Support Us

ހުޅުމާލޭގައި ހިލޭ ހިންގާ ގުރުއާން ކުލާސްތައް ފަށައިފި

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކްލާސްތައް މިއަދު ފަށައިފިއެވެ.

މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލައި، ރަޖިސްޓްރޭޝަން މަރުހަލާ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ވަނީ ބައިވެރިވެފައި ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

އެ ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ޖިންސުގެ ކުދިން ވަކި ސެޝަންތަކަކަށް ބަހާލައިގެން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައެވެ. އެ ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ކިޔަވައިދިނުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.

"މިއީ، ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައިވެސް މުޖްތަމައުއަށް ފައިދާ ހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ މި ކޯޕަރޭޝަންގެ އަމާޒެކެވެ." އެޗް.ޑީ.ސީން ބުނެއެވެ.