ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބީ.އެމް.އެލްގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް އެކެއްގައި ޢިމާރާތްކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ، އަމީން ކޮންސްޓްރަކްޝަނުން ހުޅުމާލޭ ފޭސް އެކެއްގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 364 ހައުސިން ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި އަމީން ކޮންސްޓްރަކްޝަންގެ އިސް ވެރިންނާއި ބީ.އެމް.އެލްގެ އިސް ވެރީންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފޮޓޯއެއް ނެންގެވިއެވެ.

"އެފޯޑަބަލް ހައުސިން" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ.
މިރޭ ފެށި މި މަޝްރޫޢާއެކު، މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3،260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅައިފައެވެ.
ބީ.އެމް.އެލް އިން މިރޭ ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް އެޅުމަށް ނިންމައި އެ ކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާންކޮށްފައެވެ. މިއާއެކު ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިން އިން ޖުމުލަ 3،800 ހައުސިން ޔުނިޓް ތަރައްޤީކުރާނެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.



advertisment

