނުވަނީ
ކީއްކުރަންތޯ ދުނިޔެމީ އެއްވެސް އަގެއްނެތް ކުނިގަނޑެއް
އެއްދުވަހު ބޮޑު ގޮނޑިކޮޅެއްގައި ވެޑުވިފައި އިންނެވި ޢަޒީޒެއް،
ދެން އަނެއް ދުވަހަކު "ފުރޮޅުލީ ގޮނޑިއަކަށް ބަދަލުވި ޣަރީބެއް"
ހެޔޮކަމެއްނޫނީ މިތާ ކުރުމުގެ އޮތީ ކޮން ބޭނުމެއް
ހެޔޮކަމެއް ނެތް މީހަކީދެން ކީއްކުރާ "މުޅަ މަސްގަނޑެއް"
ވަގުތު ހޯދައިގެން ކުރަންވީ މާތް އިލާހަށް އަޅުކަމެއް
ވަގުތުފާއިތުވުމުގެ ކުރިއަށް މިލިބެނީ ކުޑަ ފުރުސަތެއް
ދުނިޔެ ހިތަކަށްލިބި، ތިމާ މުއްސަނދިވެގެންގޮސް އުދުހުނަސް
ދުނިޔެ ދޫކޮށްދާ ދުވަހު ގެންދަން އޮތީ ކުޅަ ހެޔޮކަމެއް
