ވަހެއް ރަހައެއް އެނގޭ ކުލައެއް އެއަށް ލިބިފައިނުވާ އެއްޗެއް
ސައެއް ބޯލަން ވިޔަސް ބޭނުން ކުރާ އެއްޗެއް، މި ކޮންއެއްޗެއް؟
މިދުނިޔޭގައި އުޅޭ އިންސާނުން އަދި ކޮންމެ މަހްލޫގެއް،
މިދުނިޔޭގައި މިހެން ދިރިދެމި ތިބެން ބޭނުން ކުރާ އެއްޗެއް؟
ކެއިން ބުއިމާއި ބޭސް ފަރުވާތަކަށް ބޭނުންކުރާ އެއްޗެއް
އެއިން ގިނަ ގުނަ އެތައްހާސް ބަލިތަކަށް ފައިދާކުރާ އެއްޗެއް؟
މިމަތިވެރި ދީނުގައި އެންގެވި އެތައްގިނަ ކަންކަމެއް ކުރުމަށް،
މިމަތިވެރި މުސްލިމުންނަށް ކޮންމެހެން ލާޒިމް ކުރާ އެއްޗެއް؟
މިދީނުގެ ސާފު ތާހިރުކަން މަތީ ތިބުމަށް މިއަޅަ މެންނަށް،
މިދީނުގެ މާތް ޠަހާރަތަކަށް ވިޔަސް ބޭނުން ކުރާ އެއްޗެއް؟
ބަލާ ބަލިމަޑުކަމާ ތަދުމަޑުކަމާ ހަނަފަސް ކަމުގެ ޙާލުން
ސަލާމަތަކަށްޓަކާ މެދުވެރި ކުރައްވާ ރަހްމަތުގެ އެއްޗެއް؟
މަޖާކޮށް އިޖްތިމާއީ ރޫޙުގައި އެކުވެރިކަމާ އެކުގައި،
ސަމާސާ ކުޅިވަރެއްގެތެރޭ ވިޔަސް ބޭނުން ކުރާ އެއްޗެއް؟
މިތާ މިއުޅޭ އެތައް ޖަނަވާރަކާ އަދި ގަސްގަހާގެއްސާ
މިތާ ދިރިދެމިވުމަށްވެސް ކޮންމެހެން ބޭނުން ވެދޭ އެއްޗެއް؟
އުޅޭހައި ދޫނި ސޫފާ ސޫފިތައް އަދު އެއްގަމާ ކަނޑުގައި،
އުޅޭހައި މަސްމަހާ މެއްސަށް ވިޔަސް ބޭނުން އެއީ އެއްޗެއް؟
މިދުނިޔޭގައި އުޅޭ ހުރިހާ ސައިންސް ވެރީންގެ ތަހްލީލުން،
މިކުރެވޭ ހައި ދިރާސައިން އޭގެ ފައިދާ ހުސްނުވާ އެއްޗެއް؟
މިއަށް ފުރިހަމަ ޖަވާބެއް ދޭން ނިކަން ރަނގަޅަށް ކިޔުއްވާފައި،
މިކަން ހޯދައި ދިރާސާކޮށް ނިކަން ބުނެބަލަ! މި ކޮން އެއްޗެއް؟
