Support Us

ބީ.އެމް.އެލް އައު ބްރާންޗް ނެޓްވޯކާއި އައު އޭ.ޓީ.އެމްތަކުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި

ބީ.އެމް.އެލް އިން ޤާއިމުކުރި އައު ބްރާންޗް ނެޓްވޯކާއި އަލަށް ޤާއިމުކުރި އޭ.ޓީ.އެމްތަކުގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބީ.އެމް.އެލްގެ އައު ބްރާންޗް ނެޓްވޯކް، ހަ ރަށެއްގައި އެއް ވަގުތެއްގައި އިފްތިތާޙުކޮށްދެއްވައިފައެވެ. ހަމަ މިއާއެކު އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީ.އެމް.އެލްއިން އަލަށް ޤާއިމުކުރި 90 އޭ.ޓީ.އެމްގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވައިފައެވެ. މިރޭ، އެއް ވަގުތެއްގައި އެމަނިކުފާނު އިފްތިތާޙުކޮށްދެއްވީ 70 ޑޮލަރު އޭ.ޓީ.އެމްއާއި ރުފިޔާގެ 20 އޭ.ޓީ.އެމްގެ ޚިދުމަތެވެ.

މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި މީހުން އުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހިންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު އިސްނަންގަވައިގެން ވަނީ ކާމިޔާބު މަޝްރޫޢެއް ކުރިއަށްގެންދަވައިފައެވެ.

އެގޮތުން ކުރިއަށްގެންދިޔަ "ދިވެހީންގެ ބޭންކް- މުޅި ރާއްޖެއަށް" މަޝްރޫޢު ރަސްމީކޮށް ނިންމާލައިފައިވަނީ  މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މިއީ މީހުން އުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިން ޔުނިޓް (އޭ.ޓީ.އެމް)ގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި، އެންމެ ނުވަ މަސްދުވަހުގެ ތެރޭގައި ހިންގެވި މުހިންމު މަޝްރޫޢެކެވެ.

މީހުން އުޅޭ ހުރިހާ ރަށެއްގައި، ސެލްފް ސަރވިސް ބޭންކިން، އޭ.ޓީ.އެމް ޤާއިމުކޮށް، އެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސަބަބުން، ރަށުގައި ތިބެގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް، ފަސޭހައިން ލިބޭނެގޮތް މިހާރުވަނީ ހަމަޖެހިފައެވެ.

ބީ.އެމް.އެލްގެ ބްރާންޗް އަދި އޭ.ޓީ.އެމް ވިއުގަ ފުޅާކޮށް އިފްތިތާޙްކުރުމަށް މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަޒީރުންނާއި، ބީ.އެމް.އެލްގެ އިސްވެރީންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.