މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިން ބިލްޑިންގުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމީޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.
ހުޅުމާލޭ ފޭސް އެކެއްގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި، ޕާކިން ބިލްޑިންގުގެ ބިންގާ އަޅުއްވައިދެއްވައި، ޢަމަލީ ގޮތުން މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެން.އެކްސް.ޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، 24 މަސްދުވަހުގެ ތެރޭގައި ތަރައްޤީކުރާ 13 ފަންގިފިލާގެ މި ޕާކިން ބިލްޑިންގަކީ ހަތަރު ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިން ބިލްޑިންގެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
"މިއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެ، ޕާކުކުރެވޭނެ ސަރަޙައްދު ނުލިބި، އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްވަވާފައިވާ ރޭވުންތަކުގެ ޢަމަލަކީ މަސައްކަތްތަކުގެ ފެށުމެވެ." ރައީސް އޮފީހުން ބުނެއެވެ.
ގްރޭޓަރ މާލޭ އޭރިއާގެ އާބާދީ އިތުރުވަމުންދިއުމާއެކު، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ހަތް ޕާކިން ބިލްޑިންގު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ ހުރި ހަ ބިލްޑިންގުގެ މަސައްކަތްވެސް، ހަވާލުކޮށްފައިވަނީ ދިވެހި ހަ ކުންފުންޏަކާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މާލޭ ސަރަހައްދުގެ މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕާކިން ބިލްޑިންގު އެޅުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.



advertisment