Support Us

ބާބުލް މަންދަބު ކަނޑުއޮޅި: ކަރުނައިގެ ދޮރޯށި 

ބާބުލް މަންދަބް (باب المندب) ކަނޑުއޮޅިއަކީ ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ މުހިންމު އެއް މަގެވެ. މިއީ ރަތްކަނޑާއި (ރެޑްސީ) އަދަނު ކަނޑުއޮޅި (ގަލްފް އޮފް އަޑަން) ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އޮންނަނީ އެފްރިކާ ބައްރާއި އަރަބި ބައްރު ގުޅޭ ހިސާބުގައެވެ. މި ކަނޑުއޮޅީގެ އެއްފަރާތުގައި އޮންނަނީ ޔަމަނެވެ. އަނެއް ފަރާތުގައި އޮންނަނީ އެފްރިކާގެ ޖިބޫތީ އާއި އެރިތްރިއާއެވެ. ޔަމަނާއި ޖިބޫޓީއާ ދެމެދުގެ އެންމެ ހަނި ހިސާބުގައި މި ކަނޑުއޮޅީގައި ހުންނަނީ 26 ކިލޯމީޓަރެވެ. މިއީ ހުރުމޫޒު ކަނޑުއޮޅިއަށްފަހު ދުނިޔޭގެ ހަކަތައާއި މުދާ ކަނޑުމަގުން އުފުލުމުގައި ދެން އެންމެ މުހިންމު އެއް "ޗޯކްޕޮއިންޓް" އެވެ.

ކަރުނައިގެ ދޮރޯށި

މި ކަނޑުއޮޅީގެ ނަންކަމުގައިވާ "ބާބުލް މަންދަބު" މި ނަމަކީ ޢަރަބި ނަމެކެވެ. މި ނަމުގެ މާނައަކީ "ކަރުނައިގެ ދޮރޯށި" އެވެ.

މި ނަން މި ސަރަހައްދަށް ދީފައިވާ ސަބަބާ މެދު ހުރި ތާރީޚީ ރިވާތަކުގައި ތަފާތުތައް ހުރެއެވެ. އެހެން ނަމަވެސް މައިގަނޑު އޮންނަނީ ދެ ރިވާއެކެވެ. އޭގެތެރެއިން އެއްގޮތަކީ މި ނަން ދީފައިވަނީ އެ ކަނޑުއޮޅީގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. އެ ސަރަހައްދަކީ ކަނޑުދަތުރުފަތުރު ކުރުމުގައި ކުރީ ޒަމާނުގައި ވަރަށް ނުރައްކާތެރި ގިނަގުނަ ހާދިސާތައް ހިނގައިފައިވާ ސަރަހައްދަކަށް ވާތީއެވެ. އެ ސަރަހައްދުން ދަތުރުކުރި ވަރަށް ގިނަ އަދަދެއްގެ އުޅަނދުފަހަރު ފެތި މީހުން މަރުވެފައިވާތީ މި ނަން ދިނީކަމަށް ބުނެއެވެ. އަނެއް ގޮތަކީ ބިންހެލުމަކާ ގުޅިގެން ދިން ނަމެއް ކަމަށް ބުނެވޭ ބުނެވުމެވެ. ބުނެވޭ ގޮތުގައި މި ކަނޑުއޮޅި އުފެދިގެން ދިޔައީ ވަރަށް ބާރުގަދަ ބިންހެލުމެއް އައިސް އެފްރިކާ ބައްރާއި އަރަބި ބައްރު ވަކިވެގެން ދިޔަދިއުމުގައެވެ. މި ބިންހެލުމުގެ ހާދިސާގައި އެތައް ބަޔަކު ވަނީ މަރުވެގެން ގޮސްފައެވެ.

ކަނޑުއޮޅީގެ މުހިންމުކަން

އިސްތިރާޖީ ގޮތުން ބަލާއިރު ބާބުލް މަންދަބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކަނޑުމަގުން އުފުލާ ތެލާއި މުދަލުގެ ބޮޑު ބައެއް ދަތުރުކުރާ އެއް ކަނޑުއޮޅިއެވެ. ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ސުއޭޒް ކެނަލަށް ދަތުރުކުރާ ކޮންމެ އުޅަނދަކަށް ދަތުރުކުރެވޭނީ މި ކަނޑުއޮޅި ހުރަސްކޮށްގެންނެވެ. އެއްވެސް ސަބަބަކާ ހުރެ މި މަގު ބަންދުވެއްޖެނަމަ ދުނިޔޭގެ މުދަލުގެ އަގަށާއި ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާނެއެވެ. މިއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6.2 މިލިއަނާއި 9.3 މިލިއަން ފީފާއާ ދެމެދުގެ އަދަދެއްގެ ތެޔޮ ދަތުކުރަމުންދާ ކަނޑުއޮޅިއެކެވެ. މިއީ ކަނޑުމަގުން ދަތުރުކޮށް ވިޔަފާރިކުރާ ޖުމުލަ ޕެޓްރޯލިއަމް (ކްރޫޑް އޮއިލާއި ރިފައިންޑް ޕެޓްރޯލިއަމް ޕްރޮޑަކްޓްސް) ގެ ގާތްގަނޑަކަށް 12 އިންސައްތައެވެ. ބާބުލް މަންދަބަކީ މުޅި ދުނިޔޭގެ އިގުތިސާދީ އަދި ސިޔާސީ ބާރުވެރިކަން ދައްކުވައިދޭ މުހިންމު ނާރެހެކެވެ.

ކަނޑުއޮޅީގެ ކޮންޓްރޯލް

މި ކަނޑުއޮޅި އޮންނަ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރަކީ ޔަމަނުގެ އައްސޭރިފަށުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ފަރަންސޭސިވިލާތް ފަދަ ޤައުމުތަކުގެ އަސްކަރީ މަރުކަޒުތައް ޖިބޫތީގައި ގާއިމުކޮށްފައިވެއެވެ. ނަމަވެސް، ފަހަކަށް އައިސް ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، އިޒުރޭލާ ގުޅުންހުރި އުޅަނދުތަކަށް ހޫޘީން ދިން ހަމަލާތަކުގެ ސަބަބުން މި ކަނޑުއޮޅީގެ ޢަމަލީ ކޮންޓްރޯލް އޮތީ ކިހިނެއްކަން ކޮން ބައެއްގެ އަތުގައިކަން ތަސައްވުރު ކުރެވެއެވެ.

ހޫތީންގެ ހަމަލާތަކުގެ ސަބަބުންނާއި ދެމުންދާ އިންޒާރުތަކުގެ ސަބަބުން އެހެން މަގަކުން ދަތުރުކުރާނަމަ ދަތުރުކުރެވޭނީ އެފްރިކާ ވަށައިގެން ދިގު މަގަކުން ދަތުރުކޮށްގެންނެވެ. މީގެ ސަބަބުން މުދާ އުފުލުމަށް ހޭދަވާ ވަގުތު 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އިތުރުވާނެއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލެން މެދުވެރިވާނެ ސަބަބެކެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *