Support Us

ބީ.އެމް.އެލް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި

ބީ.އެމް.އެލް އިން ހަ ރަށެއްގައި އައު ބްރާންޗްގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

ބާސެލޯގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާ ބްރާންޗްތައް ހުޅުވި ރަށްތައް:

1. ހދ. ހަނިމާދޫ

2. އއ. ތޮއްޑޫ

3. ތ. ވިލުފުށި

4. ސ. ހުޅުދޫ

5. ލ. ހިތަދޫ

6. ހދ. ކުޅުދުއްފުށި

މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ. މާދަމާއިން ފެށިގެން މި ބްރާންޗްތަކުން ޚިދުމަތް ލިބޭނެ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.

މީގެ ކުރިންވެސް ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތަށް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މި ވާހަކަ ތަކުރާރުކުރައްވައި މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ ހުރިހާ ކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗްތަކުގެ ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެ މުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި ސްކޭމް ތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ވަމުންދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން."