އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ އިއްތިފާގުން މިއަދު ހުކުމްކޮށްފިއެވެ.
މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އަށް ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅައިފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ޚިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ސުވާލު އޮތީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.



advertisment