އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ. އަދި އެ ރަސްމިއްޔާތުގައި، ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުންވެސް ބައިވެރިވިއެވެ.
"ރޭ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެންޏާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު/ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެގޮތުން މި އެކުވެނީގައި، ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުންޏެވެ.

"މިއީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ހުޅުމާލެއަކީ ހިތްފަސޭހަ އަދި، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަކީ މި ކޯޕަރޭޝަންގެ އަމާޒެކެވެ."



advertisment

