Support Us

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ގްރޭޓަރ މާލޭ އޭރިއާގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު އެއް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްތަލިބާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ކުރެއްވި މި ޒިޔާރަތުގައި، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

އެމް.އޭ.ސީ.އެލް އާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކައިފައެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމް.އެފް.އެމް.ސީ)ގެ ދަށުން 70 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައި ވާއިރު، މިހާތަނަށް 105 ހެކްޓަރު ވަނީ ހިއްކައިފައެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާއިރު، ކުރިއަށް އޮތް އޭޕްރީލް މަހުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާލެވި، ސަރވޭކޮށް ނިންމައި، ޖޫން މަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި، މިދިޔަ ހަފުތާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވައިފައެވެ.

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35،000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22،000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *