މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫން ކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް "އެސްޕްރެސޯ ވިތު ރައީސް"ގައި ރޭ، ޒުވާނުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށެވެ. އަދި މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުން ގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިސްލާޙާއި، އަންނަ ހޮނިހިރުގައި ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިހާރުއްސުރެވެސް، އެ ހުށަހެޅުންތަކާމެދު ފިކުރު ހިންގައި، އެ ކަންކަން ބައްޓަންކުރެވިދާނޭ ގޮތްތަކާމެދު ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން، ޕްރޮގްރާމުގެ ބައިވެރިންނާއި އޯޑިއަންސުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ޙިކުމަތާމެދު ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު އެ ވޭތުވާ ފުރަތަމަ ހަ މަސްދުވަހު، ސަރުކާރު ލިމްބޯއެއްގައި އެ އޮންނަ އޮތުން، މިކަމުގެ ސަބަބުން ނިމުމަކަށް ގެނެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެ ލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް އިންތިޚާބު ބޭއްވުމުން، ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެ، އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީކުރާނޭ ފުރުޞަތުވެސް އިތުރުވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނާ ގުޅުން ހުރި ސިންދަފާތު ދާއިރާތަކުން، ސަރުކާރުން ރާވައިފައިވާ އަދި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ތަފާސްހިސާބުވެސް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ، ޒުވާނުން ބާރުވެރިކޮށްގެން، ޒުވާނުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ޤައުމު ކުރިއަށްގެންދަވަން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން، މި ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ ޝޯގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.



advertisment